ސޯޝަލް މީޑިއާގައި އާންމުވި ވީޑިއޯއެއްގައި މަސްތުވާތަކެތި ކަމަށް ބެލެވޭ އެއްޗެއް ވިއްކަނިކޮށް ފެންނަ މީހާ ފުލުހުން ހައްޔަރު ކޮށްފިއެވެ.

ފުލުހުން ބުނީ، ސޯޝަލް މިޑިއާގައި ވައިރަލްވި ވީޑިއޯއިން މަސްތުވާތަކެތި ކަމަށް ބެލެވޭ އެޗެއް ވިއްކަން ހުއްޓާ ފެންނަ އުމުރުން 25 އަހަރުގެ ދިވެހި ފިރިހެން މީހާ ވަނީ އިއްޔެގެ ވަގުތެއްގައި ހައްޔަރު ކޮށްފައި ކަމަށެވެ. އޭނާ ހައްޔަރުކޮށް ބަންދާ މެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރު ކުރުމުން ވަނީ 15 ދުވަހަށް ބަންދުގައި ބެހެއްޓުމަށް މުއްދަތު ޖަހާފައި ކަމަށް ވެސް ފުލުހުން ބުނެއެވެ.

އެ ވީޑިއޯ ސޯޝަލް މިޑިއާގައި ދައުރުވެފައި ވަނީ އިއްޔެގެ ވަގުތެއްގައެވެ. އެ ވީޑިއޯއަކީ އިމާރާތެއްގެ މަތިން ނަގާފައިވާ ވީޑިއޯއެއް ކަމުން މަންޒަރު ފެންނަނީ މަތިންނެވެ. މަގުގެ އެއްފަރާތެއްގައި ޕާކްކޮށްފައި ހުރި ސައިކަލެއްގެ މަތީގައި ދެމީހަކު ތިބޭތަން ފެންނަ އިރު އެތަނުން އެކަކު އަތަށް މީހަކު ފައިސާ ދޭތަން ފެނެއެވެ. އަދި އޭނާގެ ޖީބުންނަގާ އެއްޗެއް ފައިސާ ދޭ މީހާގެ އަތަށް ދޭ ތަން ވެސް ފެނެއެވެ.

މާލޭގެ މަގުމަތީގައި ޑްރަގްސް ވިއްކާ ކަމަށް ބުނެ ދައުރުވި ވީޑިއޯގައި ދެ މީހަކު 100 ރުފިޔާއަށް ޕެކެޓް ގަންނަ މަންޒަރު

40 ސިކުންތުގެ ކުރު މި ވީޑީއޯގައި، ހުދު ކުލައިގެ ގަމީހަކާއި އައިސްބްލޫ ޖިންސެއް ލައިގެން ހުރި އެ ޒުވާނާގެ އަތުން މަސްތުވާތަކެތި ކަމަށް ބެލެވޭ އެއްްޗެހި ދޭ މަންޒަރު ފެނެއެވެ. ޖުމްލަ ތިން މީހަކު އޭނާއަށް ފައިސާ ދީ އެތަކެތި ގަންނަ މަންޒަރު ފެންނަ އިރު އެއިން ކޮންމެ މީހަކު ވެސް އޭނާގެ އަތަށް ދެނީ 100 ރުފިޔާގެ ނޫޓެކެވެ.

މާލޭގެ މަގުމަތީގަައި މަސްތުވާތަކެތި ވިއްކާ ގޮތަަށް މަންޒަރު ފެންނަ މި ވީޑިއޯ ވައިރަލް ވެފައިވާ އިރު، މަސްތުވާތަކެތި ބޭނުން ކުރާތަން ފެންނަ ވީޑިއޯއެއް ވެސް ދާދި ފަހުން ވަނީ އާންމުވެފައެވެ. އެ ވީޑިއޯގައި އެމީހަކު އިންޖެކްޝަނެއް ޖަހާ މަންޒަރު ފެނެއެވެ. މީގެއިތުރުން ވެސް ރޯމާ ދުވާލު މަސްތުގެ ހާލުގައި މަގުމަތީގައި އުޅޭ ޒުވާނުންގެ ވީޑިއޯތައް ވެސް މީގެ ކުރިން ފެނިފައިވާ އިރު، އަދުގެ ޒުވާނުންގެ ބޮޑު ޖީލެއް ވަނީ މަސްތުވާތަކެތީގެ ވަބާގައި ޖެހިފައެވެ.

މަސްތުވާތަކެތީގެ މައްސަލަތައް ހައްލު ކުރުމަށް ދިވެހި ފުލުހުން އަންނަނީ ހާއްސަ އޮޕަރޭޝަންތައް ހިންގަމުންނެވެ. އަދި މަސްތުވާތަކެތީގެ ވަބާގައި ޖެހޭ މީހުންނަށް ފަރުވާދީ އެމީހުންނަކީ މަސައްކަތްތެރި އަދި މުޖުތަމައުން ބަލައިގަންނާނެ ބަޔަކަށް ހެދުމަށް ވެސް ސަރުކާރުން އަންނަނީ މަސައްކަތްތައް ކުރަމުންނެވެ.