މ. މަޑިފުށީގައި ކޯސްޓަލް ޕްރޮޓެކްޝަން އަދި ބީޗު ނަރިޝްކުރުމުގެ މަޝްރޫއުގެ މަސައްކަތްތައް ގަވާއިދާއި ހިލާފަށް ކުރިޔަށް ގެންދިއުމާއި ގުޅިގެން އީޕީއޭއިން މޯލްޑިވްސް އިންފްލައިޓް ކޭޓަރިން ޕްރައިވެޓް ލިމިޑެޓް ޖޫރިމަނާ ކޮށްފިއެވެ.

އެންވަޔަރަމަންޓް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ) އިން ނެރުނު ބަޔާނެއްގައި ބުނީ މަޑިފުށީގައި ކޯސްޓަލް ޕްރޮޓެކްޝަން އަދި ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫއުގެ އީއައިއޭ މަރުހަލާ ފުރިހަމަ ކުރުމަކާއި ނުލައި، އަދި ތިމާވެށީގެ ކްލިއަރެންސް ހޯއްދެވުމަކާއި ނުލައި ކޮށްފައިވާ ކަމަށެވެ.

އެހެންކަމުން ދިވެހިރާއްޖޭގެ ތިމާވެށި ރައްކާތެރިކޮށް ދެމެހެއްޓުމާއި ބެހޭ ގާނޫނުގެ ދަށުން އީޕީއޭއިން ހަދާފައިވާ ގަވާއިދު، ތިމާވެއްޓަށް އަސަރު ފޯރާނެ މިންވަރު ބަޔާންކުރާ ރިޕޯޓް ހެދުމާބެހޭ ގަވާއިދުގެ ދަށުން ކުށްކުރި ފުރަތަމަ ފަހަރަށް ކަނޑައެޅިފައިވާ 20،000 ރުފިޔާއިން އެކުންފުނި ޖޫރިމަނާކޮށްފައިވާ ކަމަށް އީޕީއޭއިން ބުނެއެވެ.

އީޕީއޭއިން ބުނީ، ސަރުކާރު ބަންދު ދުވަސްތައް ހިމަނައިގެން 30 ދުވަހުގެ ތެރޭގައި މި ޖޫރިމަނާ ފައިސާ އެ އެޖެންސީއަށް ދައްކައި ހަލާސްކުރުމަށް 5 ޖެނުއަރީ 2023 ގައި އެކުންފުންޏަށް އަންގައިފިއެވެ.