ވިހައިގެން ތުއްތު ދަރިފުޅާއެކު ގިނަ ވަގުތު ހޭދަކޮށް އެކުދިން ހެދިބޮޑުވުމުގެ ފުރަތަމަ މަރުހަލާތައް ކަޑައްތު ކުރާތަން ބެލުމަކީ ކޮންމެ މަޔެއްގެ ވެސް ވަރަށް ބޮޑު ހުވަފެނަކަށް ވާނެއެވެ. ނަމަވެސް އާންމު ދިރިއުޅުމުގެ ހާލަތު ހުންނަ ގޮތުން މިހާރު ގިނަ މަންމައިންނަކީ ވަޒީފާއަށް ދާން ބޭނުން ނުވިޔަސް ދާން މަޖުބޫރުވާ މީހުންނެވެ. ސަރުކާރުގެ މުއައްސަސާތަކުން ވިހެއުމާއެކު 6 މަހުގެ ޗުއްޓީއެއް ދޭން ލާޒިމު ކުރިނަމަވެސް އަމިއްލަ ފަރުދުން ހިންގާ ތަންތަނުގެ އިތުރުން މިނިވަން މުއައްސަސާތަކަށް މި އުސޫލް ހިންގުމަކީ އެބައެއްގެ އަމިއްލަ އަތް މަތީގައި އޮންނަ ކަމެކެވެ.
އެގޮތުން ގިނަ މިނިވަން މުއައްސަސާތަކާއި އަމިއްލަ ތަންތަނުން ވިހައިގެން ދެނީ 48 ދުވަހުގެ ކުރު ޗުއްޓީއެކެވެ. އެހެންކަމުން ގިނަ މަންމައިން ހިތާ ދެކޮޅަށް ދަރިން ގޭގައި ބައިތިއްބާފައި ދިޔަ ނަމަވެސް، މަރިޔަމް ޝަމްއާ އިބްރާހިމް (ޝަންމަ) އޮފީހަށް ދިޔައީ އެހެން މައިންނާ ހިލާފަށް ދެ މަހުގެ ތުއްތު ދަރިފުޅު އުރައިގެންނެވެ.
ވަޒީފާއާ ބެހޭ ޓްރިބިއުންލްގެ މެމްބަރުކަންވެސް އަދާ ކުރަމުން އަންނަ ޝަމްއާ ވިހެއުމަށް ދިން ދެ މަހުގެ ޗުއްޓީ ހަމަވުމާ ގާތަށް ދިޔުމުން، ޗުއްޓީ އިތުރުކޮށްދިނުމަށް އެދި ޓްރިބިއުނަލް އަށް ސިޓީއެއް ހުށަހެޅިނަމަވެސް ޖަވާބަކަށް ލިބުނީ، ޗުއްޓީ އިތުރަށް ދެވެން ނެތް ކަމަށާއި މުސާރަ ނުހިނގާ ގޮތަށް ގޭގައި ހުރެވިދާނެ ކަމަށެވެ.
ނަމަވެސް އިތުރު އުންމީދަކާއެކު ރައީސް އޮފީހަށް ސިޓީއެއް ފޮނުވާ ޗުއްޓީ އިތުރު ކުރުމާ މެދު ލަފައަކަށް އެދުނެވެ. އުންމީދު ކުރި ގޮތާ ހިލާފަށް އެ ތަނުން ދިން ޖަވާބަކީ، 'އިންޓާނަލީ' ނުވަތަ މުއައްސަސާއިން އަމިއްލައަށް އެކަމާ މެދު ގޮތެއް ނިންމޭނެ ކަމަށެވެ. ހަމަހުގެ ޗުއްޓީއެއް ދެވެން ނެތް ނަމައީ ހަތަރު މަހުގެ ޗުއްޓީއެއް ދިނުމަށް އެދި ދެވަނަ ސިޓީ ފޮނުވި ނަމަވެސް އެކަމަށް އަލި މަގެއް ލިބޭގޮތް ވަނީ ނުވެފައެވެ.
