ޓްރާންސްޕޭރެންސީ އިންޓަނޭޝަނަލްއިން ނެރޭ ކޮރަޕްޝަން ޕާސެޕްޝަން އިންޑެކްސް (ސީޕީއައި)ގައި ރާއްޖެ އޮތް ރޭންކަށް ބަދަލެއްނައިސް އެއްވަރެއްގައި ހިފެހެއްޓިއްޖެއެވެ.
ޓްރާންސްޕޭރެންސީ އިންޓަނޭޝަނަލްއިން މިއަދު ނެރުނު 2022 ގެ ރިޕޯޓުގައި ރާއްޖެ އޮތީ 85 ވަނަ ރޭންކުގައި ކަމަށް ވާއިރު ރާއްޖެ ހިމެނެނީ މިދިޔަ އަހަރުވެސް އޮތް ހިސާބުގައި 50 އަށް ވުރެން ދަށުން ފޮއިންޓް ލިބިފައިވާ ދުނިޔޭގެ ތިންބައިކުޅަ ދެބައި ގައުމުތަކުގެ ތެރޭގައެވެ.
ސީޕީއައި އަކީ ދުނިޔޭގެ 180 ގައުމެއްގައި ދައުލަތްތައް ހިންގުމުގައި ކޮރަޕްޝަން އަށަގަނެފައިވާ ކަމަށް އާންމުންނަށް ގަބޫލުކުރެވޭ މިންވަރު ބެލުމަށް ކޮށްފައިވާ ސާވޭތަކާއި ފަންނީ މާހިރުންގެ ހޯދުންތަކުގެ އަލީގައި އެ ގައުމުތައް ގިންތިކޮށް ޕޮއިންޓްދޭ އިންޑެކްސްއެއް ކަމަށްވާއިރު ރާއްޖެއަށް ލިބުނީ 2021 ވަނަ އަހަރެކޭ އެއްފަދައިން 40 ޕޮއިންޓާއެކު 184 ގައުމުގެ ތެރެއިން 85 ވަނަ ގިންތިއެވެ.
މި ތަފާސް ހިސާބުތަކުން ދައްކަނީ ކޮރަޕްޝަނާއި ދެކޮޅަށް މަސައްކަތްކުރުމަށް ހަދާފައިވާ ގާނޫނުތަކަށް އަމަލުކުރުމުގައާއި ތަންފީޒުކުރުމުގައި ރާއްޖެއިން ކުރިއެރުމެއް އައިސްފައި ނުވާ ކަމަށާއި އެހެން އަހަރުތަކެކޭވެސް އެއް ފަދައިން ރާއްޖޭގައި މައްސަލަތައް ތަހުގީގުކޮށް ދައުވާކޮށް ގާނޫނުތައް ތަންފީޒުކުރުން ބަލިކަށިވުމުގެ ސަބަބުން ސިޔާސީ ފަރާތްތަކާއި ދައުލަތުގެ މުވައްޒަފުން ޒިންމާދާރު ނުކުރެވޭކަމެވެ.
ޓްރާންސްޕޭރެންސީއިން ބުނީ ސީޕީއައިގެ މެދުމިނުގެ ގިންތި ތެރޭގައި ހިމެނިފައިވުމުން ރަމްޒުކޮށްދެނީ ރާއްޖެއަށް ކޮރަޕްޝަން ނައްތާލުމަށް ހުރި ބޮޑެތި ހުރަސްތަކުގެ ތެރޭގައި ބޮޑެތި ކޮރަޕްޝަނާއި ހިޔާނާތުގެ މައްސަލަތަކާއި އާންމުނަށް ގެއްލުންވާ ގޮތަށް ސަރުކާރުގެ މަތީ މަގާމުތަކުގައި ތިބޭ ބައެއް ފަރާތްތަކުން ނުހައްގުން މަންފާ ހޯދުން ހިމެނޭ ކަމަށާއި އެ ހާލަތުގައި ފާޓީ ކޮރަޕްޝަނަށް ވަގުތީ ހައްލެއް ހޯދުމަށް ކުރެވޭ ކަންތައްތަކަކުން ނުފުދޭ ކަމަށެވެ.
މިކަމަށް ދެމެހެއްޓެނިވި ހައްލެއް ހޯދައި އަމާންކަން ހިފެހެއްޓުމަށްޓަކައި ކޮރަޕްޝަނަށް މަގުފަހިކުރުވާ އަދި ކްރަޕްޓު ފަރާތްތަކަށް ހިމާޔަތްދޭ ނިޒާމު އެއްކޮށް ބަދަލުކޮށް ޒިންމާދާރުކުރުވުމާއި ހާމަކަން ބޮޑު ނިޒާމެއް ކަށަވަރުކުރަން ޖެހޭ ކަމަށް ވެސް ޓްރާންސްޕޭރެންސީއިން ބުނެއެވެ.
ކޮރަޕްޝަން އިންޑެކްސް އިން ރާއްޖެއަށް ކުރިއެރުން ނުލިބުނަސް މި ސަރުކާރުން ގެންގުޅެނީ ކޮރަޕްޝަނަށް 'ޒީރޯ ޓޮލަރަންސް'އެއް ކަމަށް މީގެ ކުރިން ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ވަނީ ވިދާޅުވިއެވެ.