އަޑުއިވޭތީ ގިނަ ބަޔަކަށް ގަބޫލުވެސް ކުރެވިފައި އޮންނަނީ ކެންސަރު ޖެހޭނީ އުމުރުން ދުވަސްވެ، ގައިބާރު ދޫވެފައިވާ މީހުންނަށް އެކަންޏެވެ. އެއީ މަރު ބަލީގެ ގޮތުގައި ގިނަ ބަޔަކު ދެކޭއިރު ޅަ އުމުރުގައި އެކި ބާވަތްތަކުގެ ކެންސަރުތަކާ ހަނގުރާމަކޮށް ކުރި ހޯދާ، އަލުން އަނބުރާ ކުރީގެ ދިރިއުޅުމަށް ރުޖޫއަވާން ގިނަ ބަޔަކު ގަދައަޅާ މަސައްކަތް ކުރެއެވެ. އެ ފަދަ ހާލަތްތަކުގައި ގިނަ ބައެއްގެ ލޯތްބާއި އަޅާލުން ލިބޭއިރު ލޯބިވާ ބައިވެރިޔާ، ދޫކޮށް ދަނީވެސް މަދު ފަހަރަކު ނޫނެވެ.

ދެ މީހެއްގެ ދެމެދުގައި އުފެދޭ ލޯބި، ޒަވާޖީ ހަޔާތަކާ ހިސާބަށް ވާސިލު ވާއިރު ދެކޭ ގިނަ ހުވަފެންތަކަކާއި ކުރާ ފޮނި އުންމީދުތަކެއް ވެސް އޮންނާނެއެވެ. ހަމަ އެ ހުރިހާ ކަމަކާއެކު 2019 ވަނަ އަހަރުގެ ތެރޭގައި އޭރު އުމުރުން 23 އަހަރުގެ ޝާނާ (އަސްލު ނަމެއް ނޫން) ވެސް ދިޔައީ އެ އަހަރުގެ ސެޕްޓެމްބަރު މަހުގެ ތެރޭގައި ކައިވެނި ކުރުމަށްޓަކައި ތައްޔާރު ވަމުންނެވެ. އޭގެ އަހަރެއްހާ ދުވަސް ކުރިން ސިސްޓްގެ ބޮޑު އޮޕަރޭޝަނެއް ކޮށްފައި ހުރި ޝާނާއަށް ބަނޑުގައި ރިއްސުން އެއީ އާންމު ކަމަކަށް ވިޔަސް ފަރުވާ ކުޑަކުރުމަކާނުލައި އެކަން ދިޔައީ ވަރަށް ރަނގަޅަށް ބަލަމުންނެވެ. އެގޮތުން އޮޕަރޭޝަނަށް ފަހު ގަވާއިދުން ޓެސްޓުތަކާއި ސްކޭންތައް ހަދަމުން އައި ޝާނާ، އެ އަހަރު ޖުލައި މަހުގެ ތެރޭގައި ހެދިި ސްކޭން އިން އިތުރު ސިސްޓެއް އަދި ކެންސަރުގެ އެއްވެސް އަސަރެއް ހުރި ކަމަކަށް ދައްކާފައެއް ނުވެއެވެ.

ކައިވެންޏަށްފަހު ވެސް ޝާނާގެ ބަނޑުގައި ރިއްސުމަކަށް ކުޑަވެސް ބަދަލެއް އައިސްފައެއް ނުވެއެވެ. އަދި ކައިވެނި ކުރި ހަފްތާގެ ތެރޭގައި އޭޑީކޭގެ އެތެރެހަށީގެ ޑޮކްޓަރަކަށް ދައްކާ، ހަދަން ދިން ޓެސްޓުތައް ހެދުމަށް ފަހު ރިޕޯޓުތައް ދައްކަން ދިއުމުން "އޮންކޮލޮޖީ" ޑޮކްޓަރަކަށް ވީހާވެސް އަވަހަށް ދެއްކުމަށް ޑޮކްޓަރު އިރުޝާދު ދިނެވެ.

"ދަ ޕްރެސް" އާ ވާހަކަ ދައްކަމުން ޝާނާ ބުނީ އޮންކޮލޮޖިސްޓަކީ ކޮބައިކަން ނޭނގި، ގޫގުލްއިން ބެލިއިރު އެއީ ކެންސަރަށް ހާއްސަ ޑޮކްޓަރުންކަން އެނގުމުން ކުރެވުނީ ވަރަށް ބުނަން ދަތި އިހުސާސްތަކެއް ކަމަށެވެ.

