މ. ދިއްގަރު ފަޅުގައި އޮތް 'އަސުރުމާ' ލޯންޗުގައި ރޯވެ، 2 މީހަކަށް އަނިޔާވެއްޖެއެވެ.

"ދަ ޕްރެސް" އަށް މައުލޫމާު ދެއްވަމުން ދިއްގަރު ކައުންސިލްގެ ރައީސް އަހްމަދު ނިޝާން ވިދާޅުވީ، މިހާދިސާ ހިނގާފައިވަނީ މިއަދު ހެނދުނު 9:50 ހާއިރު ކަމަށެވެ.

މިހާދިސާގައި ދެ މީހަކަށް ވަރަށް ބޮދެތި އަނިޔާތައް ވެފައިވާއިރު އިތުރު ފަރުވާއަށް ސީއެމްބިއުލާންސްގައި 11:40 ހާއިރު މާލެ ފުރުވާލާފައިވާ ނިޝާން ވިދާލުވިއެވެ. ނިޝާން ވިދާޅުވީ، އަނިޔާވި ދެމީހުންގެ ފައި ވެސް ވަރަށް ބޮޑަށް ފިހިފައިވާ ކަމަށެވެ.

ނިޝާން ވިދާޅުވީ، ލޯންޗުގައި އަލިފާން ރޯވި ސަބަބު ސީދާ ނޭންގޭ ކަމަށެވެ.

ރޯވި އަލިފާންގަނޑު ނިއްވާލާފައިވަނީ ރަށު ރައްޔިތުން އަދި ފުލުހުންގެ އެހީތެރިކަމާއެކު 30 ވަރަކަށް މިނެޓު ތެރޭގައި ކަމަށް ނިޝާން ވިދާޅުވިއެވެ. ހާއްސަކޮށް އެމްޓީސީސީ މުވައްޒަފުންގެ ފަރާތުން އަލިފާން ނިއްވާލުމަށާއި އަނިޔާވި މީހުންނަށް އެހީތެރިކަން ދިނުމަށް އެހީތެރިކަން ލިބުނުކަން ނިޝާން ފާހަގަކުރެއްވިއެވެ.

އަލިފާން ރޯވި ލޯންޗު ފައްތާލުމަށްފަހު އެއްގަމަށް އަރުވާފައި / ފޮޓޯ: އަހްމަދު ނިޝާން

ނިޝާން ވިދާޅުވީ، އަނިފާން ރޯވި ލޯންޗު ފައްތާލުމަށްފަހު މިހާރު ނަގާ, އެއްގަމަށް އަރުވާފައިވާ ކަމަށެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި ލޯންޗުގެ 90 ޕަސަންޓު ބޭނުން ނުކުރެވޭ ވަރަށް ހަލާކުވެފައެވެ.