ސައުތު ރީޖަންގެ ރަށެއްގައި (ގއ. ގދ. ޏ. ސ) 18 އަހަރުން ދަށުގެ 2 އަންހެން ކުދިންނަށް ޖިންސީ ގޯނާ ކުރިކަމުގެ ތުހުމަތުގައި މީހަކު ހައްޔަރު ކޮށްފިއެވެ.
ފުލުހުން ބުނީ ފެބްރުއަރީ ފުރަތަމަ ދުވަހު ސައުތު ޕޮލިސް ރީޖަން އަށް ހުށައެޅުނު މި މައްސަލައާ ގުޅިގެން ހައްޔަރު ކޮށްފައިވަނީ އުމުރުން 27 އަހަރުގެ ފިރިހެނެއް ކަމުގައެވެ.
ފެބްރުއަރީ 6 ވަނަ ދުވަހު އެ މީހާ ހައްޔަރު ކޮށްފައިވާއިރު މައްސަލައިގެ ޝަރީއަތް ނިމެންދެން ބަންދުގައި ބެހެއްޓުމަށް ކޯޓުން އޭނާއަށް އަމުރު ކޮށްފައިވަނީ ފެބްރުއަރީ 7 ވަނަ ދުވަހުއެވެ.
ފުލުހުން އިތުރަށް ބުނީ މި މައްސަލަ އަންނަނީ އިތުރަށް ތަހުގީގު ކުރަމުން ކަމަށެވެ.
ކުޑަކުދިން ހިމެނޭ މިފަދަ މައްސަލަތަކުގައި ކުޑަކުއްޖާގެ ކަރާމާތް ރައްކާތެރިކުރުމުގެ ގޮތުން އެކުއްޖާ އައިޑެންޓިޓީ ދެނެގަނެވޭނެ ފަދަ މައުލޫމާތު ފުލުހުން ހިއްސާކޮށްފައެއް ނުވެއެވެ. ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރުން އަނިޔާއެއް ދިނުން ފަދަ މައްސަލަތަކަކީ ސީރިއަސް މައްސަލައެއްގެ ގޮތުގައި ބަލަމުން އަންނަ މައްސަލަތަކެވެ.
ޖެންޑާ މިނިސްޓްރީގެ ތަފާސްހިސާބުތަކަށް ބަލާއިރު މިދިޔަ އަހަރުގެ ޑިސެމްބަރު މަހު އެކަނިވެސް ކުޑަކުދިންނަށް ކުރާ އަނިޔާގެ 109 މައްސަލައެއް ވަނީ ހުށަހަޅާފައެވެ.
މި ބާވަތުގެ މައްސަލަތަކުގެ ތެރެއިން އެންމެ ގިނައިން ރިޕޯޓުކޮށްފައި ވަނީ ގެވެށި އަނިޔާގެ އަމަލެއް ކުރާތަން ކުއްޖަކަށް ދެއްކުން ނުވަތަ ފެނުމުގެ މައްސަލައެވެ. އެގޮތުން މިބާވަތުގެ 30 މައްސަލައެއް ވަނީ ޑިސެންބަރު 2022 ގައި ހުށަހަޅާފައިވެއެވެ.