"ދެއްކީމަ ބުނީ "އޮންކޮލޮޖީ" ޑޮކްޓަރަކަށް ދައްކާށޭ ވީހާވެސް އަވަހަކަށް. ދެން އޭރަކު ނޭނގެ އޮންކޮލޮޖީއަކީ ކޯއްޗެއް ކަމެއްވެސް. ގޫގްލް ސާޗު ކޮށްލީ. ދެން އެއީ ކެންސަރަށް ހާއްސަ ޑޮކްޓަރެއްކަން އެނގުނު. ދެން ބުނެދޭން ނޭނގޭ ކަހަލަ ގޮތެއްވީ. އެކަމުވެސް ގަބޫލެއް ނުކުރެވެ."
ޝާނާ

ޝާނާ ބުނީ އެތެރެ ހަށީގެހާއްސަ ޑޮކްޓަރަކު ކެންސަރުގެ ހާއްސަ ޑޮކްޓަރަކަށް ދައްކަން ބުނުމުން ވެސް ކެންސަރު ޖެހުނީ ކަމަށް ގަބޫލު ނުކުރާ ކަމަށާއި ކެންސަރު ޖެހުމުގެ ފުރުސަތު އޮތީމައި އެހެން ބުނީ ކަމަށް ވިސްނަމުން ދިޔަ ކަމަށެވެ. އަދި އޮންކޮލޮޖިސްޓަކަށް ދެއްކުމުން އޯވަރިއަން ކެންސަރުގެ ހަތަރު ވަނަ ސްޓޭޖުގައި ކަމަށް ބުނެ ވީ އެންމެ އަވަަހަކަށް އިންޑިއާއަށް ދިއުމަށް އިރުޝާދު ދީ، އާސަންދަ ހަމަޖެއްސުމަށް ވަގުތުން ލިޔުން ދިނެވެ. އެ ހިސާބުންވެސް ޝާނާގެ ހިތްވަރު އެލުވައެއް ނުލައެވެ. އަމިއްލަ ހިތަށް ވިސްނައިދެމުން ދިޔައީ އިންޑިއާއިން ޓެސްޓުތައް ހެދުމަށް ފަހު އެ ކަމަކީ ދޮގަކަށްވެސް ވެދާނެ ކަމަށެވެ.

ކެންސަރަށް ފަރުވާ ހޯދަމުން ދިޔައިރުގެ ފޮޓޯއެއް / ފޮޓޯ: ޝާނާ
"އެ ހިސާބުންވެސް ހިތައް އަރަނީ ހަމަ އެ ދޮގަކަށް ވެދާނެއޭ. އިންޑިއާއަށް ގޮސް އިތުރަށް ޓެސްޓުތައް ހެދީމަ ނެތިވެސް ދާނެއޭ. އަމިއްލަ ޒަމީރު ގަބޫލު ކުރާކަށް ބޭނުމެއް ނުވި އޭރުވެސް. އަދިވެސް ޕޮޒިޓިވް އެއްޗެއް އަޑުއިވިދާނެއޭ. އިހުސާސްއެއް ނުކުރެވުނު. ޕޮޒިޓިވްކޮށް ވިސްނަން ބޭނުންވީ"
ޝާނާ

ހަފްތާއެއްގެ ތެރޭގައި އާސަންދަ ހަމަޖެހި، އެ އަހަރުގެ އޮކްޓޯބަރު މަހު ތެރޭގައި ޝާނާ އިންޑިއާއަށް ފުރައިގެން ދިޔައެވެ. އަދި އޯވަރިއަން ކެންސަރުގެ 4 ވަނަ ސްޓޭޖަށް ދާއިރު ފުރަމެ އާއި ބަނޑުތެރޭގައި އެއްކޮން ކެންސަރު ފެތުރިފައި ހުންނާނެ ކަމަށް ޑޮކްޓަރުން ބުނަމުން ދިޔަ ކަަމަށާއި ފުރަތަމަ އޮޕަރޭޝަނަކަށް ގޮސްފިނަމަ ވަރަށް ބައިވަރު ބައިތައް ނަގަން ޖެހޭނެ ކަމަށާއި ކީމޯ ތެރެޕީ ފެށުމަށް ޑޮކްޓަރު އިރުޝާދު ދެމުން ދިޔަ ކަމަށް ޝާނާ ބުނެއެވެ.

