ހަނދުގެ އަނދިރި ފަރާތަށް ކުރި ކާމިޔަބު ދަތުރަށް ފަހު، އިރު ދިރާސާ ކުރުމަށް އިންޑިއާއިން އުޅަނދެއް އުދުއްސާލައިފިއެވެ.

އަދިތިޔާ އެލް1 ގެ ނަމުން ނަންދީފައި ވާ އުޅަނދު އިންޑިއާގެ ސްރީހަރިކޮޓާއިން ނައްޓާލީ މިއަދު ހެނދުނެވެ. މި އުޅަނދު ދުނިޔޭން ބޭރަށް 1.5 މިލިއަން ކިޓޯމީޓަރަށް ދަތުރު ކުރާނެ ކަމަށާއި އެއީ ދުނިޔެއަށް އިރުގެ އަލި ފޯރަން ނަގާ ދުރުމިނުގެ ގާތްގަނޑަކަށް 1 ޕަސެންޓުގެ ދުރުމިނެކެވެ.

އިންޑިއާގެ ސްޕޭސް އެޖޭންސީން ބުނީ، އެ އުޅަނދު އެ ދުރުމިނަށް ދަތުރު ކުރަން 4 މަސް ނަގާނެ ކަމަށާއި މިއުޅަނދު މަޑުކުރާނީ ބިމާއި އިރާ ދެމެދު ލެގްރޭންގް ޕޮއިންޓް 1 ގައި ކަމަށެވެ.

ޔޫރަޕިއަން ސްޕޭސް އެޖެންސީން ބުނާ ގޮތުގައި ލެގްރޭންޖް ޕޮއިންޓް 1 އަކީ، ދެ އެއްޗެއްގެ ދެމެދުގައި ގްރެވިޓޭޝަނަލް ފޯސް [ދަމާ ބާރު] ނުހުންނަ ޕޮއިންޓެވެ. އެގޮތުން އެ ޕޮއިންޓަށް ފޮނުވާ އުޅަނދުތައް އެ ދެމެދުގައި ހިފެހެއްޓިފައި ހުރެއެވެ.

އިދާރާތަކުން ބުނާގޮތުގައި، އިންޑިއާއިން ފޮނުވާ އުޅަނދު އެ ޕޮއިންޓަށް ގޮސް ހުއްޓޭއިރު، އޭތި ދަތުރު ކުރަމުން ދާނީ ދުނިޔެ ދަތުރުކުރާ ބާރުމިނާ އެއްވަރަށް ކަމުން އޭތި އޮޕަރޭޓް ކުރަން އަނދާ ހަކަތައިގެ ނިސްބަތްވެސް ވަރަށް މަދުވާނެއެވެ.

އިންޑިއާގެ މި އުޅަނދު ފުރުވާލާ މަންޒަރު ބަލަން މިއަދު ގިނަ ބަޔަކު އެއްވި އިރު ސައިންސްވެރިން ބުނީ އެ މިޝަން ކާމިޔާބު ކަމަށާއި އޭގެ މަންޒިލަށް ފޯރުމުގެ ކުރިން ދުނިޔެ ވަށާ އެތައް ބުރެއް ވެސް ޖަހާނެ ކަމަށެވެ.

މި އުޅަނދުގެ އެހީގައި އިރަށް އަންނަ ބަދަލުތަކާއި އިރުކޭތަ ހިފާ އިރު ދިމާވާ ކަންކަމާއި އެނޫންވެސް ގިނަ މައުލޫމާތު އެއްކުރާނެ ކަމަށް ބުނެއެވެ.

ހަބަރުތައް ބުނާގޮތުން މި އުޅަނދު ތައްޔާރުކޮށް ފޮނުވަން އިންޑިއާއިން ހަރަދު ކުރީ އެންމެ 34 މިލިއަން ޑޮލަރެވެ.

މި އުޅަނދުގައި 7 އާލާތެއް [ސައިންޓިފިކް އިންސްޓްރޫމަންޓެއް] ހަރުކޮށްފައި ވާ ކަމަށާއި އެ އާލާތްތަކުގެ އެހީގައި ސޯލާ ކޮރޯނާ [އެންމެ ބޭރު ފަށަލަ] އާއި ޕޮޓޮސްފަޔާ [ދުނިޔޭގައި ހުރެ އިރަށް ބަލާއިރު ފެންނަ ފަށަލަ] އާއި ކްރޮމޮސްފަޔާ [ކޮރޯނާ އާއި ފޮޓޮސްފަޔާ] އާ ދެމެދު ބަލައި ތަހުލީލު ކުރާނެއެވެ.

މި މައުލޫމާތުގެ އެހީގައި އިރުގެ ހަރަކާތްތަކާ ގުޅިގެން ދުނިޔެއަށް އަންނަ ބަދަލުތައް ދެނެގަތުމަށް ސައިންސްވެރިންނަށް އެހީއަކަށް ވާނެ ކަމަށް ވެސް ބުނެއެވެ.

މިހާރުވެސް ޖައްވަަށް އިންޑިއާއިން 50 ސެޓެލައިޓް އަރުވާފައި އެބަވެއެވެ. މި ސެޓެލައިޓްތަކުގެ އެހީގައި އިންޑިއާއަށް މޫސުމީ ބަދަލުތަކާއި، ދުނިޔެއަށް ދިމާވާ އެކިއެކި ކާރިސާތަކާ ގުޅޭ މައުލޫމާތާއި މުހިންމު ހައްސާސް މައުލޫމާތު ލިބޭ ކަމަށް ޖައްވާ ބެހޭ އދ ގެ އޮފީހުން ބުނެފައި ވެއެވެ.

މުޅި ޖައްވުގައި 10290 ސެޓެލައިޓް އެނބުރެމުން ދާ އިރު އޭގެ ތެރެއިން 7800 ސެޓެލައިޓް މަސައްކަތް ކުރާ ކަމަށް ވެސް އދ ގެ އިދާރާއިން ބުނެއެވެ.