ހަތް މެމްބަރުން ހިމެނޭ ޓްރިބުއުނަލް ގައި ފަސް އަންހެން މެމްބަރުންނާ އެކު އަޣުލަބިއްޔަތު އޮންނަނީ އަންހެނުންނަށެވެ. ރައީސް އަކީ ވެސް އަންހެން ބޭފުޅެކަށް ވާއިރު ފާއިތުވި އަހަރުން ފެށިގެން މަސައްކަތުގެ މާހައުލު ގޯސްވެ އެތައް ފަހަރެއްގެ މަތިން އޮފީހަށް ހާޒިރު ކުރެވިފައިވާ ކަމަށް ޝަމްއާ ބުނެއެވެ.
ޓްރިބިއުނަލްގައި މަސައްކަތް ކުރާތާ ނުވަ އަހަރުވެފައިވާ ޝަމްއާގެ ތުއްތު ދަރިފުޅަކީ އުފަންވިއިރު ޕްރީޓާމް (އުފަންވާއިރު ބަރުދަން ދަށް) ކުއްޖަކަށް ވީނަމަވެސް، މަޑުމަޑުން ބަރުދަން މައްޗަށްގޮސްފައި ވާކަން ފާހަގަ ކުރަމުން އިތުރަށް ޝައްމާ ބުނީ ފާއިތުވި ދެމަސް ދުވަހަކީ ވަރަށް އުނދަގޫ ދެމަސް ކަމަށާއި ރޭގަނޑުގެ ހަމަ ނިދި ނުލިބުމުން އެކި ކަހަލަ ގޮންޖެހުންތަކާ އޭނާ ކުރިމަތިލި ކަމަށެވެ.
ނަމަވެސް ދެމަސް ފާއިތުވެ، އޮފީހަށް ނިކުންނަން ޖެހުމުން އިއްޔެ 9 ޖެހިއިރު އޭނާ ވަޒީފާއަށް ދިޔައީ ތުއްތު ދަރިފުޅު ގޮވައިގެންނެވެ. ނަމަވެސް އޮފީސް ނިންމައި ގެއަށް ދިޔުމުގެ ކުރިއަށް، ވަޒީފާއަށް އަންނައިރު ދަރިން ނުގެނެވޭނެ ކަމަށް ބުނެ އޮފީހުން މެމޯއެއް ނެރުނެވެ.
ވަޒީފާއާ ބެހޭ ގާނޫނުން ދޭ ހަ މަހުގެ ޗުއްޓީ މެމްބަރުންނަށް ލިބުނު ނަމަވެސް، ބައެއް މުއައްސަސާތަކުން އަމިއްލައަށް އެ އުސޫލަށް އަމަލު ކުރަމުންދާ ކަމީ އެ މުއައްސަސާތަކުގައި ވަޒީފާ އަދާކުރާ މަންމައިންނަށް ލިބިދޭ އުފަލެކެވެ. އެގޮތުން، ޓެކްސް އެޕީލް ޓްރައިބިއުނަލް އާއި ހިއުމަން ރައިޓްސް ކޮމިޝަނުގެ އިތުރުން އެންޓި-ކޮރަޕްޝަން ކޮމިޝަން ފަދަ ތަންތަނުގެ މެމްބަރުންނަށް، މެޓާނިޓީ ލީވްގެ ގޮތުގައި ހަ މަސް ލިބެއެވެ.
ޝަމްއާ ފަދައިން ހުރިހާ މަންމައިންގެ ވެސް އެންމެ ބޮޑު އެދުމަކަށް ވާނީ ފުރަތަމަ ހަމަސް ދަރިފުޅު ގާތުގައި މަޑުކޮށް އުފާވެރި ދުވަސްތަކެއް ހޭދަކުރާށެވެ. އަދި އެއީ ވިހެއުމުގެ ވޭން ކުޑަކޮށްދީ ހަށިގަނޑަށް އަރާމު ކޮށްލަން ލިބޭނެ ރަނގަޅު ދުވަސްތަކަކަށް ވެގެން ދާނެތީއާ އެކީއެވެ.
ބާރަށް ބާރަށް ކުރިޔަށް