އައްޑޫ ސިޓީ ކައުންސިލްގެ މޭޔަރު އަލީ ނިޒާރާއި އިތުރު މީހަކު ގުޅިގެން ނެްންގެވި ލޯނަކަށް ފައިސާ ނުދައްކައިގެން ބީއެމްއެލްއިން ސިވިލް ކޯޓަށް ދިއުމުން ލޯނު ދައްކައިފިއެވެ.

ސިވިލް ކޯޓުން ބުނީ އަލީ ނިޒާރު އާއި ހިތަދޫ ހިޔާލާގެ، ލީނާ ޖާބިރު ގުޅިގެން ރަހުނު ބަހައްޓައިގެން އަލީ ނިޒާރު އެދުމަކަށް ބީއެމްއެލްއިން 1،240،000 ރުފިޔާގެ ޑިމާންޑް ލޯނާ އެއްގޮތަށް ފައިސާ އަދާކޮށްފައި ނުވާތީ އެ ލޯނާ ގުޅިގެން މިހާތަނަށް ދައްކަން ޖެހި ނުދައްކާވާ އެއްމެހާ ފައިސާއާއި ސާވިސް ޗާޖާއި އިންޓްރަސްޓް ރޭޓާއި ޖޫރިމަނާގެ ފައިސާ އަލީ ނިޒާރުއާއި ލީނާ ފަރާތުން އެކީ އެއްފަހަރާ ހޯދުމަށް ބީއެމްއެލްއިން އެދިފައިވާ ކަމަށެވެ.

ބީއެމްއެލްއިން ވަނީ ރަހުނު އެގްރިމަންޓްގެ ދަށުން ހިތަދޫ ކްރެސް ގާޑްން ކިޔާ ރެސްޓޯރެންޓުގައިވާ ހުރިހާ މުދަލާއި ހިޔާލާ ގޯއްޗާއި އެ ގޯތީގައިވާ އެންމެހާ އިމާރާތްތައް ބީއެމްއެލްއަށް ރަހުނު ކުރެވިފައިވާކަން ކަނޑައަޅައިދެއްވުމަށް އެދިފައެވެ. އަދި ލޯނާ ގުޅިގެން ދައްކަން ޖެހޭ އެންމެހާ ފައިސާ ދައްކާ ލޯނު އެކައުންޓް ބަންދުކުރެވެންދެން ރަހުނުގެ އެގްރިމެންޓުގެ ދަށުން ލިބެން ޖެހޭ ހައްގުތަކާއި ބާރުތައް ބާތިލުނުވެ ދެމިގެންދާނެ ކަމަށް ކަނޑައަޅައިދިނުމަށް އެދި ބީއެމްއެލްއިން ވަނީ ސިވިލް ކޯޓަށް ހުށަހަޅާފައެވެ.

އެހެންނަމަވެސް އެ ފައިސާ ދެ ދެމީހުންގެ ފަރާތުން ދައްކާ ހަލާސްކޮށްފައިވާތީ މި މަހުގެ 1 ވަނަ އެ ދައުވާ ބާތިލުކުރުމަށް އެދި ބީއެމްއެލްއިން ވަނީ ސިވިލް ކޯޓަށް ހުށަހަޅާފައެވެ. އެހެންކަމުން އެ ދައުވާ ވަނީ ބާތިލުކޮށްފައެވެ.