ރ ފުއްގިިރި ކުއްޔަށް ދިން މައްސަލައިގައި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް ކުރާ ދައުވާގެ އަޑުއެހުން މާދަމާ މެންދުރުފަހު ބާއްވަން ނިންމައިފިއެވެ.

ފުއްގިރި ކުއްޔަށް ދިނުމުގެ މައްސަލާގައި ރައީސް ޔާމީންގެ މައްޗަށް ކުރަނީ ރިޝްވަތު ހިފުމާއި މަނީލޯންޑަރިންގެ ދައުވާއެވެ. އެ އަޑުއެހުން ތާވަލް ކޮށްފައި ވަނީ މާދަމާ މެންދުރުފަހު 1 އަށެވެ.

ޔާމީންގެ މައްޗަށް ދައުލަތުން ވަނީ މަގާމުގެ ނުފޫޒު ބޭނުން ކުރައްވައިގެން މއ. ކުރިކީލަހިޔާ އަހްމަދު ރިޒާ "ކްރިކް ރިޒާ" މެދުވެރިކޮށް ރިޝްވަތުގެ ގޮތުގައި 1.12 މިލިއަން ޑޮލަރު ހޯއްދަވައި، އެ ފައިސާ ސަން ސިޔާމް (ސަންޓްރެވަލް ސިޔާމް) ގެ ދެ ކުންފުނި މެދުވެރިކޮށް ލޯންޑާ ކުރެއްވި ކަމުގެ ތުހުމަތު ކޮށްފައެވެ.

މި މައްސަލަގައި މިމަހުގެ 6 ވަނަ ދުވަހު ކްރިމިނަލް ކޯޓުގައި ބޭއްވި އަޑުއެހުމުގައި ދެ ފަރާތުން (ދައުލަތާއި ޔާމީންގެ ފަރާތުން) ވެސް ވަނީ މައްސަލައާ ގުޅޭ އާ މައުލޫމާތުތަކެއް ލިބިފައި ވާތީ އިތުރު ހެކިތައް ހުށަހެޅުމުގެ ފުރުސަތަށް އެދިފައެވެ. އެހެންކަމުން އާ ހެކިތަކާ ގުޅޭގޮތުން ކްރިމިނަލް ކޯޓްގެ ގާޒީ އަލީ ނަދީމް ވަނީ ހެކިތަކަށް ބެލުމަށް ފަހު ބަލައިގަންނަންޖެހޭ ނަމަ ހެކިތައް ބަލައިގަންނަން ނިންމާނެ ކަމަށް ވިދާޅުވެފައެވެ.

މި މައްސަލައިގައި ދައުވާ ލިބޭ ކްރިކް ރިޒާގެ ވަކީލް ވަނީ ކުރީގެ ނައިބު ރައީސް އަހްމަދު އަދީބުގެ ކުރީގެ ވަކީލެއްގެ ގޮތުގައި ގާޒީ ނަދީމް މަސައްކަތް ކުރައްވާފައިވުމުން އެ މައްސަލައިން ތަނާޒުލުވުމަށް އެދިފައެވެ. އަހުމަދު އަދީބަކީ މި މަމައްސަލައިގެ ހެކިވެރިއެކެވެ.

ވ. އާރަށް ކުއްޔަށް ދިނުމުގެ މުއާމަލާތާ ގުޅިގެން ރައީސް ޔާމީނުގެ މައްޗަށް ދައުލަތުން އުފުލި ރިޝްވަތު ހިފުމާއި މަނީލޯންޑަރިންގެ ދައުވާ ސާބިތުވާކަމަށް ކުރިމިނަލް ކޯޓުން ނިންމައި، މިދިޔަ ޑިސެންބަރު މަހުގެ 25 ވަނަ ދުވަހު 11 އަހަރުގެ ޖަލު ހުކުމެއް ޔާމީންގެ މައްޗަށް ވަނީ އިއްވާފައި ވެއެވެ. ޔާމީން މިހާރު ހުންނެވީ އެ ހުކުމް ތަންފީޒު ކުރެއްވުމަށް ޖަލުގައެވެ.