ގޭގައި މަޑުނުކުރައްވައި ސިޔާސީ މައިދާނަނަށް ނިކުންނެވީ މިހާރު ރާއްޖޭގެ ޑިމޮކްރެސީ ނެތެމުންދާތީ ކަމަށާއި އެ ގޮތަށް އެކަން ވާން ދޫކޮށް ނުލައްވާނެ ކަމަށް ރައީސް އަބްދުﷲ ޔާމީންގެ އެޑްވައިޒަރުގެ ހައިސިއްޔަތުން އެ ކޯލިޝަންގެ ލީޑާޝިޕްގައި ހިމެނިވަޑައިގަންނަވާ އަދި ކުރީގެ ރައީސް ޑރ. މުހައްމަދު ވަހީދު ހަސަން މަނިކު ވިދާޅުވެއްޖެއެވެ.

މިއަދު ދަރުބާރުގޭގައި ފެށި ޕީޕީއެމް-ޕީއެންސީގެ 'ހޯޕް ކޮންފަރެންސް' ފެށުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ޑރ. ވަހީދު ވިދާޅުވީ، އެމަނިކުފާނަކީ ސިޔާސީ މައިދާނުގައި އުޅޭތާ ވަރަށް ގިނަ ދުވަސް ވެފައިވާ މީހެއް ކަމަށާއި މިއަދު ސިޔާސީ މަައިދާނަށް ނުކުމެ އުޅޭކަށް ނުޖެހޭ ކަމަށެވެ. ވަރަށް ހިތްފަސޭހަކަމާ އެކު ވަރަށް އަރާމުގައި އުޅެވިދާނެ ކަމަށާއި ނަމަވެސް، މިއަދު ރާއްޖޭގެ ޑިމޮކްރަސީ ގެއްލެމުންދާތީ ސިޔާސީ މައިދާނާ ދުރުގައި ހުންނަވަން އެމަނިކުފާނުގެ ޒަމީރު ގަބޫލުފުޅު ނުކުރައްވާ ކަަމށް ވަހީދު ވިދާޅުވިއެވެ.

"ޑިމޮކްރަސީއަކީ ރައްޔިތުންގެ ފަރާތުން އުފެދިގެން އަންނަ، ރައްޔިތުންނަށް ލާބަހުރި، ރައްޔިތުންގެ ވެރިކަމެއް ކުރުން. އެއަށް ޑިމޮކްރަސީ މި ކިޔަނީ. ޑިމޮކްރަސީއެއް ހޯދުމަށްޓަކައި ލައްކަ ބުރަ މަސައްކަތްތަކެއް ކުރެވިއްޖެ،"
ޑރ. މުހައްމަުދ ވަހީދު ހަސަން މަނިކު

ރާއްޖެއަށް ޑިމޮކްރަސީ ގެންނެވުމަށް މަސައްކަތް ކުރެއްވި ދުވަސްވަރު ފާހަގަ ކުރައްވަމުން ޑރ. ވަހީދު ވިދާޅުވީ، ކުޑައިރުއްސުރެ ދެކެވަޑައިގަންނަވަމުން އައި ހުވަފެން މިއަދު މިވަނީ ނެތް އެއްޗަކަށް ހަދާފައި ކަމަށެވެ. މަޖީދިއްޔާ ސްކޫލުގައި ކިޔަވާ ވިދާޅުވުމަށް އުޅުއްވީއްސުރެ ރާއްޖެއަށް ޑިމޮކްރަސީ ގެންނަން މަސައްކަތް ކުރެއްވި ކަމަށާއި މިއަދު އެ ަމަސއްކަތަށް ބަޔަކު ހުރަސް އަޅައި ހުއްޓުވާފައިވާ ކަމަށް ވަހީދު ވިދާޅުވިއެވެ. އަދި ރާއްޖެއަށް ޑިމޮކްރަސީ ލިބުނީ ވަރަށް ދިގު ދަތުރަކަށް ފަހު ގައި ކަމަށާއި އެ ދަތުރުގައި އެމަނިކުފާނު ވެސް ހައްޔަރުކޮށް އަނިޔާއާ ކުރިމަތިލައްވަން ޖެހިވަޑައިގެންނެވި ކަމަށް ވަހީދު ވިދާޅުވިއެވެ.

ރައީސް ވަހީދުގެ ދެ އަހަރާއި ކުރީގެ ރައީސް ޔާމީންގެ ފަސް އަހަރާ އެކު އެ ވެރިކަމުގެ ހަތް އަހަރު، ވެރިކަން ކޮށްފައި ވަނީ ޑިމޮކްރަސީގެ އުސޫލުން ކަމަށް ވަހީދު ފަހާގަ ކުރެއްވިއެވެ. ނަމަވެސް އެ ދުވަސް މި އޮތީ ބަދަލުވެފައި ކަމަށާއި މިއަދު ހައްގޔތައް ނެތިގެން ގިސްފި ކަމަށާއި މިއަދު ސިޔަށީ މައިދާނަނށް އަނެއްކާވެސް ނިކުމެވަޑައިގަންނަވަން މި ޖެހުނީ އެ ހައްގުތައް ނެތީމައި ކަމަސް ވަހީދު ވިދާޅުވިއެވެ.

އެ ހައްގުތައް ހޯއްދެވުމަށް އެންމެ ބޮޑު މަސައްކަތެއް ކުރެއްވި އެއް ބޭފުޅަކީ ކުރީގެ ރައީސް ޔާމީން ކަމަށާއި، ރައީސް ޔާމީން އެ ކޮންފެރެންސްގައި ނެތުމަކީ ލިބިވަޑައިގަންނަވާ ބޮޑު ހިތާމައެއް ކަމަށް ވަހީދު ފާހަގަ ކުރެއްވިއެވެ. އަދި ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ރައީސް ޔާމީން ކުރިމަތިލެއްވުމަކީ އެުންމީދު ކުރައްވާ ގޮތް ކަމަށާއި ރައީސް ޔާމީނާ އެކު ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަން، ސަރުކާރު ކާމިޔާބު ކުރާނަން ކަމަށް ވަހީދު ވިދާޅުވިއެވެ.