ރަޝިއާއިން ޔޫކްރައިނަށް އަރާ ކުރަމުން ދާ ހަނގުރާމަ އަށް އަހަރުވާން ކުޑަ ދުވަސްކޮޅަކަށް ވެފައި ވާ އިރު، ޔޫކްރައިން އިން ބޭނުންވަނީ ހުޅަނގުގެ ޒަމާނީ ހަތިޔާރެވެ.
ޔޫކްރައިން ގަބޫލުކުރާ ގޮތުގައި ރަޝިއާ ބަލިކުރެވެން އޮތީ ހުޅަނގުގެ ޒަމާނީ ހަތިޔާރުންނެވެ. އެއާއެކު ޔޫކްރައިން އިން އާދޭސް ކުރާތާ މަހަކަށް ވުރެ ދިގުލައި ދިޔަ ފަހުން ހުސްވި ހަފްތާގައި ހުޅަނގުން ވަނީ އެންމެ ޒަމާނީ އަސްކަރީ ޓޭންކް ދޭން އެއްބަސްވެ ޖުމްލަ 321 ޓޭންކް ފޮނުވަން ތައްޔާރު ވެފައެވެ.
އެއާއެކު ޔޫކްރައިން އިން ދެން އެދުނީ، ހުޅަނގުގެ އަސްކަރީ ބޮން އަޅާ ފައިޓާ ޖެޓްތައް ދިނުމަށެވެ. މި މައްސަލައިގައި ޖަރުމަނުން ނޫނެކޭ ބުނެފައި ވަނިކޮށް އެމެރިކާއިން ވެސް ނޫނެނޭ ބުނެފިއެވެ.
އެމެރިކާގެ ރައީސް ޖޯ ބައިޑަން ވިދާޅުވީ، އެމެރިކާއިން އެންމެ ޒަމާނީ ހަނގުރާމަ މަތީ ޓޭންކްގެ 31 ޓޭންކް ފޮނުވާނެ ކަމަށާއި ނަމަވެސް އެފް 16 މަރުކާގެ ބޮން އަޅާ ބޯޓުތައް ނުފޮނުވާނެ ކަމަށެވެ. އެފް 16 މަރުކާގެ ބޯޓަކީ އަސްކަރީ ބޭނުންތަކުގައި ބޭނުން ކުރާ އެންމެ ކާމިޔާބު ބޮން އަޅާ އެއް ބޯޓެވެ. މި މަރުކާގެ ބޯޓު ބެލްޖިއަމް އަދި ޕާކިސްތާންގައި ވެސް ބޭނުން ކުރެއެވެ.
ހުޅަނގުގެ ބޮން އަޅާ ބޯޓުތައް ޔޫކްރައިނަށް ލިބިއްޖެ ނަމަ އެއީ އެގައުމުގެ ހަމަލާތައް ކާމިޔާބުކޮށް ރަޝިއާ ބަލިކުރެވިދާނެ ގޮތެއް ކަމަށް މުރާސިލުން ބުނެއެވެ. މިހާރު ޔޫކްރައިންގައި ބޭނުން ކުރަނީ މީގެ 30 އަހަރު ކުރިން، ޔޫއެސްއެސްއާރުގެ ދަށުން ވަކިވެ ޔޫކްރައިން މިނިވަން ވުމުގެ ކުރީގެ ޔޫކްރައިންގެ އަމިއްލަ އުފެއްދުންތަކެވެ.
ބައިޑަން އިތުރަށް ވިދާޅުވީ، ފައިޓާ ޖެޓްތައް ނުދިން ނަމަވެސް އަސްކަރީ ގޮތުން މިހާރުވެސް ޔޫކްރައިނަށް އެންމެ ބޮޑު އެހީތެރިކަމެއް ފޯރުކޮށްދެނީ އެމެރިކާއިން ކަމަށާއި އޭގެ ތެރޭގައި ފައިސާގެ އެހީއާއި އަސްކަރީ ދާއިރާތަކުގެ އެހީ ހިމެނޭ ކަމަށެވެ.
އެެމެރިކާގެ އެ ނިންމުމާ ގުޅޭ ގޮތުން ޔޫކްރައިންގެ ފޮރިން މިނިސްޓަރުގެ ނައިބު އެންޑްރީ މެލަނިކް ވިދާޅުވީ، ޓޭންކް ކޯލިޝަނެއް އުފެދޭ ގޮތަށް ބޮން އަޅާ ބޯޓުގެ ކޯލިޝަނެއް (އެކި ގައުމުތަކުގައި ބޭނުން ކުރާ ބޮން އަޅާ ބޯޓު) ގާއިމު ކުރެވިއްޖެ ނަމަ ވަރަށް ފުރިހަމަ ވާނެ ކަމަށެވެ. އޭރުން އެމެރިކާގެ އެފް 16 އާއި ޔޫރަޕްގެ ޔޫރޯފައިޓާސް އާއި އިޓަލީގެ ޓޯނަޑޯސް އާއި ފްރެންޗް ރެފަލްސް އާއި ސްވިޑިޝް ގްރިޕެން ޖެޓްތައް ހުންނާނެ ކަމަށެވެ.
މި ކަމަކާ ގުޅިގެން ވާހަކަ ދައްކަވަމުން ޖަރުމަނުގެ ޗާންސެލާ އޯލާފް ސްކޯލްޒް ވިދާޅުވީ، ޔޫކްރައިނާ ހަނގުރާމަ ކުރަނީ ނޭޓޯއިން ނޫން ކަމަށާއި، ހަނގުރާމަ އިތުރަށް ފުޅާ ކުރުމަށް ނޭޓޯގެ ގައުމުތަކުން ދޭ އަސްކަރީ އެހީ އިތުރަށް ފުޅާ ކުރަން ފެނިވަޑައިނުގަންނަވާ ކަމަށެވެ.
ފްރާންސްގެ ރައީސް އެމަނުއަލް މެކަރޯން ވިދާޅުވީ ޔޫކްރައިން އަށް އެހީވުމުގައި އެއްވެސް އިސްތިސްނާއެއް ނެން ނަމަވެސް ހާލަތު އިތުރަށް ގޯސްކޮށްގެން ވެސް ނުވާނެ ކަމަށާއި އަދި އަމިއްލަ (ފްރާންސްގެ) ދިފާއަށް ކުރަން އޮތް މަސައްކަތަށް ހުރަސްއެޅިގެން ވެސް ނުވާނެ ކަމަށެވެ.
ޔޫރަޕްގެ އެހެން ގައުމެއް ކަމަށް ވާ ނެދަލޭންޑުން ވެސް މިކަމުގައި އަދި ގޮތެއް ނުނިންމައެވެ. ނަމަވެސް ޕޮލަންޑުން ބުނެފައި ވަނީ ނޭޓޯގެ މަޝްވަރާއާއެކު ފައިޓާ ޖެޓްވެސް ފޮނުވަން ތައްޔާރު ކަމަށެވެ.