އާބާދީގައި 2 މިލިއަނެއްހާ މީހުން ދިރިއުޅެމުން ދިޔަ ތުރުކީއާއި ސީރިއާގެ ބޯޑަރުގައި އާދީއްތަ ދުވަހުގެ ރެއަކީ އާދައިގެ ރެއެކެވެ. ރޭގަނޑު ފައިހިލަވަޅު އޮބި އެންމެން ތިބީ ގަދަ ނިދީގައެވެ. ފަތިސްވުމާ ގާތްވެފައި ވަނިކޮށް، ހަމަހިމޭންކަން ނެތިކޮށްލީ ބިންގަނޑު ތެޅިގަނެ، އިމާރާތުގައި ހިފާގެންގުޅޭ ތަކެއްޗާއި ހަރުކޮށްފައި ހުރި ބޮކި، ފަންކާ އާދަޔާ ހިލާފަށް ބާރަށް ތެޅިގަތުމާއެކުގައެވެ.

ގަދަ ނިދިން ހޭލައްވާލި އެ ވަގުތުކޮޅަކީ އާދައިގެ ކަމެއް ނޫންކަން ހުޅަނގު ދެކުނު ސީރިއާގައި ހަނގުރާމަވެރިންގެ އަތްދަށުގައި އޮތް އަޒްމަރިންގައި ނިދާފައި އޮތް އޮސާމާ އަބްދުލް ހާމިދަށް އިހުސާސް ވިއެވެ. 4 ބުރީގެ އިމާރާތެއްގެ އެޕާޓުމަންޓެއްގައި ހާމިދާ އެކު އޮތީ އޭނާގެ އަންހެނުންނާއި 4 ދަރިންނެވެ.

އެ އާދަޔާ ހިލާފު ހެލިގަތުމާއެކު ހާމިދު، އަންހެނުންނާއި ދަރިންކޮޅު ގޮވައިގެން އިމާރާތުގެ ދޮރާ ދިމާއަށް ދުއްވައިގަތެވެ.

"އަހަރެމެނަށް ދޮރާ ހަމައަށް ނުދެވެނީސް އިމާރާތް ހުރިގޮތަށް ބޯމައްޗަށް ވެއްޓިއްޖެ"
ހާމިދު

ސަލާމަތްވި ގޮތް ކިޔައިދެމުން ހާމިދު ބުނީ، އެވަގުތު އެމީހުންގެ ސަލާމަތަކަށް ވީ، ބޮޑު ލަކުޑި ދޮރެއް ކަމަށާއި ވެއްޓިގެން އައި އިމާރާތުގެ ގާކުނޑިތައް ދޮރުގައި ޖެހި ހިފެހެއްޓުނު ކަމަށެވެ. އެވަގުތު ބޭރަށް ދެމިގަނެވުނު ކަމުން ސަލާމަތް ވީ ކަމަށާއި ނަމަވެސް އަންހެނުންނާއި 3 ދަރިންގެ ބޮލަށް އަނިޔާވި ކަމަށް ބުންޏެވެ.

އިދްލީބްގެ ހޮސްޕިޓަލެއްގައި އޭޕީ ނޫހަށް އިންޓަވިއު ދެމުން ހާމިދު ބުނީ، އެ އިމާރާތުން އެ އާއިލާ ނޫން އެއްވެސް ބަޔަކަށް ނިކުމެވިފައި ނުވާ ކަމަށާއި އެހެން އެންމެން ވީ ގާކުނޑިތަކުގެ ދަށުގައި ކަމަށެވެ.

