މިސްކިތަކަށް ނަމާދަށް ދާ ކުޑަކުއްޖަކަށް ތަކުރާރުކޮށް ޖިންސީ ގޯނާކުރި ކަމުގެ ތުހުމަތުގައި، ހައްޔަރުކުރި ބިދޭސީ މީހެއްގެ ބަންދަށް 30 ދުވަސް ޖަހައިފިއެވެ.

މި މައްސަލައާ ގުޅިގެން ފުލުހުން އިއްޔެ ހައްޔަކުރީ ޗާންދަނީ މަގުގައި ހުންނަ ޖަލާލުއްދީން މިސްކިތުގައި މަސައްކަތްކުރާ ބިދޭސީ ފިރިހެނެކެވެ.

ބިދޭސީ މީހާގެ ފަރާތުން ޖިންސީ ގޯނާ ލިބިފައި ވަނީ ދިހަ އަހަރުގެ ފިރިހެން ކުއްޖަކަށެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި ބިދޭސީ މީހާ ވަނީ އެކި ދުވަސް މަތިން އެކުއްޖާ އަށް ޖިންސީ ގޯނާ ކޮށްފައެވެ.

އެކަން ފަޅާއަރާފައިވަނީ އެކުއްޖާއަށް ޖިންސީ ގޯނާ ކުރަމުން ދަނިކޮށް މިސްކިތައް ދިޔަ އެހެން ކުއްޖަކަށް އެމަންޒަރު ފެނިގެން އެކަން މިސްކިތުގައި ތިބި މީހުންގެ ސަމާލުކަމަށް ގެނައުމުންނެވެ. އެމައްސަލައިގައި އެމީހާ ހައްޔަރުކޮށްފައިވާއިރު އޭނާގެ ބަންދާ މެދު ގޮތެއް ނިންމަން މިއަދު ކޯޓަށް ހާޒިރު ކުރުމުން އޭނާގެ ބަންދަށް ވަނީ 30 ދުވަސް ޖަހާފައެވެ.

ފުލުހުން ބުނީ، މި މައްސަލަ ފުލުހުން ތަހުގީގުކުރަމުންދާ ކަމަށެވެ.

ކުޑަކުދިން ހިމެނޭ މިފަދަ މައްސަލަތަކުގައި ކުޑަކުއްޖާގެ ކަރާމާތް ރައްކާތެރިކުރުމުގެ ގޮތުން އެކުއްޖާ އައިޑެންޓިޓީ ދެނެގަނެވޭނެ ފަދަ މައުލޫމާތު ފުލުހުން ހިއްސާކޮށްފައެއް ނުވެއެވެ.

ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރުން އަނިޔާއެއް ދިނުން ފަދަ މައްސަލަތަކަކީ ސީރިއަސް މައްސަލައެއްގެ ގޮތުގައި ބަލަމުން އަންނަ މައްސަލަތަކެވެ.

ޖެންޑާ މިނިސްޓްރީގެ ތަފާސްހިސާބުތަކަށް ބަލާއިރު މިދިޔަ އަހަރުގެ ޑިސެމްބަރު މަހު އެކަނިވެސް ކުޑަކުދިންނަށް ކުރާ އަނިޔާގެ 109 މައްސަލައެއް ވަނީ ހުށަހަޅާފައެވެ.

މި ބާވަތުގެ މައްސަލަތަކުގެ ތެރެއިން އެންމެ ގިނައިން ރިޕޯޓުކޮށްފައި ވަނީ ގެވެށި އަނިޔާގެ އަމަލެއް ކުރާތަން ކުއްޖަކަށް ދެއްކުން ނުވަތަ ފެނުމުގެ މައްސަލައެވެ. އެގޮތުން މިބާވަތުގެ 30 މައްސަލައެއް ވަނީ ޑިސެންބަރު 2022 ގައި ހުށަހަޅާފައިވެއެވެ.