ތުރުކީގެ މައި އިދިކޮޅު ޕާޓީ ކަމަށްވާ ރިޕަބްލިކަން ޕީޕަލްސް ޕާޓީ (ސީއެޗްޕީ) ގެ ލީޑަރުން މަގާމުން ދުރުކުރުމަށް ކޯޓުން ކުރި ހުކުމަކާ ގުޅިގެން، އެ ޕާޓީގެ މައި އިދާރާއަށް ތުރުކީގެ ރަޔަޓް ފުލުހުން އާދީއްތަ ދުވަހު ގަދަކަމުން ވަދެގަނެފިއެވެ. ވެރިރަށް އަންކާރާގައި ހުންނަ ސީއެޗްޕީގެ އިމާރާތަށް ފުލުހުން ވަދެފައިވަނީ ކަރުނަގޭސް ބޭނުން ކޮށްގެންނެވެ. ފުލުހުން އެ އިމާރާތަށް ވަންއިރު، ޕާޓީގެ މެމްބަރުން ވަނީ އިމާރާތުގެ ދޮރުތައް ބަންދުކޮށް، ބެރިކޭޑުތައް އަތުރައި ފުލުހުންނަށް ހުރަސްއެޅުމަށް މަސައްކަތް ކޮށްފައެވެ.
މި ހާދިސާގެ މަންޒަރުތަކުން ފެންނަ ގޮތުގައި އިމާރާތުގެ އެތެރޭގައި ތިބި މީހުން ވަނީ ފުލުހުންނާ ދިމާއަށް އެކި ތަކެތި އުކައި، އަޑުގަދަ ކޮށްފައެވެ. އަދި ފުލުހުންނާ ދިމާއަށް ފެން ވެސް ޖަހާފައި ވެއެވެ. ފުލުހުން އިމާރާތަށް ވަދެގަތުމާއެކު، ޕާޓީގެ ލީޑަރު އޮޒްގުރް އޮޒެލް ވަނީ އިމާރާތުން ނުކުމެވަޑައިގަތުމަށް ފަހު، ބޭރުގައި އެއްވެ ތިބި ސަޕޯޓަރުންނާ މުހާތަބުކުރައްވައި އޮޒެލް ވިދާޅުވި ގޮތުގައި، އެ މީހުން އިމާރާތުން ނެރެލި ނަމަވެސް، ދެން ސީއެޗްޕީ ފެންނާނީ މަގުތަކާއި މައިދާންތަކުން ކަމަށެވެ. އަދި އެއަށްފަހު އޭނާ ވަނީ ސަޕޯޓަރުންނާއެކު ތުރުކީގެ ގާނޫނުހަދާ މަޖިލީހާ ދިމާއަށް ހިނގާލުމެއް ފައްޓަވާފައެވެ.
ފުލުހުން މި އޮޕަރޭޝަން ހިންގާފައިވަނީ، 2023 ވަނަ އަހަރު އޮޒެލް ޕާޓީގެ ލީޑަރުކަމަށް އިންތިހާބުކުރި ކޮންގްރެސްއަކީ ބާތިލު ކޮންގްރެސްއެއް ކަމަށް ކަނޑައަޅައި، އަންކާރާގެ އިސްތިއުނާފީ ކޯޓަކުން ބުރާސްފަތި ދުވަހު ކުރި ހުކުމެއް ތަންފީޒު ކުރުމުގެ ގޮތުންނެވެ. އެ ހުކުމުގައި އަންގާފައިވަނީ އޮޒެލްގެ ބަދަލުގައި، އޭނާގެ ކުރިން ޕާޓީގެ ލީޑަރުކަމުގައި ހުންނެވި އުމުރުން 77 އަހަރުގެ ކެމާލް ކިލިޗްދަރޯގްލޫއާ ވަގުތީ ގޮތުން ޕާޓީ ހަވާލުކުރުމަށެވެ. ކިލިޗްދަރޯގްލޫއަކީ 2023 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ރައީސް ރަޖަބް ތައްޔިބު އުރުދުގާންއާ ވާދަކުރައްވައި ނާކާމިޔާބުވެވަޑައިގަތް ބޭފުޅެކެވެ. ކޯޓުން މިގޮތަށް ނިންމާފައިވަނީ 2023 ވަނަ އަހަރުގެ ޕާޓީ އިންތިހާބުގައި ވޯޓު ގަނެފައިވާ ކަމަށް ބުނެ ހުށަހެޅުނު މައްސަލަތަކަކާ ގުޅިގެންނެވެ.
ތުރުކީގެ މީޑިއާތަކުން ރިޕޯޓުކޮށްފައިވާ ގޮތުގައި، ކިލިޗްދަރޯގްލޫގެ މަންދޫބުން ވަނީ ޕާޓީގެ އޮފީހާ ހަވާލުވުމަށް ފުލުހުންގެ އެހީތެރިކަމަށް އެދިފައެވެ. އެއީ އޮޒެލްގެ ސަޕޯޓަރުން އެ މީހުންނަށް އިމާރާތަށް ވަނުމަށް ހުރަސްއަޅަމުންދާތީއެވެ. އެއާއެކު، އަންކާރާގެ ގަވަރުނަރު ވަނީ ކޯޓުގެ ނިންމުން ތަންފީޒުކުރުމަށް ފުލުހުންނަށް އަންގަވާފައެވެ. މި ނިންމުމާއެކު ޕާޓީގެ މުޅި އެގްޒެކެޓިވް ކޮމިޓީ ބަދަލުވެ، އެ ކޮމިޓީން ނިންމާފައިވާ ނިންމުންތައް ބަލައިނުގަންނާނެ ކަމަށް ވަނީ ބެލެވިފައެވެ.
