މި ދައުރު ނިމުމުގެ ކުރިން ސްކައުޓުންނާއި ގާލް ގައިޑުން ކޭމްޕް ދިއުމަށްޓަކައި އެޑިއުކޭޝަން މިނިސްޓްރީ އަށް ރަށެއް ހަވާލުކޮށްދެއްވާނެ ކަމަށް، ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ވައުދު އާ ކުރައްވައިފިއެވެ.

ދެކުނު ކޮރެއާގައި ބާއްވާ ދުނިޔޭގެ 25 ވަނަ ސްކައުޓް ޖެމްބޮރީގައި ބައިވެރިވާ ދިވެހި ސްކައުޓާއި ގައިޑުގެ ވަފުދާ ބައްދަލުކުރައްވައި ރައީސް ސިފަކުރެއްވީ، ދިވެހި ސްކައުޓުންނާއި ގައިޑުންނަކީ ދުނިޔޭގެ ފެންވަރުގައި ފާހަގަކޮށްލެވޭ ހުނަރުވެރި ބައެއްގެ ގޮތުގައެވެ. ރައީސް ފާހަގަކުރެއްވި ގޮތުގައި، މިފަހަރުގެ ޖެމްބޮރީގެ ޕްލޭނިން ޓީމުގައި ދިވެހި ސްކައުޓެއް ހިމެނުމަކީ އެކަމުގެ ވަރުގަދަ ހެއްކެކެވެ.

މި އަހަރުގެ ޖެމްބޮރީއަކީ މިހާތަނަށް ރާއްޖޭން އެންމެ ބޮޑު ކޮންޓިންޖެންޓެއް ތަމްސީލުކުރާ އަހަރު ކަމަށް ރައީސް ވިދާޅުވިއެވެ. އެމަނިކުފާނު އާންމުކުރެއްވި ނަންބަރުތަކުން ދައްކާ ގޮތުން، 339 ސްކައުޓުންނާއި ގާލް ގައިޑުން ހިމެނޭހެން ސްކައުޓާއި ގައިޑް ލީޑަރުންނާ އެކު ޖުމްލަ 421 ދިވެހިން މި ޖެމްބޮރީގައި ބައިވެރިވެއެވެ.

ޖެމްބޮރީގައި ހޭދަވާ ދުވަސްތަކުގައި ރަނގަޅު ސިފަތަކާއި އާދަތައް ހަރުލެއްވުމަށް އެދިވަޑައިގެން، ބައިވެރިވާ ސްކައުޓުންނާއި ގައިޑުންގެ ފަރާތުން ރައީސް ފަސް ކަމަކަށް އިލްތިމާސްކުރެއްވިއެވެ. އެއީ:

  • އިސްލާމްދީނުގެ ސައްހަ އަގީދާގައި ތިބި ބައެއްކަން ހަނދާނުގައި ބަހައްޓައި ދީނީ ވާޖިބުތަކަށް ފަރުވާތެރިވުމަށް
  • ދިވެހި ގައުމުގެ އަގު ހިފަހައްޓައި ރަނގަޅު އަހުލާގެއްގެ މަތީގައި ސާބިތުވެ ތިބުމަށް
  • ޖެމްބޮރީގައި އުޅެވެނީ ބޭރު ގައުމެއްގައި ކަން ހަނދާންކޮށް، އެ ގައުމުގެ އާދަކާދަތަކަށް ކަމޭހިތުމަށް
  • ގަވައިދުތަކަށް ފުރިހަމައަށް ކަމޭހިތައި، ގައުމަށް ރީތި ނަމެއް ހޯދައިދިނުމަށް
  • ލީޑަރުންނަށް ރައީސް އިލްތިމާސްކުރެއްވީ ރަނގަޅު ކަންކަމަށް މަގު ދައްކައިދިނުމަށް

ރައީސް ވިދާޅުވީ، ޖެމްބޮރީއެއްގައި ބައިވެރިވުމަކީ ޒުވާނުންނަށް ގިނަ ފުރުސަތުތައް ފަހިވާ ކަމެއް ކަމަށާއި، ދިރިއުޅުމުގައި ކުރިމަތިވާނެ އެތައް ކަމެއް ތަޖުރިބާކުރުމަށް ލިބޭ މުހިންމު ފުރުސަތެއް ކަމަށެވެ.

"ސްކައުޓް ހަރަކާތުގެ އެންމެ މުހިންމު އެއް ބޭނުމަކީ ދިރިއުޅުމުގެ ގޮންޖެހުންތަކާ ކުރިމަތިލައި، އަދި ދަތި އުނދަގޫތައް ގިރާކުރުމުގެ ހިތްވަރާއި ކެތްތެރިކަން ލިބިގަންނާނެ ގޮތްތައް ދަސްކުރުން... ދިވެހިންގެ ހުނަރުވެރިކަމާއި ފަންނުވެރިކަން ސާބިތުކޮށްދީ، ހިތްވަރުގަދަ ކެތްތެރި ދިވެހި ދަރިއަކަށްވުމަށް މަސައްކަތް ކުރުމަށް، ޖެމްބޮރީގެ ހުރިހާ ބައިވެރިންނަށް އަޅުގަނޑު އިލްތިމާސް ކުރަން،"

ސްކައުޓް އެސޯސިއޭޝަނާއި ގާލް ގައިޑް އެސޯސިއޭޝަންގެ ހަރަކާތްތައް ހީނަރުވެއްޖެ ކަމަށާއި، އެ ދެ އެސޯސިއޭޝަންގެ ހަރަކާތްތައް އިތުރުކުރުމަށް ގިނަ މަސައްކަތްތަކެއް ކުރެވުނު ނަމަވެސް، ކޮވިޑް-19 ގެ ސަބަބުން މި މަސައްކަތްތަކަށް ހުރަސް އެޅިގެން ދިޔަ ކަމަށް ރައީސް ވިދާޅުވިއެވެ.

މި މޭރުމުން ވާހަކަފުޅު ދައްކަވަމުން އެމަނިކުފާނު ވަނީ، ސްކައުޓުންނާއި ގައިޑުން ކޭމްޕު ދާނެ ރަށެއް ހޯދައިދޭނެ ކަމަށް މީގެ ކުރިން ވައުދުވެވަޑައިގެންފައި ވާނެ ކަމަށް ވިދާޅުވެފައެވެ.

"މިއަދު ވެސް އަޅުގަނޑު ޔަގީންކޮށް ތިޔަބޭފުޅުންނަށް އަރުވަން، އިރާދަކުރެއްވިއްޔާ އަޅުގަނޑުމެންގެ މި ދައުރުގެ ތެރޭގައި، ތިޔަބޭފުޅުންނަށް ކޭމްޕް ދާނެ ރަށެއް، ހާއްސަކޮށް އެޑިޔުކޭޝަން މިނިސްޓްރީގެ ބެލުމުގެ ދަށަށް ރަށެއް އަޅުގަނޑުމެން ހަވާލުކޮށްދޭނެ ވާހަކަ." ސްކައުޓުންނާއި ގައިޑުން ކޭމްޕު ދާނެ ރަށެއް ހޯދައިދެއްވާނެ ކަމަށް ވެވަޑައިގަތް ވައުދު އާ ކުރައްވައި އެމަނިކުފާނު ވިދާޅުވިއެވެ.