މިދިޔަ ހޯމަދުވަހު ތުރުކީއާއި ސީރިއާ ގުޅޭ ބޯޑަރަށް ރިކްޓާ މިންގަނޑުން 7.8 ގެ ބާރު މިނުގަ އައި ބިންހެލުމުގެ ސަބަބުން ހާލުގައި ޖެހުނު ދެ ގައުމުގެ ފަރާތްތަކަށް، ދިވެހިންގެ ނަމުގައި ޖުމްލަ 1،000،000 މަސްދަޅު ހަދިޔާ ކުރަން ރައީސް، އިބްރާހިމް މުހައްމަދު ސޯލިހް ނިންމަވައިފިއެވެ.

މި ނިންމުން ނިންމާފައި ވަނީ، ދެ ގައުމުގެ ރައްޔިތުންނަށް އެހީވުމަށް ކުރިއަށްދާ ރިލީފް މަސައްކަތުގެ ތެރެއިން ރައްޔިތުންނަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ކޮންމެ ގައުމަކަށް 500،000 މަސްދަޅެވެ. މީގެ ކުރިން ރައީސް ސޯލިހް ވަނީ ދެ ގައުމުގެ އިސް ލީޑަރުންނަށް ތައުޒިޔާގެ މެސެޖް ފޮނުއްވާފައެވެ.

އެގޮތުން ބާރުގަދަ ބިންހެލުމުގެ ސަބަބުން އެތައް ބަޔަކު މަރުވި ހަބަރު ލިބިވަޑައިގަތުމުން ހިތާމަ ކުރައްވާ ކަމަށާއި އަދި ދިވެހިރާއްޖެ ވަނީ ތުރުކީ އާއި ސީރިއާގެ ރައްޔިތުންނާ އެކުގައި ކަމަށް އެމަނިކުފާނު ވިދާޅުވެފައި ވެއެވެ. މިހާތަނަށް މި ބިންހެލުމުގެ ސަބަބުން 20،000 މީހުން މަރުވެފައި ކަަމަށް ރިޕޯޓް ކޮށްފައިވާ އިރު، ގިނަ އަދަދެއްގެ ބަޔަކު ޒަހަމްވެގެން ދަނީ ފަރުވާދެމުންނެވެ.

ސީރިއާ އަށް އައި ބިންހެލުމުގައި ބިމާ ހަމަވެފައިވާ އިމާރާތެއްގެ ދަށުން މީހުން ސަލާމަތް ކުރުމުގެ މަސައްކަތް ކުރާ މީހެއް

މި ބިންހެލުމުގެ އަސަރު އެތައް މޭލެއްގެ ދުރަށް ކޮށްފައި ވާ އިރު، އިމާރާތްތައް ވެއްޓި ފުނޑުފުނޑުވެ އެތައްބަޔަކު އަދިވެސް ވަނީ ގާކުނޑިތަކުގެ ދަށުގައެވެ. މި ބިންހެލުމާއެކު 140 އަށް ވުރެ ގިނަ އާފްޓާ ޝޮކް (އިތުރު ލޮޅުންތައް) އަރާފައިވެއެވެ. އަދިވެސް ކުދިކުދި ލޮޅުންތައް އަންނަމުން ދާ އިރު، ބޯ ފިންޏާއި ބާރު ވައިގެ އިތުރުން ކަރަންޓުގެ އަލިކަން ނެތުމުގެ ސަބަބުން ރެސްކިއު މަސައްސަކަތްތަކަށް ވެސް ދަނީ ހުރަސް އެޅެމުންނެވެ.

މީގެ އިތުރުންވެސް މީހުން ހޯދުމުގެ ކާމިޔާބު މަސައްކަތްތަކެއް ކޮށްފައިވާ މެކްސިކޯގެ ކުއްތާ ސްކޮޑް ތުރުކީއަށް ފޮނުވައި މީހުން ހޯދުމުގެ މަސައްކަތް ފުޅާކޮށްފައި ވެއެވެ. މިއީ 1939 އަށް ފަހު ތުރުކީއަށް އައި އެންމެ ބާރުގަދަ ބިންހެލުމެވެ.