2023 ވަނަ އަހަރުގެ ރައްޔިތުން މަޖިލީހުގެ ފުރަތަމަ ޖަލްސާގައި ރާއްޖޭގެ ރައީސުލް ޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހް ރިޔާސީ ބަޔާން އިއްވަމުން ގެންދަވާތީ އިދިކޮޅު ކޯލިޝަން ޕީޕީއެމް އާއި ޕީއެންސީގެ އާންމު މެމްބަރުން މަގުމަތީގައި މުޒާހަރާ ކުރަމުން އެބަދެއެވެ.

ހެންވޭރު ރޯޝަނީ ބިލްޑިންގް ސަރަހައްދުގައި ގިނަ އަދަދެއްގެ އާންމު މެމްބަރުން މުޒާހަރާ ކުރަމުން ދާއިރު ބައިވެރިންގެ އެންމެ ބޮޑު ގޮވާލުމަކަށް ވެފައިވަނީ އިދިކޮޅު ޕީޕީއެމްގެ ރައީސް އަބްދުއްﷲ ޔާމީން މިނިވަން ކުރުމަށެވެ. މިހާތަނަށް މުޒާހަރާގެ 8 ބައިވެރިން ހައްޔަރު ކޮށްފައި ވާއިރު ގިނަ އަދަދެއްގެ އެސްއޯ ފުލުހުން ދަނީ އެސަރަހައްދުގައި ހަރަކާތްތެރި ވަމުންނެވެ.

މުޒާހަރާގެ ބައިވެރިން ސަރަހައްދު ދޫކޮށް ދިޔުމަށް ފުލުހުން ތަކުރާރުކޮށް އެންގިނަމަވެސް ބައިވެރިން އަންނަނީ އެ ސަރަހައްދު ދޫކޮށް ދިއުމަށް ދެކޮޅު ހަދަމުންނެވެ.

މިއަހަރުގެވެސް ފުރަތަމަ ޖަލްސާގައި ރައީސް އިއްވަވަން ހަމަޖެހިފައިވާ ރިޔާސީ ބަޔާނުގައި، ގައުމުގެ ހާލަތު ބަޔާންކޮށް ރަނގަޅުކުރަން ހުރި ކަންކަމުގެ މައްޗަށް އަލިއަޅުވާލައްވަން ހަމަޖެހިފައި ވެއެވެ. މިއަދުގެ ޖަލްސާ ރިޔާސީ ބަޔާނަށް ހާއްސަ ކޮށްފައި ވާއިރު މަޖިލީހުގެ މައިނޯރިޓީ ޕާޓީން ރިޔާސީ ބަޔާނަށް ޖަވާބު ދިނުން ވެސް ހިމެނިގެން ދާނެއެވެ.

ވ. އާރަށް ކުއްޔަށް ދިނުމުގެ މުއާމަލާތާ ގުޅިގެން މިދިޔަ ޑިސެންބަރު މަހުގެ 25 ވަނަ ދުވަހުގައި ރައީސް ޔާމީނުގެ މައްޗަށް ދައުލަތުން އުފުލި ދެ ދައުވާ ސާބިތުވާ ކަމަށް ކުރިމިނަލް ކޯޓުން ނިންމައި، 11 އަހަރުގެ ޖަލު ހުކުމެއް ރައީސް ޔާމީންގެ މައްޗަށް އިއްވި ނަމަވެސް އިދިކޮޅުން ދަނީ ރައީސް ޔާމީން ރިޔާސީ އިންތިހާބުގައި ވާދަކުރައްވާ ކުރި ހޯއްދަވާނެ ކަމަށް ތަކުރާރުކޮށް ބުނަމުންނެވެ.

މީގެ އިތުރުންވެސް މި މުޒާހާރާގައި ރައީސް ޔާމީން ދޫކޮށްލުމަށް ގޮވާލައި އެމަނިކުފާނަށް އަނިޔާ ކުރާ ކަމަށް ބުނެ އަނިޔާ ހުއްޓާލުމަށް އަންނަނީ ގޮވާލަމުންނެވެ.