ހުޅުމާލޭ ދެވަނަ ފިޔަވަހީގައި އަލަށް މީހުން އާބާދުވަމުން އަންނަ ހިޔާ ފްލެޓް ތައް ހިމެނޭ ސަރަހައްދުގައި ކުޑަކުދިންނަށް ހާއްސަ ކުރެވިގެން ޕާކްތަކެއް ތަރައްޤީ ކުރުމުގެ މަސައްކަތް ކުރިއަށް ގެންދާ ކަމަށް އެޗްޑީސީއިން ބުނެފިއެވެ.

ހިޔާ ސަރަހައްދުގައި ދިރިއުޅޭ ރައްޔިތުންނަށް ހިތްފަސޭހަ މާހައުލެއް ޤާއިމުކޮށްދިނުމަށް ކުރެވެމުންދާ ހާއްސަ މަސައްކަތްތަކުގެ ތެރެއިން، ކުރިއަށް ގެންދެވޭ މި މަޝްރޫއުގައި ކުޑަ ކުދިން ކުޅޭނެ ގިނަ އާ ސާމާނުތައް ބެހެއްޓި، އާ ކުޅިވަރުތައް ކުޅެވޭނެ އިންތިޒާމު ހަމަޖެހިފައިވާ ކަމަށް އެ އިދާރާއިން މައުލޫމާތު ދިނެވެ.

މީގެ އިތުރުންވެސްި ހިޔާ ޓަވަރުތަކުގެ މެދުގައި ހުންނަ ހުސް ޖާގަތައް އެދެވޭ ގޮތެއްގައި ބޭނުން ކުރުމަށް ޓަވަރުތަކުގައި ދިރިއުޅޭ އާއިލާތަކާއި ގުޅިގެން ޕޮކެޓް ޕާކްތަކެއް ތަރައްޤީ ކުރުމުގެ މަސައްކަތް ބާރަށް ކުރިއަށްދާ ކަމަށް ބުންޏެވެ. މީގެ އިތުރުން ވެސް އާއްމުންނަށް ބޭނުން ހިފޭނެ ގިނަ ކަންތައްތަކެއް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ކަމަށާއި ކައިރި މުސްތަގްބަލެއްގައި އާންމުންނަށް އެކަންކަން ހިއްސާ ކުރެވިގެންދާނެ ކަމަށއ އެއިދާރާއިން މައުލޫމާތު ދިނެވެ.

މީގެ އިތުރުން ވެސް ހުޅުމާލޭ ދެވަނަ ފިޔަވަހި ތަރައްގީ ކުރުމަށް ސަރުކާރުން އަންނަނީ ގިނަ ގުނަ މަސައްކަތް ތަކެއް ކުރަމުންނެވެ. އެގޮތުން ދާދި ފަހުން ވަނީ ހިޔާ ފްލްޓް 16ވަނަ ޓަވަރުގެ ގްރައުންޑް ފްލޯގައި ހުޅުމާލޭ ހޮސްޕިޓަލްގެ ފަރާތުން ގާއިމުކުރި ޖެނެރަލް ޕްރެކްޓިސް ކްލިނިކް ހުޅުވައި ހިދުމަތް ފޯރު ކޮށްދޭން ފަށާފައެވެ.

އަދި މި ކްލިނިކްގައި އާންމު ބަލިތަކުގެ ޑޮކްޓަރުން ބަލިމީހުން ބައްލަވައި ފަރުވާދިނުމުގެ އިތުރުން ލެބޯޓްރީގެ ޚިދުމަތާއި، ބޭސްއެޅުމާއި، އިންޖެކްޝަން ޖެހުން އަދި ނެބިއުލައިޒް ކުރުމާއި، އީ.ސީ.ޖީ ހެދުން ފަދަ ހިދުމަތްތައް ލިބިގެންދާނެއެވެ. އަދި ކުޑަކުދިންގެ ހެދިބޮޑުވުން ބެލުމާއި ވެކްސިންޖެހުމުގެ ޚިދުމަތުގެ އިތުރުން އެސްޓީއޯގެ ބޭސްފިހާރައެއްވެސް ވަނީ ޤާއިމްކޮށްފައެވެ.