ތުރުކީއާއި ސީރިއާ ގުޅޭ ބޯޑަރަށް ރިކްޓާ މިންގަނޑުން 7.8 ގެ ބާރު މިނުގައި އައި ބިންހެލުމުގެ ސަބަބުން ހާލުގައި ޖެހުނު މީހުންނަށް އެހީތެރި ވުމުގެ ގޮތުން ހުޅުވާލި ރިލީފް ފަންޑަށް 48 ގަޑިއިރު ތެރޭގައި 200،000 އަށް ވުރެ ގިނަ ދިވެހި ރުފިޔާގެ އެހީ ލިބިފައިވާ ކަމަށް މޯލްޑިވްސް ރެޑް ކްރެސެންޓް އިން ހާމަ ކޮށްފިއެވެ.
މި ފަންޑް ރެއިސިންގް ކުރިއަށް ދަނީ އިންޓަނޭޝަނަލް ފެޑެރޭޝަން އޮފް ރެޑް ކްރޮސް އެންޑް ރެޑް ކްރެސެންޓް ސޮސައިޓީ (އައިއެފްއާރްސީ) އިން ނެރެފައިވާ 200 މިލިއަން ފްރެންކްސްގެ އިމަޖެންސީ އެހީގެ އިލްތިމާސްއަށް އިޖާބަ ދިނުމުގެ ގޮތުން ކަމަށް ރެޑް ކްރެސެންޓް އިން ބުނެއެވެ. އެހެންކަމުން، މިހާ ކުޑަވަގުތު ކޮޅެއްގެ ތެރޭގައި ދިވެހި ރައްޔިތުންގެ ފަރާތުން ލިބިގެން ދިޔަ އެއްބާރުލުމާ އެހީތެރިކަމަށް އެ އިދާރާއިން ވަނީ ޝުކުރު އަދާކޮށްފައެވެ.
މިމަހުގެ 7 ވަނަ ދުވަހުން ފެށިގެން 14 ވަނަ ދުވަހުގެ ނިޔަލަށް ހިންގާ ފަންޑް ރެއިޒިންގެ އެންމެ ބޮޑު އެއް ބޭނުމަކީ މި ކާރިސާގެ ސަބަބުން ގެއްލުން ލިބުނު މީހުންނަށް އިންސާނީ މުހިންމު އެހީތެރިކަން ފޯރުކޮށްދިނުން ކަމަށް ރެޑް ކްރެސެންޓް އިން މައުލޫމާތު ދިނެވެ.
އެހީތެރިކަން ފޯރުކޮށްދޭން ބެނުންވާ ފަރާތްތަކުން ތިރީގައިވާ އެކައުންޓް ހިޔާރު ކުރުމަށް އެ އިދާރާއިން އެދެއެވެ.
ބޭންކް އެފް މޯލްޑިވްސް:
Account Name: Maldivian Red Crescent
Account Number: 7701-176022-001 [MVR]
Account Number: 7701-176022-002 (USD)
މޯލްޑިވްސް އިސްލާމިކް ބޭންކް:
Account Name: Maldivian Red Crescent
(Account Number: 9901-01-55500036-100 (MVR
Account Number: 9901-01-55500036-200 (USD)
މީގެ އިތުރުންވެސް އިންސާނީ އެހީތެރިކަން ފޯރުކޮށްދިނުމަށް ކުރަމުންދާ އެކި އެކި މަސައްކަތުގައި އަމިއްލަ ފަރުދުންނާއި ދައުލަތުގެ އެކި އިދާރާތަކުގެ އިތުރުން އަމިއްލަ ވިޔަފާރިތަކުގެ ފަރާތުން ކެނޑިނޭޅި ލިބެމުންދާ އެހީތެރިކަމާއި އެއްބާރުލުމަށް ޝުކުރު އަދާކޮށްފައި ވެއެވެ.
ތުރުކީގެ ބިންހެލުމުގައި ގެންލުންވި ފަރާތްތަަކަށް ދިވެހިންގެ ނަމުގައި 1،000.000 މަސްދަޅު ދޭން މިއަދު ސަރުކާރުން ވަނީ އިއުލާން ކޮށްފައެވެ.