18.24 މިލިއަން ޑޮލަރަށް 26 ރަށެއްގައި ސޯލާ ޕީވީ ހައިބްރިޑް ސިސްޓަމް ގާއިމް ކުރުމަށް އެންވަޔަރަމަންޓް މިނިސްޓްރީއިން ސައިނޮސޯ – ޔިންގްލީ ކޮންސޯޓިއަމް އަށް ހަވާލުކޮށްފިއެވެ.
އެންވަޔަރަމަންޓް މިނިސްޓްރީގެ ފަރާތުން މިކޮންޓްރެކްޓްގައި ސޮއިކުރެއްވީ އެންވަޔަރަންމަންޓް މިނިސްޓަރު އާމިނަތު ޝައުނާ އެވެ. އަދި ކޮންޓްރެކްޓަރު "ސައިނޮސޯ – ޔިންގްލީ ކޮންސޯޓިއަމް" ގެ ފަރާތުން ސޮއިކުރެއްވީ ޕްރޮޖެކްޓް މެނޭޖާ ސާއޯ ސިއޯ މިން އެވެ.
ޔޫރަޕިއަން އިންވެސްޓްމަންޓް ބޭންކުގެ އެހީގައި ކުރިއަށް ގެންދިއުމަށް ރާވާފައިވާ މަޝްރޫއުތަކުގެ ތެރޭގައި ހިނެމޭ މަޝްރޫއު ހަވާލުކުރީ ކޮންޓްރެކްޓް އިފެކްޓީވް ވާ ދުވަހުން ފެށިގެން 12 މަސް ދުވަހުގެ ތެރޭގައި ނިންމާ ގޮތަށެވެ.
މި ޕްރޮޖެކްޓް ދަށުން މާޅޮސްމަޑުލު އުތުރު ބުރި އާއި މާޅޮސްމަޑުލު ދެކުނުބުރީގެ (ރ އަދި ބ އަތޮޅުގެ) މީހުން ދިރިއުޅޭ 26 ރަށެއްގައި 6.35 މެގަވޮޓުގެ ސޯލާ ޕީވީ، 7.66 މެގަވޮޓު އަވާގެ ބެޓްރި އެނާޖީ ސްޓޯރޭޖު ސިސްޓަމް އަދި އެނާޖީ މެނޭޖުމަންޓް ސިސްޓަމް ޤާއިމުކުރާނެއެވެ.
އަހަރަކު 2.9 މިލިއަން ލިޓަރުގެ ޑީސަލް ސަލާމަތްކުރެވި، އަހަރަކު 47 މިލިއަން ދިވެހި ރުފިޔާ ސަލާމަތްކުރެވުމުގެ އިތުރުން ޖައްވަށް ބޭރުކުރާ ވިހަ ގޭހުގެ ތެރެއިން 7900 ޓަނުގެ ކާބަންޑައި އޮކްސައިޑް އިކްއިވެލަންޓް މި ޕްރޮޖެކްޓްގެ ސަބަބުން މަދުކުރެވޭނެ ކަމަށް އެންވަޔަރަމެންޓް މިނިސްޓްރީ އިން ވަނީ އަންދާޒާ ކޮށްފައެވެ.
ސޯލާ ޕީވީ ހައިބްރިޑް ސިސްޓަމް އެޅުމަކީ ބޭރުން އެތެރެކުރާ ތެލަށް ބަރޯސާވާ މިންވަރު ކުޑަކޮށް، ހަކަތައިގެ ޔަޤީންކަން އިތުރުކުރުމަށް ރާއްޖެއިން ލިބެންހުރި އިއާދަކުރަނިވި ހަކަތައިގެ ވަސީލަތްތައް ބޭނުންކޮށްގެން ކަރަންޓު އުފެއްދުން އިތުރުކުރުމަށާއި ރާއްޖެއިން އިޢުލާނުކޮށްފައިވާ ނެޓް-ޒީރޯ 2030 ލަނޑުދަނޑި ހާސިލުކުރުމަށް ސަރުކާރުން ހިންގާ މަޝްރޫއުތަކެކެވެ.
ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ސޯލާ ޕީވީ ހައިބްރިޑް ސިސްޓަމްތައް ޤާއިމުކުރަން ފަށާފައިވާއިރު މިހާރުވެސް މުޅިރާއްޖޭގައި 53 މެގަވޮޓުގެ ސޯލާ ޕީވީ ސިސްޓަމްތައް ވަނީ ޤާއިމުކޮށްފައެވެ. މީގެތެރެއިން 36.5 މެގަވޮޓަކީ ވޭތުވެދިޔަ 04 އަހަރުގެ ތެރޭގައި ޤާއިމު ކޮށްފައިވާ ސިސްޓަމްތަކެވެ.