"ބުންވަރު" ގެ ނަމުގައި މިއަދު އިދިކޮޅު ޕީޕީއެމްއިން ކުރިއަށް ގެންދިޔަ ހިނގާލުމުގެ ތެރެއަށް ވަދެ ހަމަނުޖެހުން ހިންގި މީހާއަށް ޓްރެފިކްގެ ގާނޫނުގެ ދަށުން ފިޔަވަޅު އަޅައިފިއެވެ.
ފުލުހުން ބުނީ ސިޔާސީ ޕަޓީއަކުން މިއަދު ބޭއްވި ހިނގާލުމުގެ ތެރެއަށް ސައިކަލެއްގައި ވަތްމީހާ ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިއުމަށް ފަހު ޓްރެފިކް ގާނޫނުގެ ދަށުން ފިޔަވަޅު އެ މީހާގެ ސައިކަލު 15 ދުވަހުގެ މުއްދަތަށް ޓޯ ކޮށްފައިވާ ކަމަށެވެ.
ބާރު ސްޕީޑްގައި ސައިކަލު ދުއްވާފައި އެ ހިނގާލުމުގެ ތެރެއަށް ވަތް މީހާ ހުއްޓުވަން ފުލުހުން މަސައްކަތް ކުރި ނަމަވެސް ގިނަ ބައެއްގެ ގައިގާ ވަނީ ސައިކަލުންވެސް ޖެހިފައެވެ. އެހެންނަމަވެސް ބޮޑު އަނިޔާއެއް އެއްވެސް މީހަކަށް ލިބިފައި ނުވާ ކަމަށް މައުލޫމާތު ލިބެއެވެ.
ޕީޕީއެމް އޮފީސް ދޮރުމަތިން ފެށިގެން އެ ހިނގާލުން އާޓިފިޝަލް ބީޗް ސަރަހައްދުން ނިންމާލާފައިވާއިރު އެ ހިނގާލުމަކީ ދިވެހި ފުލުހުންގެ ހުއްދައާއެކު ކުރިއަށްގެންދިޔަ ހިނގާލުމެއް ކަމަށް މީގެ ކުރިން ޕީޕީއެމްއިން ބުނެއެވެ.
ކޮންފަރެންސްގައި ބައިވެރިވާ މެމްބަރުންގެ އިތުރުން ޕީޕީއެމް/ޕީއެންސީ ކޯލިޝަންގެ އާންމު މެމްބަރުންނާއި ކޯލިޝަންގެ އިސް މެމްބަރުން އެ ހިނގާލުމުގައި ބައިވެރިވިއިރު އެ ހިނގާލުމުކީ އިއްޔެ އިން ފެށިގެން 3 ދުވަހުގެ މުއްދަތައް ކުރިއަށްގެންދާ ކޯލިޝަން ކޮންފަރެންސްގެ ތެރޭގައި ހިމެނޭ ބޮޑު ބިޔަ ހަރަކާތެކެވެ.
"އުންމީދާއެކު" ކޮންފަރެންސްގެ މައިގަނޑު އެއް މަގުސަދަކީ ރައީސް ޔާމީން މިނިވަން ކުރުމަށް ކުރެވެން ހުރި ކަންކަން ދިރާސާ ކުރަން ކަމަށް ޕީޕީއެމް އިން މައުލޫމާތުދިނެވެ. އަދި ކޮންފަރެންސް ނިންމުމުގެ ރަސްމިއްޔާތެއްގެ ގޮތުން ހޮނިހިރު ދުވަހުގެ ރޭ 8:30 ގައި އާޓިފިޝަލް ބީޗްގައި ޖަލްސާއެއް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.
ޕީޕީއެމްގެ ރައީސް އަބްދުﷲ ޔާމީނަށް ވަނީ މަނީލޯންޑަރިންނާއި ރިޝްވަތު ގަބޫލުކުރުމުގެ ދައުވާ ސާބިތުވެ މިދިޔަ ޑިސެމްބަރު މަހުގެ 25 ވަނަ ދުވަހު 11 އަހަރުގެ ޖަލުހުކުމެއް އިއްވާފައެވެ. ރައީސް ޔާމީން ޖަލުގައި ހުންނެވި ނަަމަވެސް ޕީޕީއެމްއިން އަންނަނީ ރައީސް ޔާމީންގެ ޝެޑިއުލާ އެއް ގޮތަށް ކެމްޕެއިން ހަރަކާތްތައް ހިންގުމަށް މަސައްކަތް ކުރަމުންނެވެ.