މި ދުވަސްވަރަކީ ރާއްޖޭގެ އުތުރާއި މެދު ރާއްޖެތެރެއަށް އާދަޔާ ހިލާފަށް ވައި ނުސާފުވެފައިވާ ދުވަސްވަރެއް ކަމުން، ގްރީން ކޮމެޓު ނުވަތަ ދުންތަރި ބެލޭނެ ގޮތް ރޭ މަސްވެރިންގެ ޕާކްގައި ހަމަޖެއްސި ނަމަވެސް ދުންތަރި ފެންނަ ގޮތެއް ނުވިއެވެ.

ކޮންމެ 50،000 އަހަރަކުން ނޫނީ ދުނިޔެއަށް ނުފެންނަ "ގްރީން ކޮމެޓް" ގެ ހޯދުންތައް ހޯދާފައި ވަނީ މިދިޔަ އަހަރުގެ މާޗް ދެވަނަ ދުވަހު ޒްވިކީ ޓްރާންސިއެންޓް ފެސިލިޓީ ޓެލެސްކޯޕް ބޭނުން ކޮށްގެން ސެން ޑިއޭގޯގެ ކަލްޓެކްގެ ޕަލޯމާ އޮބްޒަވޭޓަރީންނެވެ.

ފެހި ކުލައިން ފެންނަ އެ ދުންތަރި ރޭ މާލޭގައި ތިބެގެން ނުފެނުނު ނަމަވެސް މިރޭ ފެނޭތޯ، ހުޅުމާލޭ ދެވަނަ ފިޔަވަހީގެ ވޯލްޑް ކަޕްގެ މެޗުތައް އެޅުވި ހުސްބިން ސަރަހައްދުގައި ޓެލެސްކޯޕެއް ބަހައްޓައިގެން މަންޒަރު ބެލޭނެ އިންތިޒާމު ހަމަޖައްސާފައި ވާނެ ކަމަށް މި އިވެންޓް ރާވާ ހިންގާ ސްޕޭސްކެޓް އިން މައުލޫމާތު ދިނެެވެ.

އެއްވެސް އަގަކާ ނުލައި ކޮމެޓު ބަލާލުމުގެ އިންތިޒާމު ހަމަޖައްސާފައި ވީ ނަމަވެސް ކޮމެޓު ނުފެންނާނެކަން އެނގުމުން ބައެއް މީހުން ރޭ މަސްވެރިންގެ ޕާކް ދޫކޮށް ދިޔަ ނަމަވެސް، ގިނަ ބަޔަކު ވަނީ ހަނދު ބަލާލުމަށް ފުރުސަތު ދިނުމުން ކިއުގައި މަޑުކޮށް އެ ހިތްގައިމު މަންޒަރު ބަލާލާފައެވެ.

ރޭ ފެނުނު ދުންތަރި ކެނެޑާގައި ތިބި މީހުން ބަލައި ފޮޓޯ ނަގާފައި

ފެބްރުއަރީ 8 ވަނަ ދުވަހުގެ ނިޔަލަށް ރާއްޖޭގެ އެކި ހިސާބުތަކަށް މި ކޮމެޓް ފެންނާނެ ކަމަށް ލަފާކުރެވޭ އިރު އަނދިރިކޮށް އޮންނަ ސަރަހައްދު ތަކުން ހަމަ ލޮލަށް ވެސް މި ކޮމެޓް ފެނުން އެކަށީގެންވެއެވެ.

މިދުވަސްވަރު ވައި ނުސާފު ވެ ދުރުފެންނަ ނިސްބަތަށް ބަދަލު އައިސްފައި ވަނީ ހުޅަނގުން އިރުމައްޗަށް ވައި ބަދަލުވަމުން ދިޔުމާއި ހިމާލިޔަން ސަރަހައްދުން ހިރަފުހާއި ދުން ވަޔާއެކު ބޭ އޮފް ބެންގާލް ހުރަސްކޮށް ރާއްޖެއަށް އެ ފުސްކަން ފޯރާތީ ކަމަށް މެޓް އޮފީހުން ވަނީ ބުނެފައެވެ.

ކުރިއަށް އޮތް ދެދުވަހު ވެސް ވައި ނުސާފުވާނެ ކަމަށް މެޓުން ލަފާކުރެއެވެ.