ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން އއ. ރަސްދޫގައި ސެލްފް ސާވިސް ބޭންކިން އޭޓީއެމްގެ ހިދުމަތް ފަށްޓައިފިއެވެ.

ބީއެމްއެލް އިން ބުނީ، މިއަދު ހިދުމަތް ދޭން ފެށުނު ރަސްދޫ ބްރާންޗުގެ އާ އިމާރާތުގައި ގާއިމުކޮށްފައިވާ އެ އޭޓީއެމް ސެންޓަރު މެދުވެރިކޮށް އަމިއްލަ ފަރުދުންނާއި ވިޔަފާރިތަކަށް 24 ގަޑިއިރު ފައިސާ ނެގުމުގެ އިތުރުން ފައިސާ ޖަމާކުރުމާއި، ބިލަށް ފައިސާ ދެއްކުމާއި ޓްރާންސްފާ ކުރުމުގެ ހިދުމަތް ލިބިގެންދާނެ ކަމަށެވެ.

ރަސްދޫގައި ގާއިމްކޮށްފައިވާ ބްރާންޗް އަދި އޭޓީއެމްގެ ހިދުމަތާއެކު މިވަގުތު އއ. އަތޮޅުގެ ތިން ރަށެއްގައި ސެލްފް ސާވިސް ބޭންކިންގެ ހިދުމަތް ފޯރުކޮށްދެމުންދާ ކަމަށް ބީއެމްއެލް އިން ވަނީ ބުނެފައެވެ. އެއީ ތޮއްޑޫ، އުކުޅަސް އަދި މަތިވެރި އެވެ.

ބީއެމްއެލް އިން ބުނީ، މި އޭޓީއެމް ސެންޓަރުތައް މެދުވެރިކޮށް އަމިއްލަ ފަރުދުންނާއި ވިޔަފާރިތަކަށް އެންމެ ކައިރީ ބްރާންޗަށް ދަތުރުނުކޮށް ފަސޭހަކަމާއެކު ބޭންކިން ހިދުމަތް ލިބިގެންދާނެ ކަމަށެވެ.

​މުޅި ރާއްޖެ ހިމެނޭ ބޭންކިން ވިއުގަޔަކާއެކު 20 އަތޮޅުގައި 35 ބްރާންޗް، 84 ސެލްފްސާވިސް ބޭންކިން ސެންޓަރު، 142 އޭޓީއެމް، 200 އަށް ވުރެ ގިނަ ކޭޝް އޭޖެންޓުންގެ އިތުރުން އެންމެ ޒަމާނީ އޮންލައިން ބޭންކިން ހިދުމަތާއެކު ބީއެމްއެލްގެ އަމާޒަކީ އަމިއްލަ ފަރުދުންނާއި ވިޔަފާރިތަކާއި ރާއްޖޭގެ އެކި ކަންކޮޅުތަކުގައިވާ މުޖުތަމައުތަކަށް އެހީތެރިކަން ފޯރުކޮށްދިނުން ކަމަށް އެބޭންކުން ބުނެއެވެ.