ބޮއެ އަޅަން މޫދަށް ފައިބާ އުޅެނިކޮށް މަރުވި ރ. އިނގުރައިދޫ، މާހާ، ނިޝާހް އަބްދުލް ޣަފޫރަކީ ފާހަގަ ކޮށްލެވޭ ސްކައުޓެކެވެ.

މިއަދު ދިމާމި ހިތާމެރި ހާދިސާގައި ޒުވާން އުމުރުގައި މި ދުނިޔެއާ ވަކިވި، ނިޝާހް ވަނީ އޭނާ އޭނާގެ އުމުރުން 14 އަހަރުގައި ގެނބުނު ކުއްޖެއްގެ ފުރާނަ ސަލާމަތް ކޮށްދީ ރައީސްގެ އެވޯޑުވެސް ހޯދާފައެވެ.

އދ. މާފުށިވަރު މޯލްޑިވްސް ރިސޯޓުގައި ބޮއެ އަޅަން މޫދަށް ފައިބާ އުޅުނިކޮށް އުމުރުން 18 އަހަރުގެ ނިޝާހް ހާލު ދެރަވެގެން ހޮސްޕިޓަލަށް ގެންދިޔަ ކަމަށާއި އޭނާއަށް އދ. މަހިނބަދޫ ހޮސްޕިޓަލުގައި ފަރުވާދެމުން ދަނިކޮށް ވަނީ މަރުވެފައެވެ.

މީގެ އަހަރުތަކެއް ކުރިން ނޮވެންބަރު 18، 2018 ވަނަ ދުވަހު އިނގުރައިދޫގައި މަސް ހިފަން މޫދަށް އެރި އުޅެނިކޮށް ގެނބެމުން ދިޔަ ކުއްޖަކުގެ ސަލާމަތް ކުުރުމަށް ނިޝާހް އާއި އޭނާއާއެކު އުޅުނު އަލީ ފައުޒާން ދެއްކި ހިއްވަރުގެ ވާހަަކަ ގިނަ ބަޔަކު އަދިވެސް ދައްކައެވެވެ. އަދި އެ ހިއްވަރާއި މަތިވެރި ގުރުބާނީ ފާހަގަކޮށް 2019 ވަނަ އަހަރުގެ ޖުމްހޫރީ ދުވަހުގެ މުނާސަބަތުގައި ބޭއްވި ރަސްމީ ޖަލްސާގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވަނީ ނިޝާހް އަށް ހަނދާނީ ފިލައެއްވެސް ދެއްވާފައެވެ.

އެ ދުވަހު އިނގުރައިދޫގެ ފުއްޓަރު ފަރާތަށް މަސްހިފަން ފީނަން ގޮސް އުޅެނު ކުއްޖަކު ފާނައަކަށް ދަގަނޑު ޖެހުމުގެ ތެރެއިން ގަލެއްގައި ދަގަނޑު ތާށިވެ، އެ ވަގުތު ދަގަނޑުގައި އައްސާފައި އޮތް ވާގަނޑު އޭނާގެ އަތުގައިވެސް އައްސާފައި އޮތުމުން މައްޗަށް އަރަން މަސައްކަތްކޮށް ނޭވާ ހާސްވި އިރުވެސް ދަގަނޑު ނެއްޓޭ ގޮތް ވެފައެއް ނުވެއެވެ. އަދި އެ މަންޒަރު ތަންކޮޅެއް ދުރުން ނިޝާހުއާއި ފައުޒާނަށް ފެނިގެން ދިޔައިރު އެ ކުއްޖާ އޮތީ މޫދު އަޑީގައި ނޭވާ ހާސްވެ ގެނގިފައެވެ.

އެ ކުއްޖާ ނެގޭތޯ މަސައްކަތްކޮށް ނުނެގުމުން ގަލުގައި ތާށިވެފައިވާ އެ ދަގަނޑު ވަރަށް އުނދަގުލުން ނެގުމަށް ފަހު އެ ކުއްޖާ ފެނުން މައްޗަށް ނަގައި ނޭވާލެއްވުމަށް ކުރި މަސައްކަތުން ވަނީ ނޭވާލާފައެވެ.

ނިޝާހް އާއި ފައުޒާން އަކީ ވެސް ސްކައުޓުގައި އުޅުނު ދެ މީހުންނަށް ވާއިރު ނިޝާހްގެ މަރުގެ ހަބަރާއެކު އެ އެސޯސިއޭޝަނުން ވަނީ މީގެ ކުރިން ނިޝާހް ދެއްކި ނަމޫނާ ހިތްވަރު ފާހަގަކޮށް ކުޅަދާނަ ސްކައުޓެއްގެ ގޮތުގައި ފާހަގަ ކޮށްފައެވެ. އަދި ނިޝާހްގެ ކެރުންތެރިކަމާއި ނުގުޑާފަދަ އަޒުމު ވަރުގަދަ އަމަލުގެ ސަބަބުން އެ އެސޯސިއޭޝަނުން ވަނީ ގެލެންޓަރީ ރަން މެޑަލްއެއްވެސް އޭނާއަށް ދީފައެވެ.

"ނިޝާހް އަބްދުލްޣަފޫރުގެ އެ ހިތްވަރުގަދަ އަމަލަކީ ކޮންމެ ސްކައުޓަކަށްވެސް މަތިވެރި ނަމޫނާއެއްކަން ޔަގީންނެވެ."
ސްކައުޓް އެސޯސިއޭޝަން

ނިޝާން މަރުވިއިރު އޭނާ މަސައްކަތް ކުރަމުން އައީ މާފުށިވަރު ރިސޯޓުގެ ޑައިވަރެއްގެ ގޮތުގައެވެ. އަދި އޭނާގެ ކުއްލި ވަކިވުމަކީ ގިނަ ބަޔަކަށް ގަބޫލުކުރަން ދަތި ކަމަަކަށް ވަނީ ވެފައެވެ.