މި މައްސަލައާ ގުޅިގެން ބައިނަލްއަގުވާމީ އިންސާނީ ހައްގުތަކަށް މަސައްކަތްކުރާ ޖަމިއްޔާ، ހިއުމަން ރައިޓްސް ވޮޗް (އެޗްއާރްޑަބްލިއު) އިން ހޮނިހިރު ދުވަހު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، ރައީސް އުރުދުގާންގެ ސަރުކާރުން ސީއެޗްޕީއާ ދެކޮޅަށް ހިންގަމުންދާ އަމަލުތަކަކީ ތުރުކީގެ ޑިމޮކްރަސީއަށް ދެވޭ ވަރަށް ބޮޑު ގެއްލުމެއް ކަމަށެވެ. އަދި މިއީ ސިޔާސީ ބާރެއްގެ ގޮތުގައި އޮތް ސީއެޗްޕީ ނައްތާލުމަށް ސަރުކާރުން ރާވައިގެން ހިންގާ އަމަލުތަކެއް ކަމަށް ވެސް އެ ޖަމިއްޔާއިން ފާހަގަކޮށްފައިވެއެވެ. އޮޒެލްގެ ލީޑަރޝިޕްގެ ދަށުން ސީއެޗްޕީން ވަނީ 2024 ވަނަ އަހަރު ބޭއްވި ލޯކަލް ކައުންސިލް އިންތިހާބުގައި ވެރިކަންކުރާ އޭކޭ ޕާޓީގެ މައްޗަށް ބޮޑު ކާމިޔާބީއެއް ހޯދާފައެވެ.
2003 ވަނަ އަހަރުން ފެށިގެން ތުރުކީގެ ވެރިކަމުގައި ހުންނެވި އުރުދުގާންގެ ސަރުކާރުން އިދިކޮޅު ފަރާތްތަކަށް އަމާޒުކޮށް ގިނަ ފިޔަވަޅުތަކެއް އަޅަމުންދާ ކަމަށް ފާޑުކިޔާ ފަރާތްތަކުން ބުނެއެވެ. އުމުރުން 72 އަހަރުގެ އުރުދުގާންއަށް 2028 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ވާދަކުރެއްވޭނީ، ގާނޫނުއަސާސީއަށް ބަދަލު ގެނެސްގެން ނުވަތަ އޭގެ ކުރިން އަވަސް އިންތިހާބެއް ބާއްވައިގެންނެވެ. އެހެންކަމުން، އިދިކޮޅު ފަރާތްތައް ބަލިކަށިކޮށްލުމަށް ސަރުކާރުން މަސައްކަތްކުރާ ކަމަށް އޮޒެލް ވަނީ ތުހުމަތުކުރައްވާފައެވެ. ނަމަވެސް ތުރުކީގެ ޖަސްޓިސް މިނިސްޓަރު އަކިން ގުރްލެކް ވިދާޅުވި ގޮތުގައި، އިސްތިއުނާފީ ކޯޓުގެ ނިންމުމަކީ ޑިމޮކްރަސީއާމެދު ރައްޔިތުންގެ އިތުބާރު ކަށަވަރުކޮށްދޭ ނިންމުމެކެވެ. ގުރްލެކްއަކީ މީގެ ކުރިން އިސްތަންބޫލްގެ ޗީފް ޕްރޮސެކިއުޓަރެއްގެ ގޮތުގައި ހުންނަވައި، އިދިކޮޅު ފަރާތްތަކާ ދެކޮޅަށް ގިނަ ތަހުގީގުތަކެއް ހިންގުމުގައި އިސްކޮށް ހަރަކާތްތެރިވެވަޑައިގަތް ބޭފުޅެކެވެ.
އިދިކޮޅު ފަރާތްތަކާ ދެކޮޅަށް ހިންގޭ ތަހުގީގުތަކުގެ ތެރޭގައި، އިސްތަންބޫލްގެ މޭޔަރު އެކްރެމް އިމާމޯގްލޫގެ މައްޗަށް ކުރެވޭ ކޮރަޕްޝަންގެ ދައުވާތައް ހިމެނެއެވެ. އުރުދުގާންގެ އެންމެ ބޮޑު ސިޔާސީ ވާދަވެރިޔާ ކަމަށް ބެލެވޭ އިމާމޯގްލޫ މިހާރު ވެސް ހުންނެވީ ޖަލުގައެވެ. އޭނާގެ މައްޗަށް 142 ދައުވާއެއް އުފުލާފައިވާއިރު، ކުށް ސާބިތުވެއްޖެނަމަ 2،430 އަހަރުގެ ޖަލު ހުކުމެއް އައުން އެކަށީގެންވެއެވެ. ސީއެޗްޕީން ވަނީ ކޯޓުގެ ނިންމުން ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކުރާނެ ކަމަށް ބުނެފައެވެ. ނަމަވެސް ޕާޓީގެ މައި އިދާރާ ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިއުމާއެކު، 2028 ވަނަ އަހަރުގެ ރިޔާސީ އިންތިހާބަށް ތައްޔާރުވަމުންދާ އިދިކޮޅު ފަރާތްތަކަށް ވަނީ ބޮޑެތި ގޮންޖެހުންތަކަކާ ކުރިމަތިލާން ޖެހިފައެވެ.
