ކޮންމެ މައްސަލައެއްގައި ވެސް ސިޓީ ކައުންސިލާ މަޝްވަރާ ކޮށް ހައްލު ހޯދުމަށް ތައްޔާރަށް ހުންނެވި ކަމަށް ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ޝަރީފް ވިދާޅުވެއްޖެއެވެ.
ޝަރީފް މިހެން ވިދާޅުވީ މިއަދު އެމްޑަބްލިއުއެސްއީއާއި އުރީދޫއާއި މީޑިއާ ނެޓާއި އާރްއޯލް އާއި ސްޓެލްކޯ އަދި ލޯކަލް ގަވާމެންޓް އޮތޯރިޓީ (އެލްޖީއޭ) އާއެކު ބޭއްވި ބައްދަލުވުމުގައި ވާހަކަ ދައްކަވަމުންނެވެ.
ޝަރީފް ވިދާޅުވީ މާލެ ސިޓީ ކައުންސިލާއި ސްޓެލްކޯގެ އަރާރުމެއްގެ ސަބަބުން އާއްމު ރައްޔިތުންނަށް އުނދަގޫ ފޯރައިގެން ނުވާނެ ކަމަށެވެ. އަދި މާލޭގެ މަގުތައް ކޮނުމާއި މަގުން ގާ ނަގައިގެން ކުރާ މަސައްކަތްތަކަށް ފީއެއް ނަގަން ނިންމާ މާލެ ސިޓީ ކައުންސިލުން އާންމުކުރި އުސޫލުއަށް މިދިޔަ ބުރާސްފަތި ދުވަހުން ފެށިގެން އަމަލު ކުރަމުން ނުދާތީ އެ އުސޫލާ ގުޅޭ ގޮތުން ރަސްމީކޮށް އެއްޗެއް ވިދާޅުވުމަށް ވެސް ޝަރީފް ވަނީ އެދިވަަޑައިގެންފައެވެ.
މި ބައްދަލުވުމަކީ މާލޭގެ މަގުތައް ކޮނުމާއި މަގުން ގާ ނަގައިގެން ކުރާ މަސައްކަތްތަކަށް ފީއެއް ނަގަން ނިންމާ މާލެ ސިޓީ ކައުންސިލުން އާންމުކުރި އުސޫލާ ގުޅިގެން ގިނަ ކުންފުނިތަކުން ކަންބޮޑުވުން ފާޅުކޮށް ސިޓީ ކައުންސިލްގެ ސަމާލުކަމަށް އެކަން ގެނެސްފައިވީ ނަމަވެސް ސިޓީ ކައުންސިލްގެ އެދެވޭ ޖަވާބެއް އެ އުސޫލާ ގުޅިގެން ލިބިފައި ނުވާތީ ބޭއްވި ބައްދަލުވުމެކެވެ.
މިދިޔަ ބުދަ ދުވަހު ސްޓެލްކޯއިން ބޭއްވި ޕްރެސް ކޮންފަރެންސްއަށްފަހު ސިޓީ ކައުންސިލުން ބުނީ މި އުސޫލަކީ އާންމު ރައްޔިތުންނަށް ހިދުމަތް ދިނުމަށް ނުވަތަ އަގުކުރުމަށް ކަނޑައަޅާފައިވާ އުސޫލެއް ނޫން ކަމުގައެވެ.
މި ބައްދަލުވުމުގައި ބައިވެރިވި ކުންފުނިތަކުން ބުނީ އެ އުސޫލާ ގުޅިގެން ކުންފުނިތަކުން ރައްޔިތުންނަށް ދެމުން ގެންދާ ހިދުމަތްތަކުގެ އަގު އުފުލިގެންދާނެ ކަމަށާއި މިކަމުގެ ސަބަބުން އާއްމު ހިދުމަތްތައް ހޯދުންވެގެން ދާނީ ރައްޔިތުންނަށް މާލީ ބުރައަކަށް ކަމަށެވެ. އަދި މި އުސޫލުގެ ދަށުން ދުވާރުގައި ކޭބަލް ނަރު އަޅާނަމަ ފޫޓަކަށް 25 ރުފިޔާއާއި ރޯޑް ބްލޮކް ނަގައިގެން މަސައްކަތް ކުރާނަމަ ފޫޓަކަށް 100 ރުފިޔާ އަދި މަތި ނަގާ ކޮންމެ ޖަންކްޝަން އަކަށް 300 ރުފިޔާ ޗާޖް ކުރާ ކަމަށެވެ. މިއީ ކުރިން އެއްވެސް ޗާޖެއް ނަގާފައިވާ ކަންކަމެއް ނޫނެވެ.
މީގެކުރިން 60 ރުފިޔާއަށް ލިބޭ ސައިން ބޯޑް މިހާރު 200 ރުފިޔާއަށް ބަދަލުކޮށްފައި ވާއިރު 150 ކުރިން ލިބުނު ސައިން ބޯޑްތައް ވަނީ 300 ރުފިޔާއަށް ބޮޑުކޮށްފައެވެ.
މިފަދަ އުސޫލެއް ކަނޑައަޅާއިރު އެލްޖީއާ ބައިވެރިވުން އޮންނަން ޖެހޭނެކަން ފާހަގަކޮށް ޝަރީފް ވިދާޅުވީ ރައްޔިތުންނަށް ބޮޑު އަސަރެއް މި އުސޫލުގެ ސަބަބުން ކުރާނެ ކަމަށާއި މިފަދަ އުސޫލެއް ކަނޑައަޅާއިރު ހިދުމަތްދޭ ކުންފުނިތަކާ މަޝްވަރާ ވެސް ކުރަންޖެހޭނެ ކަމަށެވެ. މި އުސޫލަށް އަމަލު ކުރަން ފަށާފައި ވަނީ އެލްޖީއޭގެ ބަހެއް ނެތިކަން ވެސް ޝަރީފް ވަނީ ފާހަގަ ކުރައްވާފައެވެ.
ޝަރީފް ވިދާޅުވީ ގާނޫނުގައިވާ ގޮތުން އާންމުންނާ ސީދާ ގުޅުން ހުންނަ މިފަދަ ކަންކަމަށް އަގު ނަގާނަމަ އެކަން ފެށުމުގެ ކުރިން އެކަށީގެންވާ މުއްދަތެއް ވެސް ދޭންޖެހޭނެވެ. އެހެންނަމަވެސް ޖެނުއަރީ 1 ވަނަ ދުވަހު އާންމު ކުރަން ބުނި އުސޫލު ގެޒެޓް ކުރީ ވެސް އޭގެ އެއް ދުވަސް ފަހުން ޖެނުއަރީ 2 ގައި ކަމަށް ޝަރީފް ވިދާޅުވިއެވެ.
ޝަރީފްގެ ކަންބޮޑުވުންތަކާއެކު އެލްޖީއޭއިން ބުނެފައި ވަނީ ސިޓީ ކައުންސިލާއެކު މަޝްވަރާ ކުރުމަށް ތައްޔާރުވަމުން އަންނަ ކަމަށެވެ.