އއ. ރަސްދޫއަށް މަސްތުވާތަކެތި ގެންދަން އުޅޭ ކަމުގެ މައުލޫމާތު ލިބިގެން މާލެއިން ފުރަން އުޅުނު ލޯންޗަކުން ހިފެހެއްޓި އަލީ ރަޝީދު، އއ. ރަސްދޫ، ޖަބްރޯލްގަސްދޮށުގެ މައްޗަށް ހުށަަހަޅާފައިވާ މަސްތުވާތަކެތި ޓްރެފިކް ކުރުމުގެ ކުށުގެ ދައުވާ ސާބިތުވާ ކަމަށް ނިންމައި އުމުރުރަށް ޖަލަށް ލާން ހުކުމް ކޮށްފިއެވެ.
އަލީ ރަޝީދު ހައްޔަރު ކޮށްފައި ވަނީ އޮގަސްޓް 20، 2020 ވަނަ ދުވަހުގެ މެންދުރު ފަހު 1:25 ހާއިރު، މާލޭގެ ބޮޑުތަކުރުފާނު މަގުގެ ދެ ނަންބަރު ކުނިކޮއްޓާ ދިމާލުގައި އޮތް ލޯންޗެއްގައި އޭނާ ހުއްޓައެވެ. ފުލުހުން ވަނީ އޭނާ ބަލައި ފާސްކޮށްފައި ވަނީ އއ. ރަސްދޫއަށް މަސްތުވާތަކެތި ގެންދަން އުޅޭ ކަމުގެ މައުޅޫމާ ފުލުހުންގެ އިންޓެލިޖެންސަށް ލިބުމާ ގުޅިގެންނެވެ.
އެ ދުވަހު އޭނާ ބަލައި އޭނާގެ ހަށިގަނޑު ފާސްކުރި އިރު، އޭނާ ލައިގެން ހުރި ޖިންސްުގެ ކަނާތުފަރާތު ކުރިމަތީ ޖީބުން ނެގި މަލްބަރޯ ސިނގިރޭޓް ފޮށީގެ ތެރެއިން މަސްތުވާތަކެތި ކަމަށް ޝައްކު ކުރެވޭ ބާވަތެއް ހުރި ރަބަރު ޕެކެޓަކާއި ޗުއިންގަމް ކަރުދާހެއް ނަގާފައެވެ. އެ ތަކެތީގެ ތަހްލީލް ރިޕޯތުން ދައްކާ ގޮތުގައި، އެ ތަކެއްޗަކީ މެޓަންފެޓަމިން ރެސިމޭޓް އެވެ. ޖުމްލަ ތަކެތީގެ ބަރުދަނުގައި 5.3045 ގްރާމް ހުއްޓެވެ.
މި މައްސަަލައިގައި ކްރިމިނަލް ކޯޓުން އިއްޔެ ކުރި ހުކުމުގައި ބުނެފައި ވަނީ، އަލީ ރަޝީދުގެ މައްޗަށް މަސްތުވާތަކެތި ޓްރެފިކް ކުރުމުގެ ކުށުގެ ދައުވާ އަށް އޭނާ އިންކާރު ކުރި ކުރުމުން އެ ދައުވާ ސާބިތުކުރުމަށް ހުށަހެޅި ހެކި ގަރީނާއިން އެކަށީގެންވާ ޝައްކެތް ނެތް މިންވަރަށް ސާބިތުވާ ކަމަށެވެ. އެހެންކަމުން އޭނާ ކުށްވެރިވެއްޖެ ކަމަށް ކަނޑައަޅައި އުމުރަށް ޖަލަށް ލާން ހުކުމް ކޮށް އެއްލައްކަ ރުިޔާއިން ޖޫރިމަނާ ކުރުމަށް ކަނަޑައަލާއި ވަނީ ހުކުމް ކޮށްފައެވެ.
އޭނާގެ މައްޗަށް ހުކުމް ކުރި ޖޫރިމަނާ ފައިސާ ހަ މަސް ދުވަހުގެ ތެރޭގައި މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީއަށް ދެއްކުމަށް ވަނީ އެ ހުކުމުގައި އަންގާފައެވެ. އަދި އޭނާގެ މައްޗަށް އިއްވި ޖަލު ހުމުން އޭނާ ބަންދުގައި ހޭދްކުރި ދެ މަހާއި ހަތް މަސް ދުވަސް އުނި ކުރުމަށް ފަހު އޭނާ ޖަލުގައި ހޭދަ ކުރަން ޖެހޭ މުއްދަތަކީ 24 އަހަރާއި 9 މަހާއި 23 ދުވަސް ކަމަށް އެ ހުކުމުގައި ވަނީ ކަނޑައަޅާފައެވެ.