ކީރިތި ގުރްއާން ކިޔެވުމުގެ 29 ވަނަ "އިންޓަނޭޝަނަލް ކޮންޓެސްޓް ފޯ ރިސައިޓާސް އޮފް ދަ ހޮލީ ގުރްއާން، އިޖިޕްޓް" މުބާރާތުގައި ދިވެހިރާއްޖެ ތަމްސީލުކުރި މއ. އަސާސް، ފާތިމަތު ޝާޔާ ޒާހިރު، އެ މުބާރާތުން ދެވަނަ ހާސިލު ކޮށްފިއެވެ.

ޝާޔާ މި މުބާރާތުގެ ދެވަނަ ހާސިލް ކޮށްފައި ވަނީ 99.45 މާކްސްއިންނެވެ. މި މުބާރާތުން އެއްވަނަ ހާސިލް ކޮށްފައި ވަނީ 99.90 މާކްސްއާއެކު ގާނާ ރަމްޒު ކޮށްދިން އަބްދުލް ސަމަދް އާދަމްއެވެ.

ޝާޔާ ހޯދި ކާމިޔާބީގެ އިނާމަކަށް 150،000 އިޖިޕްޓް ޕައުންޑްގެ މާލީ އިނާމެއް ދެވޭނެކަމަށް މިސްރުގެ އައުގާފް މިނިސްޓްރީން ވަނީ ބުނެފައެވެ.

2019ގައި، ޝާޔާ ވަނީ މުޅި ގުރުއާން ފޮތް އެއްކޮށް ހިތުދަސްކޮށްގެން ރައިސުލްޖުމްހޫރިއްޔާގެ މެޑަލް ވެސް ހާސިލް ކޮށްފައެވެ. އެއަހަރު ހާފިޒު ކަމުގެ ސަނަދު ލިބިގެންދިޔަ ފަރާތްތަކުގެ ތެރެއިން އެންމެ އުމުރުން ހަގު ފަރާތަކީ ވެސް ފާތިމަތު ޝާޔާ ޒާހިރެވެ.

އޭނާ ކީރިތު ގުރުއާން ހިތުދަސްކުރީ އުމުރުން އެންމެ ނުވަ އަހަރުގައެވެ.

މީގެ އިތުރުން "ކީރިތި ގުރްއާން ބަލައިގެން ކިޔެވުމުގެ ވާޗުއަލް ގައުމީ މުބާރާތް 2020" ގައި ޝާޔާ ވަނީ 13 އަހަރުންދަށުގެ އަންހެން ބައިވެރިންގެ ތެރެއިން ހަދަރުކޮށް ކިޔެވުމުގެ ބައިން 1 ވަނަ ހާސިލްކޮށްފައެވެ.