ހަނދަށް ދާ 4 ވަނަ ގައުމުގެ ގޮތުގައި އިންޑިއާ ތާރިހުގެ ތެރެއަށް ވަދެގެންދާ ދަތުރުގައި މިއަދު މާލޭ ގަޑިން ހަވީރު 5.15 ގައި އިންޑިއާގެ އުޅަނދު ހަނދަށް ޖައްސާނެއެވެ.

އިންޑިއާގެ ބޮޑެތި ހުރިހާ މީޑިއާ ތަކުން މިހާރުންސުރެ ފެށިގެން ލައިވް ކަވަރޭޖް ފަށާފައި ވާ އިރު، ޗަންދްރަޔާން 3 ހަނދުގައި ޖައްސާ މަންޒަރުތައް ލައިވް ކުރަން ފަށާނީ 5 ޖަހާހާއިރުއެވެ.

ޗައިނާ، އެމެރިކާ، ސޯވިއެޓް ޔޫނިއަންގެ އިތުރުން އިންޑިއާ އަކި ހަނދަށް ދާ 4 ވަނަ ގައުމެވެ. އިންޑިއާ އަށް ލިބޭ މިޝަރަފާއެކު އެހެން ޝަރަފެއްވެސް ލިބެއެވެ. އެއީ ހަނދުގެ އަނދިރި ފަރާތަށް ދާ ފުރަތަމަ ގައުމުގެ ޝަރަފެވެ. މީގެ ކުރިން ހަނދުގެ އަނދިރި ފަރާތަށް ދިޔުމަށް މިދިޔަ މަހު ރަޝިއާއިން އުދުއްސާލި އުޅަނދު ހަނދުގެ ސަތަހައިގެ ތެރެއަށް ވަދެ، ކޮންޓްރޯލް ގެއްލި އުޅަނދާ ގުޅުން ކެނޑިގެން އެ ވަނީ ވެއްޓި ގޮވާފައެވެ.

އިންޑިއާގެ އުޅަނދު ހަނދާ ކައިރި ކުރަމުން ދާ މަންޒަރުތަކާއި ބައެއް ފޮޓޯތައް އެގައުމުގެ ސްޕޭސްއާ ބެހޭ އިދާރާ އިސްރޯއިން އާންމު ކޮށްފައި ވާ އިރު، އެއީ މިހާތަނަށް އެހާ ކައިރިން ހަނދުގެ އަނދިރި ފަރާތުގެ ފޮޓޯތައް ދުނިޔެއާ ހަމައަށް ފޯރި ފުރަތަމަ ފަހަރުވެސް މެއެވެ. އެ ފޮޓޯތައް ނަގާފައި ވަނީ ހަނދާ 70 ކިލޯމީޓަރު ދުރުންނެވެ.

ޗަންދްރަޔާން ގެ ކާމިޔާބީގެ ވާހަކަތައް އެގައުމުގެ މީޑިއާތަކުން ދައްކަމުން ދާއިރު ރޭ އިސްރޯގެ އޮފިޝަލުން ބުނީ، މިއީ ތާރީހު ގާއިމު ކުރެވޭ ދަތުރެއް ކަމަށާއި، މި ދަތުރަށް ފަހު ދެން އޮތީ އިރު ބެލުން ކަމަށެވެ. އިރަކީ އޭގެ ހޫނު ކަމުގެ ސަބަބުން އެއާ ކައިރިއަށް އުޅަނދެއް ފޮނުވުމުގެ ކުޅަދާނަކަން އެއްވެސް ބަޔަކަށް ހޯދިފައި ނުވާ ތަރިއަކަށް ވާއިރު އިންޑިއާއިން މަސައްކަތް ކުރަނީ ބިމުން ފެށިގެން 1.5 މިލިއަން އަހަރު ދުރަށް ސެޓެލައިޓެއް ފޮނުވާ، އޭގެ އެހީގައި އިރުގެ މަސައްކަތްތަކާއި އިރަށް އަންނަ ބަދަލުތަކާއި އަނދަމުން ދާ އެނދުންތަކުގެ ދިރާސާ ކުރާށެވެ. އެ މަސައްކަތް މިހާރު ފަށާ، އުޅަނދު ނިންމުމުގެ މަސައްކަތް ކުރިއަށް ދާ ކަމަށާއި، ތާވަލާ އެއްގޮތަށް ދާނަމަ އަންނަ އަހަރު އެ އުޅަނދު ފޮނުވާލާނެ ކަމަށް އިސްރޯގެ އޮފިޝަލުން ބުނެއެވެ.

އެއަށް ފަހު އިންޑިއާގެ އަމާޒަކީ، އިންޑިއާގެ އަމިއްލަ ރޮކެޓެއްގައި އިންޑިއާގެ ފަސްގަނޑުން ޖައްވީ އުޅަނދުތައް އުދުއްސުމެވެ. އިސްރޯގެ އޮފިޝަލުން ބުނީ، އިންޑިއާގެ ސްޕޭސް ޕްރޮގްރާމަކީ ވަރަށް ބޮޑު އަހައްމިއްޔަތު ކަމެއް ދީގެން ކުރިއަށް ގެންދާ ޕްރޮގްރާމެއް ކަމަށާއި، އިންޑިއާއިން ބަލައި މޮނިޓާ ކުރަން ޖެހޭ 500 މިލިއަނަށް ވުރެ ގިނަ ޓެކްނޮލޮޖީގެ އާލާތްތައް އިންޑިއާގައި އެބަހުރި ކަމަށެވެ. އެހެން ކަމުން ޖައްވީ މަސައްކަތްތައް އިތުރަށް ފުޅާކޮށް، ހަނދަށް ފޮނުވާ އުޅަނދުގެ އެހީގައި އެއްކުރެވޭ މައުލޫމާތާއެކު ޖައްވީ ދާއިރާގައި އިންޑިއާގެ ބާރު ގަދަވެގެން ދާނެ ކަމަށް ވެސް ބުނެފައިވެއެވެ.

މީގެ ކުރިން ހަނދަށް ދާން އިންޑިއާއިން ފޮނުވާލި އުޅަނދު އޯބިޓް ތެރޭގައި ގޮވީއެވެ.