އިންޓަ-ޕާލިމެންޓަރީ ޔުނިއަން (އައިޕީޔޫ) ގެ 152 ވަނަ އެސެމްބްލީގައި ބައިވެރިވެވަޑައިގަތުމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުالله ތުރުކީވިލާތުގެ އިސްތަންބޫލަށް މިއަދު ފުރާވަޑައިގެންފިއެވެ.
މި ދަތުރުފުޅުގެ މައިގަނޑު މަގްސަދަކީ ދުނިޔޭގެ އެކި ކަންކޮޅުތަކުގެ ގާނޫނުހަދާ މަޖިލިސްތަކުގެ މަންދޫބުން އެއްތަންވެ، ބައިނަލްއަގްވާމީ މުހިންމު މައްސަލަތަކާ މެދު މަޝްވަރާކުރާ މި ބޮޑު އެސެމްބްލީގައި ދިވެހިރާއްޖެ ތަމްސީލުކުރެއްވުމެވެ. މީގެ އިތުރުން، އެހެން ގައުމުތަކުގެ ގާނޫނުހަދާ މަޖިލިސްތަކުގެ އިސްވެރިންނާއެކު ގުޅުން ބަދަހިކުރެއްވުމަކީ ވެސް މި ދަތުރުފުޅުގެ އަމާޒެކެވެ.
މަޖިލީހުގެ ރައީސްގެ އަރިހުގައި ރާއްޖޭގެ ގާނޫނުހަދާ މަޖިލީހުގެ ވަފުދެއް ވެސް މި ދަތުރުގައި ބައިވެރިވެވަޑައިގަންނަވައެވެ.
ތުރުކީވިލާތުގެ ގްރޭންޑް ނޭޝަނަލް އެސެމްބްލީން ހޯސްޓުކޮށްގެން ބާއްވާ އައިޕީޔޫގެ 152 ވަނަ އެސެމްބްލީ ކުރިއަށްދާނީ މި މަހުގެ 15 އިން 19 އާ ހަމައަށް ހިލްޓަން އިސްތަންބޫލް ބޮމޮންޓީ ހޮޓެލް އެންޑް ކޮންފަރެންސް ސެންޓަރުގައެވެ. މިއަހަރުގެ އެސެމްބްލީގެ މައިގަނޑު ޝިއާރަކީ "މުސްތަގްބަލުގެ ޖީލުތަކަށް އުންމީދު އާލާކޮށް، ސުލްހަ ކަށަވަރުކޮށް އަދި އިންސާފު ގާއިމުކުރުން" މިއެވެ.
މި އެސެމްބްލީގެ އެޖެންޑާގައި ހިމެނޭ އެންމެ މުހިންމު މައުލޫއުތަކުގެ ތެރޭގައި، ހަނގުރާމަތަކަށްފަހު ސުލްހަ ބިނާކުރުމާއި، އިގްތިސާދީ އެއްބާރުލުމާއި، ގާނޫނުހަދާ މަޖިލިސްތަކުގެ މެންބަރުންގެ އިންސާނީ ހައްގުތަކާއި، ނުކުޅެދުންތެރިކަން ހުންނަ ފަރާތްތައް ބާރުވެރިކުރުވުމުގެ އިތުރުން ފަލަސްތީނުގެ މައްސަލަ އާއި މޫސުމީ ބަދަލުތައް ހިމެނެއެވެ. މީގެ އިތުރުން، އައިޕީޔޫގެ އާ ސެކްރެޓަރީ ޖެނެރަލް އިންތިހާބު ކުރުމާއި، 2027 އިން 2032 އަށް އެކުލަވާލާ އައިޕީޔޫގެ އާ ސްޓްރެޓެޖީ ފާސްކުރުން ވެސް މި އެސެމްބްލީގައި އޮންނާނެއެވެ.
