ސަރުކާރު ޝަމިލްވާ އާ ސަބްމެރިން ކޭބަލެއް އަޅައި އަންނަ ސެޕްޓެމްބަރު މަހުގެ ފަހުން އެ ކޭބަލް ބޭނުން ކުރަން ފަށާއިރު އިންޓަނެޓް އަގުހެޔޮ ވެ، އިންޓަނެޓް ސްޕީޑަށް އިންގިލާބީ ބަދަލެއް އަންނާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެއެވެ.
މިއަދު ރައްޔިތުން މަޖިލީހުގައި ރިޔާސީ ބަޔާން އިއްވަވަމުން ރައީސް ސޯލިހް ވިދާޅުވީ، ދުނިޔެ ތަރައްގީވެ އިންޓަނެޓްގެ ޒަރީއާއިން ކުރެވޭ މުއާމަލާތްތައް އިތުރުވަމުން އަންނަ އިރު ރާއްޖޭގެ އިންޓަނެޓް އަގަށް ގެނައި ބަދަލާއި އޭގެ ސްޕީޑް އަދިވެސް އިތުރަށް ތަރައްގީ އައުމަކީ މުހިއްމު ކަމެއް ކަމަށެވެ. އެގޮތުން ސަރުކާރު ޝަމިލްވާ އާ ސަބްމެރިން ކޭބަލެއް އަޅަން ނިންމާފައިވާ ކަމަށް އެމްނިކުފާނު ވިދާޅުވިއެވެ.
ފްރާންސްގެ މާސޭއިން ސިންގަޕޫރަށް އަލާ ސަބްމެރިން ކޭބަލް ކުރިއަށް އޮތް 5 މަސް ތެރޭ ރާއްޖެއަށް އެއްގަން ކުރެވޭނެ ކަމާއި އަންނަ ސެޕްޓެމްބަރު މަހުގެ ނިޔަލަށް އެ ސަބްމެރިން ކޭބަލް ބޭނުން ކުރުމުގެ ފުރުސަތު ލިބޭނެ ކަމަށް ރައީސް ވިދާޅުވިއެވެ.
މި މަޝްރޫއަކީ އިންޓަނެޓްގެ އަގުހެޔޮވެ، ސްޕީޑަށް އިންގިލާބީ ބަދަލެއް ގެނެސްދޭނެ މަޝްރޫއެއް ކަމަށް ރައީސް ފާހަގަ ކުރެއްވިއެވެ. އަދި އެއީ އުފެއްދުންތެރި ޒުވާނުންނާއި ވިޔަފާރިތައް ދުނިޔޭގެ މާކެޓާ ގުޅުވައިދޭނެ ވަސީލަތެއް ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.
މިއީ ފުރަތަމަ ފަހަރަށް ސަރުކާރުގެ ފަރާތުން ރާއްޖޭގައި އަޅާ ސަބްމެރިން ކޭބަލެވެ. "މޯލްޑިވްސް-އައިއޭއެކްސް ސަބްސީ ކޭބަލް" އެޅުމަށް ހަވާލުކޮށްފައި ވަނީ އިންޑިއާގެ ކުންފުންޏެއް ކަމަށްވާ ރިލަޔަންސް ޖިއޯ ކުންފުންޏާއެވެ.
މި ސަބްމެރިން ކޭބަލް މެދުވެރިކޮށް ދުނިޔޭގެ ދެ ބިތުގައި ދެ ކަނެކްޝަނެއް ތައާރަފު ކުރާނެއެވެ. އަދި ތާޑް ޕާޓީ ހަބްތަކަށް ބަރޯސާނުވެ ސިންގަޕޫރުން ޔޫރަޕަށް ސީދާ އިންޓަގްރޭޝަންތައް ލިބޭނެއެވެ. މިއާއެކު ރާއްޖޭގައި އިންޓަނެޓް ހިދުމަތް ފޯރުކޮށްދޭ ކުންފުނިތަަކަށް މި ކޭބަލް ބޭނުން ކޮށްގެން މިހާރަށް ވުރެ ހަރަދު ކުޑަކޮށް ހިދުމަތް ދެވޭނެ ކަމަށް ވެސް ސަރުކާރުން ވަނީ ބުނެފައެވެ.