6 ބަޔަކަށް (ސައިކަލްސް ތަކަކަށް) ބަހާލައިގެން ކުރިއަށް ގެންދާ ކީމޯ ތެރެޕީ 21 ދުވަސް ވާންދެން ކުރިއަށް ގެންދިއުމަށް ފަހު އަނެއްބައި ފަށަނީ ހަފްތާއެއްގެ ފަހުންނެވެ. އިންޑިއާގެ އަމްރިތާ ހޮސްޕިޓަލުން ފުރަތަމަ ކީމޯ ފެށުމާއެކު ޝާނާއަށް ބޮޑެތި ބަދަލުތަކެއް އަންނަން ފެށިއެވެ. ނުކެވި ނުވަތަ ކައިފި ނަމަ ހޮޑުލެވި، ކޮޅަށް ހުރެވޭނެހާ ބާރުވެސް ޝާނާގެ ގައިގައި ނެތޭ ކަމަށް އޭނާ ބުންޏެވެ. އަދި ފުރަތަމަ ކީމޯ ދޭން ފެށުމާއެކު ހަށިގަނޑުން އިސްތަށި ފައިބަން ފެށުން ވީ ޝާނާ އެންމެ ދެރަވި އެއް ކަންތަކަށެވެ. އަދި އިސްތަށި ފައިބަން ފެށުމާއެކު މީހާގެ ސިފަ ބަދަލުވާން ފެށި ކަމަށާއި އަތް ނޫން ހަށިގަނޑުގެ ހުރިހާ ތަނަކުން އިސްތަށި ފޭބި ކަމަށް ޝާނާ ބުންޏެވެ.

"އިސްތަށި ފައިބަން ފަށައިފި ފުރަތަމަ ސައިކަލްސް ތެރެއިން އެއީ ދެން އެންމެ ދެރަވި، އަތަށް އިސްތަށި ބޮނޑިއެއް އައި ދުވަސް އެއީ ވަރަށް ދެރަވި ދުވަހެއް. ބޮލުން އެއްކޮށް އިސްތަށި ފައިބާފައި އަތުން ނޫން މުޅި ހަށިގަނޑުން އިސްތަށި ފޭބި. އެއްފިޔަ ބުމައިންވެސް. މޫނު މަތީގެ ސިފަވެސް އެއްކޮން ބަދަލުވި."
ޝާނާ

އިސްތަށި ފޭބުމުގެ އިތުރުން ކީމޯ ގުޅަމުން ދިޔަ ކޮންމެ ނާރެއް އަނދަމުން ދާއިރު އަތުގައި އެކަމުގެ ނިޝާންތައް ދިޔައީ ފެންނަމުންނެވެ. މުޅި މީހާ އެނދިހެން އިހުސާސްވިކަން ފާހަގަކޮށް ޝާނާ ބުނީ އެންމެ އުދަނގޫވީ ބުނެދޭން ނޭނގޭހާ ވަރަށް މީހާގެ ސިފަ ބަދަލުވީމައި ކަމަށާއި ބޭރަށްވެސް ނިކުންނަން ނުކެރޭ ވަރަށް މީހާގެ ސިފަ ބަދަލުވި ކަމަށެވެ.

ފުރަތަމަ ކީމޯއަށް ފަހު މާލެ އައިސް ހުޅުމާލެ ހޮސްޕިޓަލުން ބާކީ ހުރި ކީމޯގެ ބައިތައް ފުރިހަމަ ކުރިއެވެ. އަދި 2020 ގެ ފެބްރުއަރީ މަހުގެ ތެރޭގައި ކީމޯ އެއްކޮން ނިމުނު ނަމަވެސް ޝާނާގެ އަތުގައި އަނދާފައި ހުރި ނާރުތައް އަދިވެސް ހުންނަ ކަމަށް އޭނާ ވަނީ ބުނެފައެވެ.

