ދިވެހިރާއްޖޭގައި ސްކައުޓް ހަރަކާތް ފެށުނުތާ 70 އަހަރު ފުރުމުގެ އުފާވެރި މުނާސަބަތުގައި، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ސްކައުޓުންނަށް ތަހުނިޔާ އާއި ޝުކުރުގެ މެސެޖެއް ފޮނުއްވައިފިއެވެ.

މިއަދު އެކްސް މެދުވެރިކުރައްވައި ފޮނުއްވި މެސެޖެއްގައި ރައީސް މުއިއްޒު ވިދާޅުވީ، ސްކައުޓް ހަރަކާތަކީ ރައްޔިތުންގެ އިތުބާރާއި އިހްތިރާމް ލިބިފައިވާ، މުޅި ގައުމު ފަހުރުވެރިވާ ފަދަ ހިދުމަތްތަކެއް ކުރަމުންދާ ހަރަކާތެއް ކަމަށެވެ. މިއީ ރާއްޖޭގައި އޮތް އެންމެ ޒަމާންވީ، އަދި މުޅި ރާއްޖެއަށް އެންމެ ފުޅާކޮށް ފެތުރިފައިވާ އެންމެ ބޮޑު ވޮލަންޓްރީ (ދަރުމަވެރި) ހަރަކާތްކަންވެސް ރައީސް ފާހަގަކުރެއްވިއެވެ.

ރާއްޖޭގައި ސްކައުޓް ހިދުމަތް ފެށުމުގައި އިސްނެންގެވި ލީޑަރުންނަށާއި، ވޭތުވެދިޔަ 70 އަހަރުގެ ތެރޭގައި މި ހަރަކާތް ދެމެހެއްޓުމުގައި ބައިވެރިވި ހުރިހާ ސްކައުޓުންނަށް ރައީސް ވަނީ މަރުހަބާ އާއި ސާބަސް ދަންނަވާފައެވެ. ޚާއްޞަކޮށް، ގައުމު ގޮވައިލި ކޮންމެ ވަގުތަކު ސްކައުޓުން ވެފައިވާ ޤުރުބާނީ އާއި، އެއްވެސް އުޖޫރައެއް ނެތި ދަރުމައަށް ކޮށްދެމުންދާ ހިދުމަތްތަކުގެ އަގު ރައީސް ވަނީ ވަޒަންކުރައްވާފައެވެ.

ސްކައުޓް ހަރަކާތުގެ މުހިންމުކަމުގެ މައްޗަށް އަލިއަޅުއްވާލައްވަމުން ރައީސް ވިދާޅުވީ، ދިވެހީންނަށް ބޭނުންތެރި އެތައް ހުނަރުތަކަކާއި ރީތި އާދަތަކެއް މި ހަރަކާތުގެ ތެރެއިން އުނގަންނައިދީފައިވާ ކަމަށެވެ. އަދި މި ހަރަކާތުން ގައުމަށް ބިނާކޮށްދީފައިވަނީ ހަރުދަނާ ދަރިންތަކެއް ކަމަށާއި، މިއީ ރާއްޖޭގެ ރަށްތަކުގެ މެދުގައި އޮންނަ ގުޅުމުގެ އިތުރުން، ބައިނަލްއަގްވާމީ ދުނިޔޭގައި ރާއްޖެއާ އޮންނަ ގުޅުން ވަރުގަދަކޮށްދޭ ބާރެއް ކަމުގައިވެސް އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސް މުއިއްޒުގެ މެސެޖު ނިންމަވާލެއްވީ، ރާއްޖެއަށް އަންނަމުންދާ ތަރައްގީއާއެކު ކުރިމަގުގައި ސްކައުޓް ހަރަކާތް އިތުރަށް ފުޅާކޮށް، ސްކައުޓުންގެ އަދަދު އިތުރުކުރުމުގެ މުހިންމުކަން ފާހަގަކުރައްވަމުންނެވެ. ގައުމީ ހިދުމަތުގައި ސްކައުޓުންގެ ބައިވެރިވުން މިހާރަށްވުރެ ބޮޑުކުރަންޖެހޭ ކަމަށް ދެކިލައްވާކަމަށް ވިދާޅުވެ، ދިވެހި ސްކައުޓް ހަރަކާތަށް ފާގަތިކަމާއި ކާމިޔާބީއަށް އެމަނިކުފާނު އެދިވަޑައިގަތެވެ.