ތުރުކީގެ އިރުމަތީގައި އޮންނަ ގަޒިއަންޓެޕް ޕްރޮވިންސަށް އައި ބާރުގަދަ ބިންހެލުމުގެ އަސަރު އެ ގައުމާއި ސީރިއާއަށް ކޮށްފައި ވާއިރު މި ބިންހެލުމުގެ ސަބަބުން އެ ދަގައުމުން ޖުމްލަ 118 މީހުން މަރުވެއްޖެއެވެ.

ރޭ ތުރުކީ އަށް، 7.8 މެގްނެޓިއުޑްގެ ބާރުމިނުގައި އައި މި ބިންހެލުމަކީ ފާއިތުވި 100 އަހަރު ތެރޭގައި އެ ސަރަހައްދަށް އައި އެންމެ ބާރުގަދަ ބިންހެލުން ކަމަށް ކަމަ ބެހޭ އިދަރާތަކުން ވަނީ ބުނެފައެވެ. މި ބިންހެލުމުގެ އަސަރު ތުރުކީ އާއި އަވައްޓެރި އެހެން ގައުމުތަކަށް ވެސް ވަނީ ކޮށްފައެވެ. އެމެރިކާގެ ޖިއޮލޮޖިކަލް ސާވޭއިން ބުނީ މި ބިންހެލުން އައިސްފައި ވަނީ ބިމުއަޑީގެ 24.1 ކިލޯމީޓަރަށް ކަމަށެވެ.

މި ބިންހެލުމުގައި މިހާތަނަށް ތުރުކީ އިން 75 މީހުން މަރުވެ 440 އަށްވުރެ ގިނަ މީހުން ޒަހަމްވެފައި ވާއިރު ސީރިއާއިން މިހާތަނަށް 42 މީހުން މަރުވެ 500 އަށްވުރެ ގިނަ މީހުން ޒަހަމްވެފައި ވާކަމަށް މީޑިއާ ރިޕޯޓްތައް ވަނީ ބުނެފައެވެ. މި ބިންހެލުމާއެކު އެ ސަރަހައްދުގެ ބައެއް ގައުމުތަކަށް ސުނާމީ އިންޒާރު ދީފައި ވާއިރު، މިހާރު އެ އިންޒާރުވަނީ ކެންސަލް ކޮށްފައެވެ.

ރެސްކިއު ޓީމުތަކުން ދަނީ ވެއްޓިފައިވާ އިމާރާތްތަކުގެ ދަށުން މީހުން ހޯދުމުގެ މަސައްކަތް ކުރަމުންނެވެ.