ވޯޓު ފޮށިތަކަށް ގެއްލުން ދޭ މީހުންނާ މެދު ޕާޓީއިން ފިޔަވަޅު އަޅާނެ ކަމަށް އެމްޑީޕީއިން ބުނެފިއެވެ.

މިހާރު ކުރިއަށްގެންދާ އެމްޑީޕީ ރިޔާސީ ޕްރައިމަރީގައި ގދ. ތިނަދޫ އާއި އެ އަތޮޅު ރަތަފަންދޫ ވޯޓު ފޮށި ފަޅާލި މައްސަލާގައި ރައީސް ނަޝީދުގެ 3 މަންދޫބަކު ހައްޔަރު ކޮށްފައިވާއިރު ގދ. ގައްދޫއާއި ތ. މަޑިފުށީގެ ވޯޓު ފޮށި ވެސް ވަނީ ފަޅާލައިފައެވެ. އެހެންނަމަވެސް މަޑިފުށީގައި ވޯޓުލާން ފަށާފައިވާއިރު މިހާރު ވޯޓުލާން ފަށާފައިވަނީ ދަގަނޑު ފޮއްޓަކަށެވެ.

އެމްޑީޕީއިން ވަނީ މިއަދު ކުރިއަށްދާ އެ ޕާޓީގެ ރިޔާސީ ޕްރައިމަރީގައި ވޯޓުލާ މަރުކަޒުތަކުގައި ހުރި ވޯޓު ފޮށިތައް ފަޅާ އެކި ވަރުގެ ގެއްލުންތައް ދިނުމުގެ އެއްވެސް ހަރަކާތެއް ނުހިންގުމަށް އިންތިހާބުގައި ވާދަކުރައްވާ ދެ ކެންޑިޑޭޓުންގެ ޓީމުތަކަށާއި އެންމެހާ މެމްބަރުންނަށް އިލްތިމާސްކޮށްފައެވެ. އަދި އިންތިހާބު ކުރިއަށް ގެންދިއުމަށް ކުރަންޖެހުނު ކޮންމެ ކަމެއް ކުރާނެކަމުގެ ޔަގީންކަން އެ ޕާޓީއިން ވަނީ ދީފައެވެ.

މިއަދު ހެނދުނު ވޯޓުލާން ފެށީންސުރެ އެކި ވަރުގެ ހަމަނުޖެހުންތައް ހިނގަމުން އަންނައިރު މައިގަނޑު ގޮތެއްގައި ލިސްޓުގައި ނަން ނެތް މީހުން ވޯޓު ލާ މައްސަލަ ވަރަށް ބޮޑެވެ. މާލެއާއި އަތޮޅު ތަކުގައި އެ މައްސަލަ ޖެހި މައްސަލަތައް އަންނަނީ ފެންމަތިވަމުންނެވެ.

ހައްޔަރުކުރި މީހުން ވަގުތުން ދޫކޮށްލުމަށް އަދި ވޯޓު ގަޑުބަޑު ކުރާ މީހުންނާ މެދު ފިޔަވަޅު އެޅުމަށް ރައީސް ނަޝީދު ގޮވާލައްވާފައިވާއިރު ސާފު ވޯޓަކުން މޮޅުވާނެ ކަމަށާއި ވާދަވެރިން ވޯޓް ފޮށިތައް ގަޑުބަޑުކޮށް މަސްލަހަތު ނަގާލަން ހިންގާ އެއްވެސް ކަމެއްގައި ބައިވެރިނުވުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ކެމްޕެއިން ޓީމުން ވަނީ ބުނެފައެވެ.