ރާއްޖެއިން ޑީޕޯޓް ކޮށްފައިވާ 2 ބިދޭސީ އަކު މަގާމުގެ ނުފޫޒު ބޭނުން ކޮށްގެން އެތެރެ ކުރި މައްސަލައިގައި ހިމެނޭ އިމިގްރޭޝަންގެ ދެ އޮފިސަރަކު ވަޒީފާއިން ވަކި ކޮށްފިއެވެ.

މި ކަން ހިނގާފައި ވަނީ 2018 ވަނަ އަހަރުގެ ތެރޭގައެވެ. އޭރު ރާއްޖެއިން ޑީޕޯޓް ކޮށްފައިވާ ބްންގްލަދޭޝް ދެ މީހަކު އިމިގްރޭޝަންގެ އިސް އޮފިސަރެއްގެ ނުފޫޒުން ވަނީ ރާއްޖެއަށް އަލުން އެތެރެ ވެފައެވެ. އެއީ އޭރު އެއާޕޯޓު ބެޗް އިންޗާޖުގެ މަސްއޫލިއްޔަތު އަދާކުރަމުން ދިޔަ ޗީފް އިމިގްރޭޝަން އޮފިސަރު އަހުމަދު ގާސިމާއި އިމިގްރޭޝަންގެ ޒިންމާދާރު ވެރިޔާގެ މަގާމު ފުރުއްވި މޫސާ ރަމީޒެވެ.

އިމިގްރޭޝަން ކޮންޓްރޯލަރު މުހައްމަދު އަހުމަދު ހުސައިން (ހަނަފީ) މަގާމާ ހަވާލުވެވަޑައިގަތުމަށް ފަހު ވަނީ އެ މައްސަލަަ ބެލުމަށް ކޮމިޓީއެއް އެކުލަވާފައެވެ. އަދި މައްސަލަ ބެލުމަށް ފަހު އެ ދެމީހުން ވަޒީފާއިން ވަކިކޮށްފައި ވާ ކަން 'ދަ ޕްރެސް' އަށް ހަނަފީ ވަނީ ޔަގީންކޮށްދެއްވާފައެވެ.

"އިމިގްރޭޝަނަކީ ބޯޑާ ސެކިއުރިޓީގެ އެއް މުއައްސަސާ. އިމިގްރޭޝަންގެ އޮފިސަރެއްގެ ފުރަތަމަ ޝަރުތަށް ވާންޖެހޭނީ ނަޒާހަތްތެރިވުން. ގާނޫނާ ގަވައިދާ މިހުރިހާ ކަމަކަށް ރެސްޕެކްޓް ކުރަން ޖެހޭނެ. ފުރަތަމަ ވެސް ގައުމު ދެވަނައަށް ވެސް ގައުމު އިސް ކުރަން ޖެހޭނީ. އޭގެ ބަދަލުގައި އަމިއްލަ މަންފާއަށް އެކަހަލަ ކަންކަން އިސްކުރީމަ އެ ލިބެނީ ގައުމަށް ވަރަށް ބޮޑު ގެއްލުމެއް. އަޅުގަނޑު ކަށަވަރު ކުރާނަން އިރާދަކުރެއްވިއްޔާ މިގޮތަށް އެއްވެސް އެއްވެސް އޮފިސަރެއް ދާ ނަމަ ވަޒީއެއް އަޅުގަނޑު ނުދޭނަން."
އިމިގްރޭޝަން ކޮންޓްރޯލަރު މުހައްމަދު އަހުމަދު ހުސައިން (ހަނަފީ)

ހަނަފީ ވިދާޅުވީ، އިމިގްރޭޝަންގެ އޮފިސަރެއްގެ ގޮތުގައި މަސައްކަތް ކުރާ މުވައްޒަފުން އެންމެ ފުރަތަމަ އަދި ދެވަނައަށް ވެސް އިސްކަން ދޭން ވާނީ ގައުމަށް ހިދުމަތް ކޮށް ދިނުން ކަމަށާއި ގާނޫނާއި ގަވާއިދުގައި ހުރި ކަންކަމަށް އޮފިސަރުން އިހްތިރާމް ކުރަން ޖެހޭނެ ކަމަށެވެ. ނަޒާހާތްތެރިކަމެއް ނެތި މިފަދަ މައްސަލަތައް ދިމާވާ ނަމަ އެ ފަދަ އޮފިސަރުން ވަކި ކުރާނެ ކަމަށާއި އަދި އެ ފަދަ ބަޔަކަށް ވަޒީފާ ނުދޭނެ ކަމަށް ހަނަފީ ވިދާޅުވިއެވެ.

