ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވެރިކަން "ލޭ އޮހޮރުވުމަކުން ވެސް ބަދަލުކުރަން ވެއްޖެ" ކަމަށް ބުނެ މާލޭ ސިޓީ ކައުންސިލުގެ ތަރުޖަމާނު މަރިޔަމް ޝިއުނާ ކުރި ޓުވީޓެއްގެ މައްސަލަ ފުލުހުން ބަލަން ފަށައިފިއެވެ.
ފުލުހުން ބުނީ ޓްވިޓާ އެކައުންޓް "ނަންނަޒީވް" އިން ކޮށްފައިވާ ޓުވީޓެއްގެ މައްސަލަ އެ އިދާރާގެ ސަމާލު ކަމަށް އައިސްފައިވާ ކަމަށާއި އެކަމާ ގުޅިގެން ބަލަން ޖެހޭ ކަންކަން ބަލަމުން އަންނަ ކަމަށެވެ.
މަރިޔަމް ޝިއުނާ ގެންގުޅޭ ޓްވިޓާ އެކައުންޓުން ކުރި ޓްވީޓްގައި ބުނެފައި ވަނީ، "ބަޔަކު ވަރަށް ހައުކަށިކަމާއެކު ނުކުމެ މި ވެރިކަން ނިންމަން ވެއްޖެ. ކޮންމެ ދުވަހަކު އެތައް މުސްލިމުންގެ މައްޗަށް އަނިޔާވެރިކަން ހިންގަމުންދާ ޖައްބާރު، އިބޫސޯލިހް ހަމަބިމަށް ތިރިކުރަން ވެއްޖެ. ޓްވީޓް ކުރަން ތިބެގެން ވާކަށް ނެތް. ލޭއޮހޮރުވުމަކުން ވެސް ބަދަލު ކުރަން ވެއްޖެ" މިހެންނެވެ.
މިއަދު ހެނދުނު ޝިއުނާ ކުރި ޓްވީޓް އޭގެ ވަގުތުކޮޅެއް ފަހުން ވަނީ ޑިލިޓް ކޮށްލާފައެވެ.
ސޯޝަލް މީޑިއާ މެދުވެރިކޮށް ވެސް ލޭއޮހޮރުވުމަށް ގޮވަލައި، ޓެރަރިޒަމަށް ހިތްވަރުދީ ކުރާ ޓްވީޓްގެ މައްސަލަތައް ފުލުހުން ބަލަމުން އަންނަ އިރު މީގެ ކުރިން ވެސް ވަނީ ސޯޝަލް މީޑިއާގައި އެފަދަ ޕޯސްޓްތައް ކުރާ މީހުން ހައްޔަރު ކޮށް، އެ މީހުންގެ މައްޗަށް ދައުވާ ވެސް އުފުލާފައެވެ.
އެގޮތުން އެންމެ ފަހުން އެފަދަ ހާދިސާއެއް ހިންގައިގެން މީހަކު ހައްޔަރު ކުރި މައްސަލައަކީ، އިންޑިއާ ހައިކޮމިޝަންގައި ހުޅުޖަހަން ގޯވާލި މައްސަލައެވެ. އެގޮތަށް ގޮވާލައި ޓްވީޓް ކޮށްފައި ވަނީ، ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި މެލޭޝިއާ އެމްބަސީގައި އިސް މަގާމެއް ފުރުއްވި އެ ޕާޓީގެ މެންބަރު އައްބާސް އާދިލް ރިޒާއެވެ.
ޓެރަރިޒަމަށް ހިތްވަރުދިނުމަކީ ރާއްޖޭގައި ޓެރަރިޒަމް މަނާކުރުމުގެ ގާނޫނުގެ ދަށުން ޖިނާއީ ކުށެކެވެ.
ހާދަ ގޮތެެއްފޮތެެއް އަހުލާގެއް ނެތޭ ސިޓީކައުންސިލްގެ ވެރިންގެ ގަބުރުސްތާނު ކޮނެގެން މިނިކަށިި ނަގަނީ ސިޓީކައުންސިލްގެ ޔުނީފޯމުގައި ހުރި މީހަކު. މުސްލިމުން މަރުވީމަވެސް މިމީހުންގެ އަނިޔާއިން ސަލާމަތެއް ނެތީ އަހުރެމެންގެ މައިން ބަފައިން ގެ ދަރިންގެ ގަބުރު ކޮނެ ނުހަދާ.