އޮފީސް ހިންގާނެ އިމާރާތެއް ނެތުމުން މޯލްޑިވްސް ސްކައުޓް އެެސޯސިއޭޝަންގެ އިދާރާއާއި ފިހާރަ ވަގުތީ ގޮތުން ބަންދުކޮށްފި އެވެ.
އެ އެސޯސިއޭޝަނުން މިއަދު ކުރި އިއުލާނެއްގައި ބުނީ، މިއަދުގެ ކުރިން ސްކައުޓްގެ އިދާރާ އާއި ފިހާރަ ހުސްކުރަން އަންގާފައިވާ ކަމަށެވެ.
އަދި މިވަގުތު ސްކައުޓް އިދާރާ ހިންގާނެ އިމާރާތެއް ހަޖެހިފައިނުވާކަން ފާހަގަކޮށް އެ އެސޯސިއޭޝަނުން ބުނީ، އިތުރު އިމާރާތެއް ހަމަޖެހެންދެން ގައުމީ ސްކައުޓް އިދާރާ އަދި ފިހާރަ ވަގުތީ ގޮތުން ބަންދުކޮށްފައިވާ ކަމަށެވެ.
އެ އޮފީސް ބަންދުކުރުމުން ދިމާވެދާނެ ދަތިތަކަށް މާފަށް އެދޭ ކަމަށް ވެސް ސްކައުޓް އެސޯސިއޭޝަނުން ބުނެފައި ވެއެވެ. ސްކައުޓް އޮފީސް މިހާރު ހިންގަނީ ޗާންދަނީ މަގުގައި ހުންނަ އަރަބިއްޔާ ސްކޫލްގެ އިމާރާތުގަ އެވެ.
ސްކައުޓް އޮފީހުންނާއި ފިހާރައިން ރާއްޖޭގެ ހުރިހާ ރަށެއްގެ ސްކައުޓް ހަރަކާތްތަކަށް ބޭނުންވާ ބެޖާއި ޔުނިފޯމް ފަދަ ތަކެތި ދަނީ ފޯރުކޮށްދެމުންނެވެ.
ރާއްޖޭގައި ސްކައުޓް ހަރަކާތް ފެށުނީ 1956 ވަނަ އަހަރުގެ މެއި 30 ވަނަ ދުވަހު، މަޖީދިއްޔާ ސްކޫލުގައި ފުރަތަމަ މާލޭ ސްކައުޓް ގްރޫޕް އުފެދުމާއެކުގައެވެ. މި ގްރޫޕް އެންމެ ފުރަތަމަ އަމާޒުކުރެވިފައިއޮތީ ކަބް ސްކައުޓުންނަށެވެ. ނަމަވެސް ފަހުން ސްކައުޓް ސެކްޝަން ފެށިގެންދިޔައެވެ. ދިވެހިރާއްޖޭގެ ސްކައުޓް އެސޯސިއޭޝަން ސަރުކާރުގައި ރަޖިސްޓްރީ ކުރެވުނީވެސް ހަމަ އެ ދުވަހުއެވެ.