16 އަހަރު ކުއްޖަކަށް ޖިންސީ ގޯނާ ކުރި 73 އަހަރުގެ މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ.

ފުލުހުން ބުނީ ނޯތް ސެންޓްރަލް ޕޮލިސް ރީޖަން (ކ، އއ، އދ، ވ) ގައި ހިމެނޭ ރަށެއްގައި 16 އަހަރުގެ އަންހެން ކުއްޖަކަށް ޖިންސީ ގޯނާ ކުރި މައްސަލައެއް މިރޭ ފުލުހުންނަށް ހުށަހަޅާފައިވާ ކަމަށާއި އެ މައްސަލައާ ގުޅިގެން 73 އަހަރުގެ ފިރިހެނެއް ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ކަމަށެވެ.

އެ މައްސަލަ ފުލުހުން ދަނީ ތަހުގީގު ކުރަމުން ކަމަށް ފުލުހުން ބުންޏެވެ.

ކުޑަކުއްޖަކަށް ޖިންސީ ގޯނާ ކުރި މައްސަލައެއްގައި މިރޭ 73 އަހަރުގެ މީހަކު ހައްޔަރުކޮށްފައިވާއިރު ހއ. ހދ އަދި ށ. ހިމެނޭ ރަށެއްގައި 13 އަހަރުގެ އަންހެން ކުއްޖަކަށް ޖިންސީ ގޯނާކުރި 60 އަހަރުގެ މީހަކު ރޭ ވަނީ ހައްޔަރުކޮށްފައެވެ.

ކުޑަކުދިން ހިމެނޭ މިފަދަ މައްސަލަތަކުގައި ކުޑަކުއްޖާގެ ކަރާމާތް ރައްކާތެރިކުރުމުގެ ގޮތުން އެކުއްޖާ އައިޑެންޓިޓީ ދެނެގަނެވޭނެ ފަދަ މައުލޫމާތު ފުލުހުން ހިއްސާކޮށްފައެއް ނުވެއެވެ. ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރުން އަނިޔާއެއް ދިނުން ފަދަ މައްސަލަތަކަކީ ސީރިއަސް މައްސަލައެއްގެ ގޮތުގައި ބަލަމުން އަންނަ މައްސަލަތަކެވެ.

ޖެންޑާ މިނިސްޓްރީގެ ތަފާސްހިސާބުތަކަށް ބަލާއިރު މިދިޔަ އަހަރުގެ ޑިސެމްބަރު މަހު އެކަނިވެސް ކުޑަކުދިންނަށް ކުރާ އަނިޔާގެ 109 މައްސަލައެއް ވަނީ ހުށަހަޅާފައެވެ.

މި ބާވަތުގެ މައްސަލަތަކުގެ ތެރެއިން އެންމެ ގިނައިން ރިޕޯޓުކޮށްފައި ވަނީ ގެވެށި އަނިޔާގެ އަމަލެއް ކުރާތަން ކުއްޖަކަށް ދެއްކުން ނުވަތަ ފެނުމުގެ މައްސަލައެވެ. އެގޮތުން މިބާވަތުގެ 30 މައްސަލައެއް ވަނީ ޑިސެންބަރު 2022 ގައި ހުށަހަޅާފައިވެއެވެ.