ދޮގު ބަޔާން ދިން ކަމަށް ބުނާ މައްސަލައިައި މާލޭސިޓީގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ހުށަހަޅުއްވާފައި ހުރި ހެކިތައް ބަލައިނުގަތުމަށް ދައުލަތުން އެދުނު ނަމަވެސް އެގޮތަށް ނިންމޭނެ ސަބަބެއް ނެތް ކަމަށް ކްރިމިނަލް ކޯޓުން ނިންމައިފައެވެ.
ނޫމަޑި ރިސޯޓްސް އެންޑް ރެސިޑެންސްގެ ކަންކަމާ ގުޅޭ ގޮތުން ދޮގު ބަޔާން ދެއްވާފައިވާތީ މުއިއްޒުގެ މައްޗަށް ގާނޫނު ނަންބަރު 2014/09 ގެ 520 ވަނަ މާއްދާގެ (ހ) އާ ހަވާލާދީ އެ މާއްދާގެ (ބ) ގެ ދަށުން ދޮގު ބަޔާން ދިނުމުގެ ކުށުގެ ދައުވާ ވަނީ ކޮށްފައެވެ.
މި މައްސަލައިގެ މިމަހު 2 ވަނަ ދުވަހު ބޭއްވި އަޑުއެހުމުގައި ދައުލަތުގެ ވަކީލު ވިދާޅުވީ، ތަހުގީގުގައި މުއިއްޒު ހަނު ހުރުމުގެ ހައްގު ބޭނުން ކުރައްވާފައިވާ ކަމަށާއި، ނަމަވެސް އޭނާއާ އެއްކޮޅަށް ހުރި ހެކިތައް ހާމަ ކުރުމަކީ އޭނާގެ މައްޗަށް އޮތް ޒިންމާއެއް ކަމަށެވެ. މީގެ އިތުރުން ތަހުގީގު މަރުހަލާގައި ހަނު ހުރުމަށް ފަހު، އަދި މުއިއްޒު އާބިޓްރޭޝަނަށް ދީފައިވާ ކަމަށް ބުނާ "ވިޓްނަސް ސްޓޭޓްމަންޓް" އަށް ވެސް އިންކާރު ކޮށްފައި ނުވާ ކަމަށް ދައުލަތުގެ ވަކީލު ވަނީ ފާހަގަކުރައްވާފައެވެ.
އެހެންކަމުން އެ ބަޔާނުގައި ފެންނަ މުއިއްޒުގެ ސޮއި ކަމަށް ބުނާ ސޮޔަކީ އޭނާގެ ސޮއި ނޫން ކަމަށް ސާބިތުކުރަން މުއިއްޒުގެ ސޮއި ދަންނަ އަދި ދެކެފަރިތަ ތިން މީހަކު ދިފާއީ ހެކިން ގޮތުގައި ހުށަހެޅިޔަސް އެ ހެކިން ބަލައިނުގަނެވޭނެ ކަމަށް ދައުލަތުގެ ވަކީލު ވިދާޅުވިއެވެ. ދައުލަތުން ވަނީ ދިފާއީ ހެކިތައް ޝަރީއަތަށް ބަލައިނުގަތުމަށް އެދިފައެވެ.
އެ މައްސަލަ ބައްލަވާ ގާޒީ ސޮފްވަތު ހަބީބު މިއަދު އޮތް އަޑުއެހުމުގައި ވިދާޅުވީ ޝަރީއަތުގެ ކުރިން ދައުލަތުން ދިފާއީ ހެކިން ބަލައިނުގަތުމަށް ހުށަހެޅި ހުށަހެޅުމާއެކު، ހެކިތައް ބަލައިނުގަންނަންވީ ސަބަބެއް އެކަށީގެންވާ ގޮތެއްގައި ބަޔާންކޮށްދީފައި ނެތް ކަމަށެވެ.
މި މައްސަލާގައި ދައުލަތުން ހުށަހަޅާފައިވާ ބައެއް ހެކިން ކޯޓުގައި ހެކިބަސް ދިނުމަށް އިންކާރުކޮށް ކޯޓަށް ސިޓީ ފޮނުވާފައިވާ ކަމަށާއި، އެހެންނަމަވެސް އެމީހުން ހެކިންގެ ގޮތުގައި ހުށަހަޅާފައިވާތީ ކޯޓަށް ހާޒިރުކުރައްވާނެކަމަށް ގާޒީ ވިދާޅުވިއެވެ.
އެ މައްސަލައިގައި ދެން އޮންނާނީ، ޝަރީއަތް ފަށައި ހެކީންގެ ހެކިބަސް ނެގުމެވެ. އެގޮތުން ދައުލަތުގެ ހެކިންގެ ހެކިބަސް ނެގުމަށްޓަކައި މި މަހުގެ 20 ވަނަ ދުވަހާއި 22 ވަނަ ދުވަހު އަޑުއެހުމެއް ބާއްވާނެ ކަމަށް ގާޒީ ވިދާޅުވިއެވެ.
އެހެން ނަމަވެސް މުއިއްޒުގެ ދިފާއީ ހެކިންގެ މައްސަލަ ދައުލަތުން ހައި ކޯޓުގައި އިސްތިއުނާފް ކުރާނަމަ، ދިފާއީ ހެކިބަސް ނެގުން ފަސްކުރާނެ ކަމަށް ގާޒީ ވިދާޅުވިއެވެ.