ޖުމްހޫރީ ޕާޓީގެ ކޮންފަރެންސް މިމަހުގެ 23 އިން 26 އަށް ބޭއްވުމަށް ނިންމައިފިއެވެ.
އެ ކޮންފަރެންސް ގައި މުހިއްމު ބަދަލެއްގެ ގޮތުގައި ޕާޓީގެ ލީޑަރުގެ މަގާމް އުވާލައި ރައީސަކު އައްޔަން ކުރާ ގޮތަށް ޕާޓީގެ ގަވައިދު އިސްލާހު ކުރަން ހަމަޖެހިފައި ވާއިރު މިއަދު ބޭއްވި އެ ޕާޓީގެ 148 ވަނަ ކައުންސިލް ބައްދަލުވުމުގައި ޕާޓީގެ ކޮންފަރެންސް ގެ ކުރިން ނިންމަންޖެހޭ މުހިންމު ނިންމުންތައް ވަނީ ނިންމާފައެވެ.
ޖޭޕީގެ ކޮންފަރެންސް މިދިޔަ ޑިސެމްބަރު މަހު ބޭއްވުމަށް ކުރިން ހަމަ ޖައްސައިފައި އޮތް ނަމަވެސް އަދި މިހާތަނަށް ވެސް ކޮންފަރެންސް ބާއްވާފައެއް ނުވެއެވެ. އަދި ޖޭޕީގެ އަސާސީ ގަވައިދުގައި ގައުމީ ކޮންފަރެންސް ބާއްވަން ދޭ އެންމެ ފަހު މުއްދަތަކީ މާޗެވެ.
އަންނަ ރިޔާސީ އިންތިހާބަށް ޖުމްހޫރީ ޕާޓީންވެސް ތައްޔާރު ވަމުން ދާއިރު، އެ ޕާޓީން ނިކުންނާނީ ކޯލިޝަނަކާއި އެކުތޯ ނުވަތަ ވަކިންތޯ ނިންމާނީ ގައުމީ ކޮންފަރެންސް ގައެވެ. އެހެންނަމަވެސް އަންނަ ރިޔާސީ އިންތިހާބުގައި ކެންޑިޑޭޓެއް ނެރޭނެ ކަމަށް އެޕާޓީގެ ލީޑަރު ގާސިމް ވަނީ މީގެ ކުރިން ވިދާޅުވެފައެވެ.
ސިޔާސީ ގޮތުން ޖުމްހޫރީ ޕާޓީން ނިންމާ މުހިންމު ނިންމުންތައް ނިންމާނީ މި ކޮންފަރެންސް ގައެވެ. އެގޮތުން ޖޭޕީގެ ފަރާތުން އަންނަ ރިޔާސީ އިންތިހާބުގައި ވާދަކުރާނެ ކެންޑިޑޭޓަކާއި އެހެން ޕާޓީއަކާ އެކު ޖުމްހޫރީ ޕާޓީން ކޯލިޝަން ހެދުމާ ގުޅޭ ގޮތުން ފައިނަލް ނިންމުން ނިންމާނެއެވެ.
ޖޭޕީގެ އިތުރުން ރިޔާސީ އިންތިހާބުގައި ވާދަކުރައްވާނެ ކަމަށް މިހާތަނަށް އިއުލާން ކުރައްވާފައި ވަނީ ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު، މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ)ގެ ރައީސް ކާނަލް މުހައްމަދު ނާޒިމް ގެ އިތުރުން އިދިކޮޅު ޕީޕީއެމް ޕީއެންސީ ކެންޑިޑޭޓް އަބްދުﷲ ޔާމީންއެވެ. އެމްޑީޕީން ވާދަކުރައްވަނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހެވެ. މީގެ އިތުރުން މޯލްޑިވްސް ޑިވެލޮޕްމަންޓް އެލަޔަންސްގެ ބާނީ އަހުމަދު ސިޔާމް މުހައްމަދުވެސް ގެންދަވަނީ އިންތިހާބަށް ނުކުމެވަޑައިގަތުމަށް ކެމްޕެއިން ކުރައްވަމުންނެވެ.