ދުނިޔޭގައި ކޮންމެ ފަސްމީހަކުން އެކަކަށް އޭނާގެ ހަޔާތުގައި ކެންސަރު ތަހައްމަލު ކުރަންޖެހޭ ކަމަށާއި، ކޮންމެ މީހަކު މިބަލީގައި ކުރާ ތަޖުރިބާ ވަރަށް ތަފާތު ކެންސަރު ސޮސައިޓީ އޮފް ދަ މޯލްޑިވްސްއިން ބުނެފިއެވެ.
ކެންސަރު ސޮސައިޓީއިން ދުނިޔޭގެ ކެންސަރު ބަލީގެ ދުވަހާއި ގުޅިގެން ކުރިއަށް އޮތް ތިން އަަހަރަށް ހާއްސަ ކޭމްޕެއިން 'އެފަދަ ދެވަނައެއް ނެތް ގުޅުން' މި ޝިއާރުގެ ދަށުން ހާއްސަ ކެމްޕެއިނެއް ފަށާފައިވާއިރު، ދުވަހާއި ގުޅިގެން ކެންސަރު ސޮސައިޓީން ވަނީ ބަޔާނެއް ނެރެފައެވެ.
އެ ބަޔާނުގައި ބުނެފައިވަނީ 200 ވުރެ ގިނަ ބާވަތުގެ ކެންސަރު ހިމެނޭއިރު، ކޮންމެ ބާވަތަކަށް ދޭންޖެހޭ ފަރުވާ ތަފާތު ކަމަށެވެ. އަދި ކޮންމެ ފަރުދެއްގެ ދިރިއުޅުމުގެ ހާލަތު ތަފާތު ކަމަށްވެސް އެ ބަޔާނުގައި ބުނެފައިވެއެވެ. އަދި އިޖްތިމާއީ އަދި އިގްތިސާދީ ހާލަތުގެ އިތުރުން ގަބޫލުކުރާ ނުވަތަ ދެކޭގޮތްވެސް ތަފާތު ކަަމަށް ބަޔާނުގައިވެއެވެ.
މިއަދު ފެށި އެފަދަ ދެވަނައެއް ނެތް ގުޅުން ކެމްޕެއިނާއި ގުޅޭ ގޮތުން އެ ސޮސައިޓީން ބުނީ މި ކެމްޕެއިނުން ދޭހަކޮށްދެނީ ކޮންމެ ކެންސަރަކީ އެފަދަ ދެވަނައެއް ނެތް ތަޖުރިބާއެއް އެކުލެވޭ ކަމާއި އެފަދަ ދެވަނައެއް ނެތް ވިސްނުމަކުން ވިސްނާކަން ކަމަށެވެ. އަދި އެފަދަ ދެވަނައެއް ނެތް ވާހަކައެއް ބުނެދޭނެ މީހެއް ކަމުގައި ވުން ކަމަށްވެސް ކެންސަރު ސޮސައިޓީން ވިދާޅުވިއެވެ.
ތިންއަހަރުގެ މި ކެމްޕޭނުގެ ފުރަތަމަ އަހަރުގެ މަގްސަދަކީ ސިއްހީ ހިދުމަތް ފޯރުކަށްދިނުމުގެ ނިޒާމުގައި ދިމާވާ ހުރަސްތަކާއި ދަތިތަކަށް އަލިއަޅުވާލުން ކަމަށް ކެންސަރު ސޮސައިޓީން ވަނީ ބުނެފައެވެ. އަދި މިއީ ބަލިމީހާއަށް އަމާޒުކޮށް ސިއްހީ ފަރުވާ ފޯރުކޮށްދެވޭނެ އެންމެ ރަނގަޅު ގޮތް ދެނެގަތުން ހިމެނޭ ކެމްޕެއިނެއް ކަމަށް އެ ސޮސައިޓީން ވަނީ ބުނެފައެވެ.
އިތުރަށް މި ބަޔާނުގައި ބުނެފައިވަނީ ކެންސަރުބަލި އެމީހަކާ އަރާހަމަކޮށްފި މީހުންނަކީ ކެންސަރު ބަލިން ދުރުކުރުވުމަށާއި ކެންސަރު ތަހައްމަލު ކުރާ މީހުންނަށް ނަތީޖާ ނެރެދެވޭ ކާމިޔާބު ފަރުވާ ސިއްހީ ނިޒާމުގެ ތެރެއިން ލިބިދިނުމުގެ އަޒުމުގައި ގުޅިފައިވާ މީހެއް ކަމަށެވެ.
ކެންސަރު ސޮސައިޓިން އަންނަނީ ދުނިޔޭގައި ކެންސަރު ކޮންޓްރޯލް ކުރުމަށާއި، ކެންސަރާއި ކުރިމަތިލައި އަދި ކެންސަރަށް މަގުފަހިވާ ކަންތައްތަކާމެދު ހޭލުންތެރިކަން އިތުރުކޮށް، ކެންސަރާއި ދުރުހެލިކުރުމަށާއ،ި ބަލިމީހަކީ ކާކުތޯ ނުވަތަ އުޅެނީ ކޮންތާކުތޯ ބެލުމެއްނެތި ފަރުވާއާއި އަޅާލުން ފޯރުކޮށްދޭން ފުޅާދާއިރާއެއްގައި މަސައްކަތްކުރާ އެންމެ ބޮޑު ޖަމިއްޔާ ޔޫނިއަން އޮފް އިންޓަރނޭޝަނަލް ކެންސަރ ކޮންޓްރޯލް (ޔޫއައިސީސީ) އާއެކު މަސައްކަތް ކުރަން ފަށައިފިއެވެ.