ޕާކިސްތާންގެ ކުރީގެ ރައީސް ޖެނެރަލް ޕަރްވޭޒް މުޝައްރަފް އުމުރުފުޅުން 79 އަހަރުގައި އަވަހާރަވެއްޖެއެވެ.
1999 ވަނަ އަހަރު ޕާކިސްތާނަށް ގެނައި އަސްކަރީ އިންގިލާބުގައި ވެރިކަމަށް ވަޑައިގެންނެވި މުޝައްރަފް، ގާތްގަނޑަކަށް ދެ ދައުރު ހަމަކުރެއްވުމާ ގާތަށް ގޮސްފައި ވަނިކޮށް އިސްތިއުފާ ދެއްވާ ޔޫއޭއީއަށް ވަޑައިގެން ހުއްނެވީ އެގައުމުގައެވެ.
އާލާސްކަންފުޅެއް ޖެހިވަޑައިގެން ފަރުވާ ހޯއްދަވަމުން ގެންދަވަނިކޮށް އަވަރާހަ ވީ ދުބާއީގައެވެ. މުޝައްރަފަށް ޖެހިވަޑައިގެންނެވި އާލާސްކަންފުޅަކީ އެތެރެހަށީގެ ގުނަވަންތައް ހަލާކުކޮށްލައި މަދުން ނޫނީ ނުފެންނަ "އެމިލޮއިޑޮސިސް" އެވެ. އެ އާލާސްކަންފުޅާ ހެދި ފުރޮޅުލީ ގޮނޑީގައި އުޅުއްވަން ޖެހިވަޑައިގަތުމުގެ އިތުރުން، ބަލި އެނދުގައި އޮންނަވައިގެން ފަރުވާ ހޯއްދަވަމުން ގެންދަވާތާ ވަނީ ގިނަ ދުވަސްތަކެއް ވެސް ވެފައެވެ.
ކުރީގެ ބޮޑުވަޒީރު ނަވާޒް ޝަރީފުގެ ވެރިކަމުގައި، 4 ތަރީގެ ޖެނެރަލް މުޝައްރަފް އަސްކަރީ ވެރިކަމެއް ކުރެއްވުމަށް ފަހު 2008 ގައި ވެރިކަން ދޫކޮށްލެއްވީ، އޭނާ އިމްޕީޗް ކުރަން ނުވަތަ އިތުބާރު ނެތްކަމަށް ނަގަން އުޅުމުންނެވެ.
އޭގެ ފަހުން 2010 ގައި ސިޔާސީ ޕާޓީއެއް އުފައްދަވައި، ސިޔާސީ މައިދާނުގައި ޕާޓީން ވާދަ ކުރި ނަމަވެސް އެކަށީގެންވާ ކާމިޔާބީއެއް އެ ޕާޓީއަށް ލިބިފައެއް ނުވެއެވެ.
އޭގެ ފަހުން 2014 ވަނަ އަހަރު މުޝައްރަފްގެ މައްޗަށް ޣައްދާރުވުމުގެ ކުށުގެ ދައުވާ އުފުލާ ޝަރީއަތް ކޮށް 2019 ވަނަ އަހަރު އޭނާ މަރަން ޕާކިސްތާނުގެ ކޯޓުން ހުކުމް ކުރިއެވެ. ނަމަވެސް ފަހުން އެ ހުކުމް ވަނީ ބާތިލް ކޮށްފައެވެ.