ވިޕާ ހިލާފުވާ މެންބަރުންގެ ތެރެއިން ވަކި ބަޔަކަށް ފިޔަވަޅު އެޅުމަށް ގެންގުޅޭ "ހޮވާލެވޭ އިންސާފު" ގެ މަގު ދޫކޮށްލެއްވުމަށް އުނގޫފާރު ދާއިރާގެ މެންބަރު މުހައްމަދު ވަހީދު (ވައްޑެ) އިލްތިމާސް ކުރައްވައިފިއެވެ.
މުހައްމަދު ވަހީދު މިހެން ވިދާޅުވީ އެމްޑީޕީ ޕާލިމެންޓަރީ ގްރޫޕުގެ ގަވާއިދާ ހިލާފުވި ކަމަށް ބުނެ ފުލުފުލުގައި ޕާލިމެންޓަރީ ގްރޫޕުގެ ލީޑަރު މުހައްމަދު އަސްލަމް މެއިލް ކުރައްވާ ސިޓީ ތަކަށް ރައްދު ދެއްވަމުންނެވެ.
ވައްޑެ ވިދާޅުވީ ޕީޖީ ގްރޫޕް ހިންގާ ގަވާއިދުންނާއި އެމްޑީޕީގެ އަސާސީ ގަވާއިދުގައިވެސް ލާޒިމް ކޮށްފައިވާ ގޮތަށް ހަމަހަމަ ކުރުމާއި މެންބަރުންގެ މެދުގައި ގުޅުންތެރިކަން ބަދަހިކުރުމުގެ މަގްސަދާ ދިމާ އިދިކޮޅަށް ޕީޖީ ގްރޫޕުގެ ތެރޭގައި ތަފާތު ކުރުން ގެންގުޅޭ ކަމަށާއި "ހޮވާލެވޭ އިންސާފު" ގެ މަގަކީ ތަކުރާރުކޮށް ވިޕާ ހިލާފުވެފައިވާ މެންބަރުންނާ މެދު ފިޔަވަޅު ނާޅައި ވަކި ބަޔަކާމެދު ފިޔަވަޅު އެޅުމަށް ގެންގުޅޭ މަގެއް ކަމުގައެވެ.
މުހައްމަދު ވަހީދު އިތުރަށް ވިދާޅުވީ ރައްޔިތުންގެ ސީދާ މަސްލަހަތާ ގުޅުން ހުރި ކަމެއްގެ ބިލުގެ ބަހުސްގައި މުހައްމަދު ވަހީދު ފާހަގަ ކުރި އެއްވެސް ކަންބޮޑުވުމަކަށް އެއްވެސް ވަރަކަށް އަޅާ ނުލައި ކަމަށާއި އަސާސީ ގަވާއިދުގައި ބަޔާންކުރާ އިޖްރާއާތުވެސް ފުރިހަމަ ނުކުރާކަމަށެވެ.
ގާނޫނު އަސާސީއާއި ގާނޫނުން ކޮންމެ މީހަކަށް ލިބިދޭ "ނަފްސު ދިފާއުކުރުމުގެ" ހައްގުވެސް ނުދީ އެޅި ފިޔަވަޅުތަކަކީ ސައްހަ ފިޔަވަޅުތަކެއް ކަމުގައި ގަބޫލުކުރެވެން ނެތްކަމަށް ވެސް އޭނާ ވަނީ ވިދާޅެވެފައެވެ.
އެމްޑީޕީ ޕާލިމެންޓަރީ ގްރޫޕްގެ ހިންގާ ގަވާއިދުގެ 17 ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައި ވަނީ ޕާޓީގެ ވިޕްލައިނަށް ތަބާ ނުވެއްޖެނަމަ ތަބާނުވި ސަބަބު ޕީޖީ ގްރޫޕުގެ ވިޕުން އަހާ އޮޅުން ފިލުވަން ޖެހޭނެ ކަމަށެވެ.
2023 އަށް ކަނޑައަޅާފައިވާ ބަޖެޓު ފާސްކުރުމަށް ވޯޓު ދިނުމަށް އެމްޑީޕީގެ ޕާލިމެންޓަރީ ގްރޫޕުން ނެރުނު ތްރީލައިން ވިޕާ ހިލާފުވެވަޑައިގެންފައި ވަނީ މުހައްމަދު ވަހީދުގެ އިތުރުން ފަސް މެންބަރުންނެވެ. އެ މެންބަރުންނަކީ މެދުހެންވޭރު ދާއިރާގެ މެންބަރު އަލީ އާޒިމް، ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު ހަސަން ލަތީފް، މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒް ފަހުމީ، މާފަންނު މެދު ދާއިރާގެ މެންބަރު އިބްރާހީމް ރަޝީދު، ގައްދޫ ދާއިރާގެ މެންބަރު އަހުމަދު ޒާހިރު އަދި ހުޅުދޫ ދާއިރާގެ މެންބަރު އިލްޔާސް ލަބީބު އެވެ.
އެމްޑީޕީގެ ޕާލިމެންޓަރީ ގްރޫޕުން ބިލުތަކަކަށް ނެރުނު ވިޕާ ހިލާފުވުމާ ގުޅިގެން ދާދިފަހުން ވަނީ މާފަންނު މެދު ދާއިރާގެ މެންބަރު އިބްރާހިމް ރަޝީދު (ބޮންޑޭ) އަށް އޮންނަ އެމްޑީޕީގެ އިނާޔަތްތައް ކަނޑާލައިފައެވެ. ޕާލިމެންޓްރީ ގްރޫޕްގެ ގަވައިދުގެ 41 ވަނަ މާއްދާގައި ބަޔާން ކޮށްފައިވާ ގޮތުން ފިޔަވަޅު އަޅާނީ ތްރީލައިން ވިޕާ މެންބަރުން ހިލާފުވެއްޖެ ނަމަ އަޅަން ޖެހޭ ފިޔަވަޅުތައް އެކަންޏެވެ.