ރާއްޖޭގެ ހާލަތު ރަނގަޅު އިގްތިސޯދެއްގެ މައްޗަށް ބިނާވާ މަންޒަރު ފެންނަމުންދާ ކަމަށާއި 2028 ވަނަ އަހަރު ނިމޭ އިރު، ރާއްޖޭގެ އިގްތިސޯދި ދެގުނަ ވެގެން ދާނެ ބޮޑު ބަދަލެއް ފެންނާނެ ކަމަށް ރައީސުލްޖުމްހުރިއްޔާ އިބރާހިމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެއެވެ.
ރައްޔިތުން މަޖިލީހުގައި މިއަދު ރިޔާސީ ބަޔާން އިއްވަވަމުން ރައީސް ސޯލިހް ވަނީ ރާއްޖޭގެ އިގްތިސޯދަށް އައިސްފައިވާ ކުރިއެރުމާއި އަދި ރާއްޖޭގެ މުސްތަގްބަލް ފެނިވަޑައިގަންނަވާ ގޮތް ސިފަކުރައްވާފައެވެ. އެ ގޮތުން ރާއްޖެއަށް ޒިޔާރަތް ކުރާ ފަތުރުވެރިންގެ އަދަދު 2028 ވަނަ އަހަރާ ހަމައަށް ދާ އިރު، މަދުވެގެން އަހަރަކަށް 3.5 މިލިއަނަށް އިތުރުވާނެ ކަމަށާއި އެ ނަތީޖާ ނެރޭވެނީ މިއަދު ފަށާ، ހިންގާ، އަދި ނިންމަމުން ދާ މަޝްރޫއުތަކުގެ ސަބަބުން ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
2028 ނިމޭ އިރު، ރާއްޖޭގެ އިގްތިސޯދު ދެގުނައަށް ބޮޑުވާނެ ކަމަށް ލަފާ ކުރައްވާ ރައީސް ވިދާޅުވީ، 2018 ވަނަ އަހަރު ރާއްޖޭގެ ޖުމްލަ އުފެއްދުންތެރިކަމަށް 81 ބިލިއަން ރުފިޔާ އަރާފައިވާ ކަަމަށެވެ. ނަމަވެސް އޭގެ 10 އަހަރު ފަހުން، ރާއްޖޭގެ އިގްތިސޯދު ދެގުނަކޮށް، 2028 ވަނަ އަހަރު ރާއްޖޭގެ އުފެއްދުންތެރިކަން 177 ބިލިއަން ރުފިޔާއަށް ގެންދެވޭނެ ކަމަށެވެ.
ހަމައެއާއެކު އިގްތިސޯދަށް އަންނަ ކުރިއެރުންތަކާއެކު ދައުލަތަށް ލިބޭ އާމްދަނީ ވެސް 2018 ވަނަ އަހަރާ އަޅާބަލާ އިރު ދެގުނަ ކުރެވޭނެ ކަމަށާއި، 2028 ވަނަ އަހަރު 45 ބިލިޔަން ރުފިޔާ ދައުލަތަށް ލިބޭނެ ކަމަށް ރައީސް ވިދާޅުވިއެވެ.
ސަރުކާރުން މިހާރު ތަންފީޒު ކުރަމުން ދާ މާލީ، އިގްތިސޯދީ އަދި އިޖްތިމާއީ ހުރިހާ ސިޔާސަތެއް ނިމޭއިރު ހާސިލް ކުރެވޭ ނަތީޖާއިން ރައްޔިތުންގެ ޖީބަށް ވަންނަ އާމްދަނީ އިތުރުވެ، ވަޒީފާތައް ގިނަވެ، އިތުރު ވިޔަފާރިތަކާ އާ ސިނާއަތުތައް އުފެދި، މުޖުތަމައުގެ ހަމަޖެހުމާ އަމާންކަން ހެދި ފޯދި، ތަފާތުތައް ނެތި ދާނެ ކަމަށް ރައީސް ސޯލިހް ވިދާޅުވިއެވެ.
މިދިޔަ އަހަރު ރާއްޖޭގެ އިގްތިސޯދު ކުރިއަރާނެ ކަމަށް ވޯލްޑް ބޭންކުން ފުރަތަމަ ލަފާކުރީ 7.6 އިން ޕަސަންޓެވެ. ނަމަވެސް މިދިޔަ އަހަރު ނިމުނުއިރު ވޯލްޑް ބޭންކުގެ އަންދާޒާ 7.6 ޕަސަންޓުން 12.4 ޕަސަންޓަށް މަތިކޮށްފައި ވަނީ ވެސް ރާއްޖޭގެ ޓޫރިޒަމް ސިނާއަތުން އާމްދަނީ ހޯދަމުން އަންނަ މިންވަރު އިތުރުވެފައިވާތީ ކަަމަށް އެ ބޭންކުން ވަނީ ބުނެފައެވެ. އެ ހިސާބުތަަކަށް ރިއާޔަތްކޮށް ރައީސް ސޯލިހް ވިދާޅުވީ، މި އަހަރު ރާއްޖޭގެ އިގްތިސޯދު ކުރިއަރާނެ ކަމަށް ވޯލްޑް ބޭންކުން ލަފާކުރަނީ 8.2 ޕަސަންޓަށް ކަމަށެވެ.
މީގެ އިތުރުން ވެސް ރައީސް ސޯލިހް ވަނީ މިއަހަރުގެ ޖެނުއަރީ މަހަކީ ރާއްޖޭގެ ތާރީހުގައި ވެސް އެންމެ ގިނައިން އާމްދަނީ ލިބުނު މަސްކަން ފާހަގަކުރައްވާފައެވެ. އެ ގޮތުން މިދިޔަ މަހު ރާއްޖެއަށް އާމްދަނީގެ ގޮތުގައި 3.5 ބިލިއަން ރުފިޔާ ލިބިފައިވާ ކަމަށް އެމްނިކުފާނު ފާހަގަ ކުރެއްވިއެވެ.