މީގެ ހަތަރު ދުވަސް ކުރިން ވީނުވީ އެއް ނޭނގި އއ. މަތިވެރިން ގެއްލުނު އުމުރުން 73 އަހަރުގެ ހަސަން އަލީ (ހަސަންފުޅު) ހޯދުމަށްޓަކައި އެ ރަށުގެ ހުރިހާ ގޭބިސީ އެއް ޗެކުކޮށްފައިވާ ކަމަށް ފުލުހުން ބުނެފިއެވެ.

ހަސަންފުޅު ގެއްލިގެން ފުލުހުންނަށް ރިޕޯޓު ކޮށްފައި ވަނީ މި މަހުގެ ފުރަތަމަ ދުވަހު، ހެނދުނު 9:35 ހާއިރެވެ.

މަތިވެރި ކައުންސިލުން މީގެ ކުރިން ބުނި ގޮތުގައި، ހަސަންފުޅު ހޯދުމަށް މުޅި ރަށުތެރެ ބަލާފައި ވާނެއެވެ. ކައުންސިލުން ބުނީ، ރަށުގެ ފަޅުތެރެ ބަލާފައިވާ ކަމަށާއި، ސިފައިން ފީނައިގެން ބެލިބެލުމުން ވެސް ހަސަންފުޅު ފެނިފައިނުވާ ކަމަށެވެ.

މީޑިއާ އަށް ދިން މައުލޫމާތުގައި ފުލުހުން ބުނި ގޮތުގައި، ހަސަންފުޅު ފެނޭތޯ މަތިވެރީގެ ފަޅުތެރެ ބަލައި ފާސްކުރުމުގެ މަސައްކަތާއި، ފީނައިގެން ހަސަންފުޅު ހޯދުމުގެ މަސައްކަތް އަދިވެސް ދަނީ ކުރަމުންނެވެ. އޭގެ އިތުރުން އެ ރަށުގެ ހުރިހާ ގޭބިސީތަކާއި ފަޅު ގޯތިތައް ވެސް ބަލާފައިވާ ކަމަށާއި، އަދިވެސް އިތުރަށް ބަލަމުންދާ ކަމަށް ފުލުހުން ބުންޏެވެ.

ނަމަވެސް، މިހާތަނަށް ކުރި އެއްވެސް މަސައްކަތަކުން ހަސަންފުޅު އަދިވެސް ނުފެނެއެވެ.

މަތިވެރީގެ މީހުން ބުނާ ގޮތުގައި ހަސަންފުޅަކީ ވަރަށް ހިތްހެޔޮ އެންމެންނާ ވެސް ގުޅޭ މީހެކެވެ. އާއިލާއިން ބުނާ ގޮތުގައި ހަސަންފުޅަކީ އަބަދުވެސް އާއިލާ އާއި ރައްޓެހިންނަށް ގުޅައި ހާލު ބަލައި އޯގާތެރި މީހެކެވެ. ދުވަހަކުވެސް މީހަކާ ދެބަސްވެ އުޅޭ މަންޒަރު ނުފެންނަ ކަމަށް ބުނެއެވެ.

5 އަންހެން ކުދިންނާއި 5 ފިރިހެން ކުދިންނާއެކު ކާފަ ކިޔާ ގިނަ ދަރިންތަކެއް ތިބި ހަސަންފުޅަކީ އެ ރަށުގައި ދަނގަނޑުން ތަކެތި ހަދައިގެން ނުވަތަ ލޭތު މަސައްކަތުން އާމްދަނީ ހޯދަން މަސައްކަތް ކުރާ މީހެކެވެ. އެގޮތުން އޭނާ އަކީ އެ ރަށުގައި ނަގިލި ހަދަަން މަޝްހޫރު މީހެކެވެ.