ތަހުގީގަށް ފާހަގަ ކުރެވުނު ކަންކަމުގެ ތެރޭގައި ޑީޕޯޓްކުރި ދެ ބިދޭސީއަކު ރާއްޖެއަށް އެތެރެކުރި ކަން އެނގިގެން އޮފިސަރުންތަކެއް ވަނީ އިމިގްރޭޝަންގެ ޒިންމާދާރު ވެރިޔާގެ މަގާމުގައި ހުންނެވި ރަމީޒަށް އަންގާފައެވެ. ނަމަވެސް އޭނާ އެކަމާ އަޅާ ނުލައްވައި މައްސަލަ ބަލައި ދޫކޮށްލެވި ކަމަށް އެ މައްސަލަ ތަހުގީގު ކުރި އިރު ވަނީ އެނގިފައެވެ. މީގެ އިތުރުން ގާސިމަށް އިދާރީ ގޮތުން ފިޔަވަޅު އަޅާފައިވާ އިރު، އެ މައްސަލައިގައި ބަޔާން ދިން ބައެއް އޮފިސަރުންގެ ބަޔާން ވެސް ރަމީޒުގެ ނުފޫޒުން ވަނީ ބަދަލު ކޮށްފައެވެ. އަދި ބަޔާން ބަދަލު ކުރި ސަބަބެއް ކަމަށް ތަހުގީގު ގައި ރަމީޒު ބުނެފައި ވަނީ އޮފިސަރަކަށް ދެރަ ގޮތެއް ދިމާވަން ބޭނުން ނުވާތީ ކަމަށެވެ.

ގާސިމް ވަނީ އޭނާގެ ވަޒީފާގެ މަސްއޫލިއްޔަތު އަދާކުރުމުގައި ރަސްމީ ހައިސިއްޔަތުން އޭނާއަށް ލިބިފައިވާ މައުލޫމާތު ނަހަމަ ގޮތުގައި ބޭނުން ކޮށްފައިވާ ކަމަށް ތަހުގީގު ކުރި ކޮމިޓީން ފާހަގަ ކުރެއެވެ.

ޑީޕޯޓްކުރާ މީުން އަލުން ރާއްޖެއަށް އަްނަނ މައްސަލަތަކުގެ ވާހަކަތައް ދެކެވޭ ނަމަވެސް މިއީ މިފަދަ މައްސަލައެއް ބަލައި ތަހުގީގުކޮށް އެ ކަމުގައި ޝާމިލުވި އިމިގްރޭޝަން އޮފިސަރުންނާ މެދު ފިޔަވަޅު އެޅި ފުރަތަމަ ފަހަރެވެ. މީގެ ކުރިން މިފަދަ މައްސަލަަތަކުގައި އިމިގްރޭޝަނަށް ގިނަ ބަޔަކު ފާޑުކީ ނަމަވެސް، އެފަދަ މައްސަލަތައް ބަލައި ފިޔަވަޅު އަޅާފައެއް ނުވެއެވެ. އެހެންކަމުން ޑީޕޯޓް ކުރާ މީހުންގެ އިތުރުން، ގަވައިދާ ހިލާފު ލިޔެ ކިޔުންތަކާއެކު ބިދޭސީޏް އެތެރެ ކުރާ މައްސަލައިގައި އިމިގްރޭޝަންގެ އަތެއް އޮންނަ ކަމަށް ގިނަ ބަޔަކު ގަބޫލު ކުރެއެވެ.