ބ. އަތޮޅުގައި އޮންނަ ފަޅު ރަށެއް ކަމަށްވާ ކެޔޮދޫގައި ބަޔަކު ވެލާތަކެއް ފަޅައި، ކައްކަން އުޅުނު މައްސަލައެއް އެންވާރަމަންޓް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ) އިން ބަލަން ފަށައިފިއެވެ.

ކެޔޮދު އަށް ބަޔަކު ގޮސް، އެ ރަށުގައި ވެލާ ފަޅައިގެން އުޅޭކަމުގެ މައުލޫމާތެއް ފުލުހުންގެ އިންޓެލިޖަންސަށް ލިބުނީ މި މަހުގެ 3 ވަނަ ދުވަހުގެ ހަވީރު 4:30 ހާއިރެވެ. އެ މައުލޫމާތު ލިބުމާއެކު އެ ރަށަށް ފުލުހުން ގޮސްފައިވާ އިރު، އެކަމުގައި ބަލަން ޖެހޭ ކަންކަން ބަލައި އެ މައުލޫމާތު އީޕީއޭ އާ ހިއްސާކޮށްފައި ވާ ކަމަށް ފުލުހުން ބުނެއެވެ.

'ދަ ޕްރެސް' އަށް މައުލޫމާތު ދެއްވަމުން އީޕީއޭގެ ޑިރެކްޓަރު އިބްރާހިމް ނައީމް ވިދާޅުވީ، އެ މައްސަލަ ވަރަށް ސީރިއަސް މައްސަލައެއްގެ ގޮތުގައި ބަލަމުން އަންނަ ކަމަށާއި މި ވަގުތު އީޕީއޭ އާއި ފުލުހުންގެ ޓީމެއް ވެސް އެ ރަށުގައި ހަރަކާތްތެރިވަމުން އަންނަ ކަމަށެވެ. އެ ރަށުގައި 6 ވެލައެއް ހިފައިގެން ބަޔަކު އުޅެފައިވާ އިރު އެކަމުގައި އުޅެފައި ވަނީ ދިވެހިން ކަމަށް ވެސް ނައީމް ވިދާޅުވިއެވެ. އަދި އެ މައްސަލަ ބަލައި ނިމުނުހާ އަވަހަށް ޖޫރިމަނާ ކުރާނެ ކަމަށް ވެސް ނައީމް ވިދާޅުވިއެވެ.

ރާއްޖޭގެ ތިމާވެށި ރައްކާކޮށް ދެމެހެއްޓުމާ ބެހޭ ގާނޫނުގެ ދަށުން އޭޕްރީލް 4، 2016 އިން ފެށިގެން ވެލަޔާއި ކަހަނބުގެ ހުރިހާ ބާވަތެއް ވަނީ ހިމާޔަތްކޮށްފަ އެވެ. ވެލާ ކަހަނބުގެ ބާވަތްތައް ހިފުމާއި އެއަށް ގޯނާ ކުރުން ވަނީ މަނާކޮށްފަ އެވެ. އެއީ ބޮޑު ޖޫރިމަނާއެއް އަންނަ ކުށަކަށް ވިޔަސް އަދިވެސް ދިވެހިންގެ ތެރޭގައި ވެލާ ހިފައި އެ ކައި ހަދާ މައްސަލަތައް ދޭތެރެއަކުން ފެންމަތިވެ އެވެ.

އެންވާރަމަންޓް މިނިސްޓްރީން 2016 ވަނަ އަހަރު ކޮށްފައިވާ އިއުލާނެއްގައިވާ ގޮތުން ވެލާ ކަހަނބު ހިފައި، ގޯނާކޮށް، ގެންގުޅެ ނުވަތަ ވިޔަފާރި ކުރުމަކީ މަނާކަމެކެވެ. އެއާ ހިލާފުވާ ފަރާތްތަކުން، ތިމާވެށި ރައްކާތެރިކޮށް ދެމެހެއްޓުމާ ބެހޭ ގާނޫނުގެ ދަށުން ހަދާފައިވާ، ތިމާވެށްޓަށްދޭ ގެއްލުންތަކަށް ޖޫރިމަނާ ކަނޑައެޅުމާއި ބަދަލު ހޯދުމުގެ ގަވާއިދުގެ ދަށުން އަދަބު ލިބޭނެ ކަމަށް ބުނެފައި ވެއެވެ.

ރާއްޖޭގައި އުޅޭ ދިރޭ ތަކެތީގެ ތެރެއިން ނެތިގެން ހިނގައިދާނެ ކަމުގެ ބިރު ހީވެފައިވާ ތަކެތީގެ "ރެޑްލިސްޓް" އެއް އެކުލަވައިލުމުގެ މަސައްކަތް ތިމާވެއްޓާ ބެހޭ މިނިސްޓްރީން ފަށާފައިވާ އިރު، ވެލަ އާއި ކަހަނބު ނެތިގެން ހިނގައިދާނެ ކަމުގެ ބިރު ވަރަށް ބޮޑުވެފައިވާ ކަމަށް ފުރަތަމަ ދިރާސާގައި ވަނީ ބުނެފައެވެ. އެގޮތުން މިހާތަނަށް ދިރާސާ ހަދާ ނިމިފައި ވަނީ ވެލާ ކަހަނބުގެ ފަސް ބާވަތެއްގެ އެސެސްމެންޓެވެ. އެއީ ބޯބޮޑުވެލާ، ވާވޮށިވެލާ، މުސިންބީ، ކަހަނބު އަދި އާދައިގެ ވެލައެވެ.

ރާއްޖޭގެ ނުވަ އަތޮޅެއްގައި އާދައިގެ ވެލާ ވިހައި، އާލާވާ ކަމަށް ރިކޯޑް ކޮށްފައިވާއި ރު، މި ބާވަތް އެންމެ ގިނައިން ފެންނަނީ ބ، ކ، ތ އަދި ލ. އަތޮޅުންނެވެ. މިދިޔަ އަހަރުގެ ނިޔަލަށް ރާއްޖޭގެ އެކި ހިސާބުތަކުން މި ބާވަތުގެ 1،170 ވެލާ ފެނިފައިވާ ކަމަށް އެންވާރަމަންޓް މިނިސްޓްރީން ބުނެއެވެ.