ކީމޯދިން އިރު އަދާފައިވާ ނާރުތައް / ފޮޓޯ: ޝާނާ

ކީމޯއަށް ފަހު އޮޕަރޭޝަން ކުރަން ތައްޔާރު ވަމުން ދިޔަ ނަމަވެސް ކޮވިޑްގެ އާލަމީ ވަބާ ހަލުވި ކަމާއެކު ފެތުރެމުން ދިޔަ ދުވަސް ވަރަކަށް ވުމާއެކު އިންޑިއާގެ ބޯޑަރުވެސް ބަންދު ކުރުމުން އޮޕަރޭޝަން ކުރަން ދާން ނުފުރި، އާސަންދައާއި އަމްރިތާ ހޮސްޕިޓަލުގެ ޑޮކްޓަރުންނާވެސް ވާހަކަ ދެއްކިއެވެ. ހުރިހާ ކަމެއް ހަމަޖެހި ޖުލައި މަހު ފުރުނުއިރު އާސަންދައިން ހަމަޖައްސައިދިނީ އެންމެ އެހީތެރިއެއްގެ ހަރަދެވެ.

"ފިރިމީހާއާ ދެމީހުން ދިޔައީ. ސަރުކާރުގެ ފަރާތުން ފްލައިޓެއް ހަމަޖައްސައިގެން ދިޔައީމަ. އެންމެ އެހީ ތެރިއަކަށް ދެވޭ ގޮތަށް އޮތީ. ސާޖަރީއަށް ދާތީ އެކަކު ގޮސްގެން އުނދަގޫ ވާނެތީ އިތުރު މީހަކު ގެންދަން މަސައްކަތް ކުރިން އެކަމު ގެންދެވޭ ގޮތެއް ނުވި"
ޝާނާ

ފިރިމިހާއާއެކު އިންޑިއާއަށް ގޮސް 14 ދުވަސް ވަންދެން ކަރަންޓީނުވާން ޖެހުނުއިރު އެ މުއްދަތުގެ ތެރޭގައި އެކްސްރޭއާއި އީސީޖީ ހަދާ ކަރަންޓީނުގެ މުއްދަތު ނިމޭއިރަށް އޮޕަރޭޝަން ކުރަން ތައްޔާރުވިއެވެ. 14 ދުވަސް ފަހުން ހެދި ކޮވިޑް ޓެސްޓު ނެގެޓިވް ވެގެން އޮޕަރޭޝަން ކުރުމަށް ފަހު ފުރަމޭގެ އެއްބަޔާއެކު ފުރަމޭގައި އިން ޓިއުމަރެއްވެސް ވަނީ ނަގާފައެވެ.

"އޭގެ ފަހުން އިރާދަކުރެއްވިއްޔާ ކެންސަރު ފްރީކޮށް މިދަނީ"
ޝާނާ

އެ އޮޕަރޭޝަނަށް ފަހުވެސް 2021 ވަނަ އަހަރުގެ ތެރޭގައި ޓިއުމަރެއް އުފެދިގެން އޮޕަރޭޝަނެއް ކޮށްފައި ވާއިރު ކޮންމެ 3 މަހަކުން އަދިވެސް ލޭގެ ޓެސްޓުތައް ހަދަން ޖެހެއެވެ. އަދި ދެ އަހަރު ވަންދެން ކޮންމެ ހަ މަހަކުން އިންޑިއާއަށް ގޮސް ޓެސްޓު ހަދަމުން ދިޔަ ކަމަށް ޝާނާ ބުންޏެވެ.

ޝާނާ ބުނީ ކެންސަރު ޖެހިފައިވާކަން ކައިވެނީގެ ކުރިން އެނގުނު ނަމައޭ ހިތަށް އެރި ކަމަށާއި އެކަމާ ގުޅިގެން ފިރިމީހާ ވަރަށް ބޮޑު ކަމަކާ ކުރިމަތިލާން ޖެހުނު ކަމަށް ވިސްނެމުން ދިޔަ ކަމަށެވެ. އެހެންނަމަވެސް އެއީ ރަހުމަތެއް ކަމަށް ވެސް ވިސްނުނު ކަމަށް ވެސް ޝާނާ ވަނީ ބުނެފައެވެ.

