އެމްއެންޕީގެ ވެރިކަމެއްގައި ރައްޔިތުންގެ އެކައުންޓުތަކުގައި ހިތްހަމަޖެހޭ ވަރަށް ފައިސާ ހުންނާނެ ގޮތް ހައްދަވާނެ ކަމަށް އެ ޕާޓީގެ ރައީސް އަދި ދަނގެތީ ދާއިރާގެ މެންބަރު މުހައްމަދު ނާޒިމް ވިދާޅުވެއްޖެއެވެ.
ނާޒިމް ވިދާޅުވީ ތީމުގެއަށް ސަލާންޖެހުން ވެސް ނިމުނު ވާހަކަ އެއްވެސް ސަރުކާރަކުން ދައްކާނެ ކަމެއް ނެތް ކަމަށާއި އެކަންވެސް ނިންމާނީ އެމްއެންޕީގެ ވެރިކަމެއްގައި ކަމަށެވެ. އަދި އެމްއެންޕީގެ ވެރިކަމެއްގައި އުފާވެރިކަމާ އެކު އަސާސީ ބޭނުންތައް ފުއްދުމުގެ ގާބިލުކަން ލިބިގެންވާނެ ކަމަށާއި ފުދުންތެރި ރައްޔިތުންތަކެއް ބިނާ ކުރުމަށް އިސްކަމެއް ދެއްވާނެ ކަމަށެވެ.
އާސަންދައިން އެހީ ހޯދަން މިހާރު މެންބަރުންނަށް ނުގުޅާ ނުވާ ކަމަށާއި އެންސްޕާއަށް ފޯމެއްލިޔަސް ވަނީ ހަމަ އެހެން ކަމަށް ވެސް ނާޒިމް ވިދާޅުވިއެވެ. އަދި އެކަން ނިމުމަކަށް ގެންނާނީވެސް އެމްއެންޕީގެ ވެރިކަމުގައި ކަމަށް ނާޒިމް ވަނީ ވިދާޅުވިއެވެ.
ކ. ގުރައިދޫގައި އެމްއެންޕީން ރޭ ބޭއްވި ޖަލްސާގައި ނާޒިމު އިތުރަށް ވިދާޅުވީ އެރަށަށް ކުރިމަތިވެފައިވާ ބޯހިޔާވަހިކަމުގެ ދަތިކަމަށް ހައްލެއް ހޯއްދަވައިދެއްވައި ސިއްހީ ފަރުވާގެ ނިޒާމާއި ހާއްސަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒުގެ މަސައްކަތްތައް އިތުރަށް ހަރުދަނާ ކުރުމަށް އިސްކަމެއް ދެއްވާނެ ކަމަށެވެ. އަދި އެމްއެންޕީގެ ވެރިކަމުގައި އިންޝުއަރެންސް ކާޑު ތައާރަފް ކުރާނެކަން ފާހަގަ ކުރައްވާ ނާޒިމް ވިދާޅުވީ އެ ކާޑު ހިފައިގެން ދިއުމުން މީހުން ކައިރިން ސަލާމްޖެހުން ނިމުނީ ކަމަށާއި އެ މީހާއަށް ބޭނުންވާ ސިއްހީ ފަރުވާ ރާއްޖެއާއި ރާއްޖެއިން ބޭރުން ލިބޭނެ ގޮތް ހަމަޖެހިގެން ދާނެ ކަމަށެވެ.
ނާޒިމް އިތުރަށް ވިދާޅުވީ ކުރީގެ ސަރުކާރުތަކުންނާއި އަދުގެ ސަރުކާރުންވެސް ގުރައިދޫގެ ތަރައްގީއަށް މަސައްކަތެއް ކޮށްފައި ނުވެއެވެ. އަދި ހިންގާފައި ހުރި މަޝްރޫއުތަކަކީވެސް ޕްލޭނަކާ ނުލައި ކޮށްފައި ހުރި މަސައްކަތްތަކެއް ކަމަށްވެސް ވިދާޅުވިއެވެ.