ތުރިކީއާއި ސީރިއާ ގުޅޭ ބޯޑަރަށް އައި މި ބާރުގަދަ ބިންހެލުމުގައި މިހާތަނަށް 4300 މީހަކު މަރުވެ 15000 އަށް ވުރެ ގިނަ މީހުން ޒަހަމްވެފައި ވާއިރު، ގާކުނޑިތަކުގެ ދަށުން މީހުން ރޯ އަޑާއި ސަލާމަތަށް އެދި ގޮވާ އަޑުފައްގަނޑު ކަނޑައިގެން ނުދެއެވެ. އެފަދަ އެއް ޕްރޮވިންސަކީ، ތުރުކީގެ ހަޓޭއެވެ. ބިން ހެލުމާއެކު އިމާރާތްތައް ވެއްޓި އެތައް ބަޔަކު ތާށިވެފައި ވާތާ 24 ގަޑި އިރު ވެގެން ދިޔަ އިރު އެހީގެ އޮފިޝަލުންނަށް އަދި އެސަރަހައްދަކަށް ނުދެވެއެވެ. ސަލާމަތްވި ބައެއް މީހުން ބުނީ، އިމާރާތްތަކުގެ ދަށުންނާއި ގާކުނޑިތަކުގެ ދަށުން މީހުންގެ ރޯ އަޑާއި ސަލާމަތަށް އެދި ގޮވާ އަޑު ކަނޑައިގެން ނުދާ ކަމަށެވެ. ނަމަވެސް އެމީހުން ތިބީ ތާށިވެފައި ވާ މީހުންނަށް އެހީވެވޭ ހާލަތެއްގައި ނޫން ކަމަށާއި އެހީގެ ފައުޖުތައް އަންނާނެ ވަގުތަކަށް އިންތިޒާރު ކުރަމުން ދާ ކަމަށެވެ.

ތުރުކީގެ ހަޓޭ

ތުރުކީގެ ހަޓޭއާއި އަންތަކްޔާ އަދި އިސްކަދަރަން އަށް ދެވެން އޮންނަ މައި އެއާޕޯޓު ވަނީ ބިންހެލުމުގައި ފުނޑުފުނޑުވެފައެވެ. ފްލައިޓް ޖެއްސޭނެ ގޮތެއް އެސަރަހައްދަކު ނެތެވެ. އެއްގަމު މަގުތައްވެސް ހުރީ ފަޅަފަޅައިގެން ގޮސް އަރާފައެވެ.

އެ އައި ބާރުގަދަ ބިންހެލުމާއެކު އެތައްހާސް ކިލޯމީޓަރެއްގެ ބިންގަނޑު ގުޑުވާލި އިރު، ތުރުކީ ކައިރިން ވަށައިގެން ހުރި ގައުމުތަކަށްވެސް ލޮޅުމުގެ އަސަރު ކުރިއެވެ. އެގޮތުން ގްރީންލޭންޑާއި ފަލަސްތީންވެސް ހިމެނެއެވެ.

އެތައް ސަތޭކަ އިމާރާތެއް ހުރިގޮތަށް ބިމާ ހަމަވެ އެތައް ހާސް ބަޔަކު ދަށުވެފައި ވާ އިރު މީހުން ސަލާމަތް ކުރުމުގައި މަސައްކަތް ކުރާ ފަރާތްތަކުން ދަނީ ކެނޑި ނޭޅި މަސައްކަތް ކުރަމުންނެވެ. މިހާތަނަށް 43 ގައުމަކުން އެހީވާން ހުށަހަޅާފައި ވާ އިރު ބައެއް ގައުމުތަކުގެ ރެސްކިއު އޮފިޝަލުން މިހާރު ދަނީ ތުރުކީއަށް ވަންނަމުންނެވެ.

މިހާދިސާ އާ އެކު ތުރުކީ ހުއްޓުމަށް އައިސްފައި ވާއިރު، ހަނގުރާމަ އާ ހެދި ސުންނާފަތިވެފައިވާ ސީރިއާގެ ހާލަތު ވަކިން ގޯހެވެ. އިމާރާތްތަކުގެ ދަށުގައި ތާށިވެ މަރުވެ އަދި ޒަހަމްވެފައިވާ މީހުންގެ އަދަދުތައް ހާހުން މައްޗަށް އަރައެވެ. ހަތިޔާރު އެޅި ހަނގުރާމަވެރި ޖަމާއަތް އައިސިލްގެ 20 ގައިދީއަކު އެ ސަރަހައްދުގެ ޖަލަކުން މިއަދު ވަނީ ފިލާފައެވެ. ތުރުކީ ބޯޑަރުގެ ރާޖޯ ޖަލުން 20 މީހަކު ފިލާފައި ވާ އިރު އެއީ 2000 މީހުން ތިބި ޖަލެއް ކަމަށް އޮފިޝަލުން ބުނެއެވެ. އޭގެ ތެރެއިން 1300 މީހުންނަކީ އައިސިލްގެ މީހުން ކަމަށާއި ބާކީ ތިބީ ކުރުދީން ކަމަށްވެސް ބުނެއެވެ.