ކުޑަކުއްޖެއްްގެ އޮރިޔާންކާޑު އުފެއްދި ކަމުގެ މައްސަލައެއް ސާބިތުވެ އެމައްސަލައިގައި ހައްޔަރު ކުރި އަހްމަދު ރަޝްވާން އިސްމާއިލް ރަޝީދުގެ މައްޗަށް 34 އަހަރުގެ ޖަލު ހުކުމެއް ކްރިމިނަލް ކޯޓުން އިއްވައިފިއެވެ.

މި މައްސަލައިގައި އޭނާގެ މައްޗަށް އުފުލާފައިވާ ދެ ދައުވާއެއް ވަނީ ސާބިތުވެފައެވެ. އެގޮތުން ކުޑަކުއްޖެއްގެ ހަށިގަނޑުގައި ޖިންސީ ނިޔަތެއް އޮވެގެން ގަސްދުގައި އަތްލުމާއި، ކުޑަކުއްޖެއްގެ މެދުވެރިކޮށް އޮރިޔާން ކާޑު އުފެއްދުމުގެ ދައުވާ ވަނީ ސާބިތުވެފައި ކަމަށް ކްރިމިނަލް ކޯޓުން ބުނެއެވެ.

ކްރިމިނަލް ކޯޓުން ބުނެފައި ވަނީ، ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންނާމެދު ހާއްސަ އުސޫލުތަކަކަށް އަމަލު ކުރުމުގެ ގާނޫނު ގެ 03 ވަނަ މާއްދާގެ (ހ) އާ ހަވާލާދީ އެމާއްދާގެ (ނ) ގެ ދަށުން ރަޝްވާން ކުޑަކުއްޖެއްގެ ހަށިގަނޑުގައި ޖިންސީ ނިޔަތެއް އޮވެގެން ޤަޞްދުގައި އަތްލުމުގެ ކުށުން ކުށްވެރި ވެއްޖެކަމަށް ކަނޑައަޅައި މި ކުށުގެ އުގޫބާތެއްގެ ގޮތުން 14 އަހަރަށް ޖަލަށްލުމަށް ހުކުމްކޮށްފައިވާ ކަމަށެވެ.

ހަމައެއާއެކު ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންނާމެދު ހާއސަ އުސޫލުތަކަކަށް އަމަލު ކުރުމުގެ ގާނޫނު) ގެ 18 ވަނަ މާއްދާގެ (ހ) އާ ހަވާލާދީ އެމާއްދާގެ (ށ) ގެ ދަށުން ކުޑަކުއްޖަކު މެދުވެރިކޮށް އޮރިޔާން ކާޑު އުފެއްދުމުގެ ކުށުން ރަޝްވާން ކުށްވެރި ވެއްޖެކަމަށް ކަނޑައަޅައި މި ކުށުގެ އުގޫބާތެއްގެ ގޮތުން 20 އަހަރަށް ޖަލަށްލުމަށް ހުކުމްކުރާ ކަމަށެވެ.

މި ދެ މައްސަލައަކީ ކުޑަކުއްޖެއްގެ މަސްލަހަތު ހިމެނޭ މައްސަލައަކަށް ވާތީ، ދެ މައްސަލައިގެ ޝަރީއަތް ވެސް ކޯޓުގައި ކުރިއަށް ގެންގޮސްފައި ވަނީ ސިއްރު އަޑުއެހުންތަކެއްގެ ގޮތުގައެވެ.