މާލޭގައި ގެއެއްގެ 7 ވަނަ ފަންގިފިލާގައި އޭސީއެއް ހަރުކުރަން އުޅުނު މީހަކު ވެއްޓި އަނިޔާވެއްޖެއެވެ.

ފުލުހުން ބުނީ މައްޗަންގޯޅި ގެއެއްގެ 7 ވަނަ ފަންގިފިލާގައި އޭސީއެއް ހަރުކުރަން އުޅުނު މީހަކު ވެއްޓި އަނިޔާވެފައިވާ ކަމުގެ މައުލޫމާތު މިއަދު ހަވީރު 04:39 ހާއިރު ފުލުހުންނަށް ލިބިފައިވާ ކަމަށެވެ.

މި ހާދިސާގައި އަނިޔާވެފައި ވަނީ ބަންގްލަދޭޝް ފިރިހެނެއް ކަމަށް އެމީހާއަށް އައިޖީއެމްއެޗުން ފަރުވާ ދެމުންދާ ކަމަށް ފުލުހުން ބުނެއެވެ.

ފުލުހުން ބުނީ މި މައްސަލައާ ގުޅިގެން ބަލަން ޖެހޭ ކަންކަން ބަލަމުންދާ ކަމަށެވެ.

މީގެ ކުރިން ވެސް މާލޭ އަދި ހުޅުމާލޭގައި މިފަދަ ހާދިސާތައް ވަނީ ހިނގާފައެވެ. މިގޮތުން މިދިޔަ އަހަރު ހުޅުމާލޭގައި ދަންވަރު އިމާރާތަކުން ވެއްޓި ކުޑަ ކުއްޖަކު ވަނީ މަރުވެފައެވެ. އެކުއްޖާ ވެއްޓިފައިވަނީ ހުޅުމާލެ ފޭސް 1 ޕިކްޕޯސްޓް ކައިރީގައި ހުރި ގެއެއްގެ 5 ވަނަ ފްލޯއިންނެވެ.

މީގެ އިތުރުން ބައެއް މަސައްކަތު ސައިޓްތަކުގައި ނުރައްކާތެރި ހާދިސާތައް ހިނގާ މީހުންގެ ފުރާނަ ވެސް ވަނީ ގޮސްފައެވެ.