ރިކްޓާ މިންގަނޑުން 7.8 ގެ ބާރުމިނުގައި މިއަދު ހެނދުނު ތުރުކީއާއި ސީރިއާގެ ބޯޑަރަށް އައި ބިންހެލުމުގައި މަރުވި މީހުންގެ އަދަދު 500 ފަހަނައަޅާ ހިނގައްޖެއެވެ. މިހާދިސާގައި ތުރިކީގެ އިތުރުން ސީރިއާއިންވެސް ގިނަ ބަޔަކު މަރުވެފައި ވާއިރު ތުރުކީން މަރުވި މީހުންގެ އަދަދު ވަނީ 284 އަށް އަރާފައެވެ. އަދި ސީރިއާއިން 237 މީހަކު މަރުވެގެން ވަނީ ރިޕޯޓް ކޮށްފައެވެ.
ބިމު އަޑިން 24 ކިލޯމީޓަރު ފުނަށް އައި ބިންހެލުމުމުގައި ތުރުކީން 2300 މީހަކު ޒަހަމްވެފައި ވާއިރު ސީރިއާއިން 630 މީހަކު ޒަހަމްވެފައި ވާ ކަމަށް ހަބަރުތައް ބުނެއެވެ.
މި ބިންހެލުމުގެ އަސަރު އެތައް މޭލެއްގެ ދުރަށް ކޮށްފައި ވާ އިރު، އިމާރާތްތައް ވެއްޅި ފުނޑުފުނޑުވެ އެތައްބަޔަކު އަދިވެސް ވަނީ ގާކުނޑިތަކުގެ ދަށުގައެވެ. އޮފިޝަލުން ބުނާގޮތުގައި، މަރުވި މީހުންނާއި ޒަހަމްވި މީހުންގެ އަދަދު ބޮޑުތަނުން މަތިވާނެއެވެ.
ދުނިޔެ މައްޗަށް އިރުގެ އަލިކަން ފާޅުނުވަނީސް އެންމެން ގަދަ ނިދީގައި ތިއްބާ މި ބިންހެލުން އައުމާއެކު ސިހުން ލިބި ހޭލެވި އެކިމީހުން އެކި ދިމާއަށް ދުވާ މަންޒަރުތަކާއި، ރޯ އަޑާއި ހާސްކަން ވެރިވެފައި ވާ ކަމަށް ހަބަރުތައް ބުނެއެވެ.
މީހުން ސަލާމަތް ކުރުމުގެ މަސައްކަތުގައި ހަރަކާތްތެރިވަމުން ދިޔަ މީހުންވެސް، އެކައްކަތް ކުރިއަށް ގެންދަން ޖެހުނީ އަނދިރިކަމުގެ ތެރޭގައި ބައްތިއާއި ފްލޭޝް ލައިޓު ބޭނުން ކޮށްގެންނެވެ.
މިއީ 1939 އަށް ފަހު ތުރުކީއަށް އައި އެންމެ ބާރުގަދަ ބިންހެލުމެވެ. އެ އަހަރުގެ ބިންހެލުމުގައި 30،000 މީހުން މަރުވެފައި ވަ އިރު އެއީވެސް ރިކްޓާ މިންގަނޑުން 7.8 ގެ ބާރުމިނުގައި އައި ބިންހެލުމެކެވެ. ތަފާސްހިސާބުތަކުން ދައްކާގޮތުން ފާއިތުވި 25 އަހަރުގެ ތެރޭގައި ރިކްޓާ މިންގަނޑުން 7 ގެ ބާރުމިނުގެ 7 ބިންހެލުމެއް ތުރުކީއަށް އައިސްފައި ވެއެވެ.
މި ބިންހެލުމުގެ އާފްޓާ ޝޮކްގައި އައި ލޮޅުންވެސް ރިކްޓާ މިންގަނޑުން 6.7 އަށް އަރާފައި ވާ ކަމަށް ޖިއޮލޮޖިކަލް ސާވޭތަކުން ދައްކައެވެ. އަދި އެ ލޮޅުންތަކުގެ އަސަރު ތުރުކީގެ ދެކުނު ބިތާއި މެދުތެރެއަށްވެސް ކޮށްފައި ވާކަމަށް ބުނެއެވެ. ނަމަވެސް އެ ސަރަހައްދުތަކުން އިމާރާތެއް ވެއްޓި ނުވަތަ މީހަކަށް އަނިޔާއެއް ވި ކަމުގެ މައުލޫމާތެއް އަދި ނުލިބެއެވެ. އެ ލޮޅުމަކީ މައި ބިންހެލުން އައިތާ 11 މިނެޓް ފަހުން އައި ޝޮކް ކަމަށާއި އޭގެ 19 މިނެޓް ފަހުން އައި ޝޮކްގެ ބާރުމިންވެސް ރިކްޓާ މިންގަނޑުން 5.6 އަށް އެރިކަމަށް ސާވޭތަކުން ދައްކައެވެ.
މިހާދިސާގައި އަނިޔާވެ، ނުވަތަ ވެއްޓިފައިވާ އިމާރާތްތަކުގެ ދަށުވެފައި ވާ މީހުން ހޯދުމުގެ މަސައްކަތުގައި 1000 އަކަށް ވުރެ ގިނަ އޮފިޝަލުން ދަނީ ހަރަކާތްތެރިވަމުންނެވެ.