"ހިތަށް އެރި މެރީ ކުރުމުގެ ކުރިން އެނގުނު ނަމައޭ. ވަރަށް ރިގްރެޓް ފީލްވި މެރީ ކުރެވުނީމަވެސް. ފިރިމީހާއަށްވެސް ވަރަށް ބޮޑު ކަމަކާ ފޭސް ކުރަން ޖެހުނީ. އަމިއްލައަކަށް ނޫނޭ އޭނަވެސް ވިސްނާނެއޭ ހިތައް އެރީ. އަސްލު އަނެއް ކޮޅުން ވަރަށް ބޮޑު ބްލެސިންއެއް ހަމަ މެރީ ކުރެވުނުކަން. ފައިނޭންޝިއަލީ، ފިޒިކަލީ އަދި މެންޓަލީވެސް ހަމަ"
ޝާނާ
ކެންސަރަށް ފަރުވާ ހޯދަމުން ދިޔައިރުގެ ފޮޓޯއެއް / ފޮޓޯ: ޝާނާ

އެމްއެންޔޫ ބިޒްނަސް ސްކޫލުގައި ހިއުމަން ރިސޯސް މެނޭޖްމަންޓްގެ ދާއިރާއިން 3 އަހަރުގެ ޑިގްރީ ކޯހެއްގައި ކިޔަވަމުން، ވަޒީފާވެސް އަދާކުރަމުން ޝާނާ އައިއިރު ކެންސަރު ޖެހުނުކަން އެނގުނީ އޭނާގެ 5 ވަނަ ސެމިސްޓާގައެވެ. ބުރަ ދިރިއުޅުމެއް އުޅެމުން ދިޔަ ޝާނާ ސިފަކުރާ ގޮތުގައި ކެންސަރާއެކު އޭނާގެ މުޅި ދިރިއުޅުން ހުއްޓުމަކަށް އައެވެ. ވަޒީފާއިން ކެނޑި، ކޮލެޖުގެ ކިޔެވުން މެދުކަނޑާލަން ޖެހުމަކީ އެކަމަކާ މެދު އޭނާ މިހާރުވެސް ވިސްނާ ކަންބޮޑުވާ ކަމެކެވެ. އަލުން އެނބުރި ކުރީގެ ދިރިއުޅުމަށް ބަދަލުވާން ކުރާ މަސައްކަތުން ދެ ފަހަރެއްގެ މަތިން އޭނާ ކިޔެވުން ފެށިއެވެ. އެހެންނަމަވެސް ފަހުން ކުރަން ޖެހުނު އޮޕަރޭޝަނާއެކު އަނެއްކާވެސް މެދުކަނޑާލީއެވެ.

ޝާނާ ބުނީ އޭނާގެ ފިރިމީހާއާއި އާއިލާގެ އިތުރުން ރައްޓެހިންގެ ފަރާތުން ވަރަށް ބޮޑު ހިތްވަރާއި އެހީތެރިކަމެއް ލިބުނު ކަމަށާއި އެއީ މިހާ ހިސާބަށް އާދެވުނު އެންމެ ބޮޑު ސަބަބުކަމަށް ވެސް ބުންޏެވެ.

ޝާނާ ބުނީ ތަނެއްގައި ފާރުކޮޅެއް ނުވަތަ އުނދަގުލެއް ވުމުން ކުޑަކަމެއް ކަމަށް ދެކި، އަޅާނުލާ މީހުން އުޅޭ ކަމަށާއި ރާއްޖޭގައި ކެންސަރު އެހާ އާންމުވެފައި ވާއިރު އެކަމަކީ އަޅާނުލާ ދޫކޮށްލާ ވަރުގެ ކަންކަން ނޫން ކަަމަށެވެ. އަދި ކެންސަރަކީ މަރު ބަލި ނޫން ކަމަށާއި އެކަމަކީ ފަރުވާ ލިބޭ ކަމަކަށް ވާއިރު ނެގެޓިވްކޮށް ވިސްނުމުގެ ބަދަލުގައި ވީހާވެސް ޕޮޒިޓިވްކޮށް ވިސްނުމަށް ޝާނާ އެދެއެވެ.

ކެންސަރާ ހަނގުރާމަކޮށް ދިރިއުޅުމުގައި އުނދަގޫ ނިންމުންތަކެއް ނިންމަން ޖެހުނު ނަމަވެސް ޝާނާގެ ހުވަފެނަކަށް އަދިވެސް ބަދަލެއް ނާދެއެވެ. އޭނާ އަބަދުވެސް ކިޔަވައިގެން މޮޅު މީހަކަށް ވެ، ކުރިއަރައިގެން ދިއުމަށް ދެކޭ ހުވަފެން އަދިވެސް ބަދަލެއް ނާދެއެވެ.